އެމްއާރުއެމްގެ ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
20 އެޕްރީލް 2020 - 19:06
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުގެ ލަފައާ އިރުޝާދާ އެއްގޮތަށް އަމަލުކޮށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކޮށްފި ނަމަ މިހާރު ކުރިމަތިވެފައިވާ ބަލި މަޑުކަމުން އަރައިގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގައި ހޭދަކުރެއްވި 30 އަހަރުގެ ތެރޭގައި ކުރިމަތިވެވަޑައިގެންނެވި ކާރިސާތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން، ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ، އޭރު އެ ދިމާވި ކާރިސާތަކުން ސަލާމަތްވީ ރައްޔިތުންގެ އެހީ އާއި އެއްބާރުލުން ލިބިގެން ކަމަށެވެ. އެމަނިކުފާނު ވެރިކަމުގެ ހަތަރު ވަނަ އަހަރު، 1982 ވަނަ އަހަރު، ރާއްޖޭގައި ޝިގެއްލާ ފެތުރި 13،000 މީހުންނަށް އެ ބަލި ޖެހި 197 މީހުން މަރުވި އެވެ.
އޭގެ ފަހުން 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތި ސުނާމީގައި ވެސް ބޮޑު ގެއްލުމަކާ ކުރިމަތިވެ 82 މީހުން މަރުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި އޭރު ދިމާވި ކަންތައްތަކުން އަރައިގަނެވުނީ ރައްޔިތުންގެ ފަރާތުން ދިން އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ.
"މި ކަންތައްތަކުގެ ތަޖުރިބާއިން އަޅުގަނޑަށް ވިސްނުނު އެއްޗަކީ ދިވެހި ރައްޔިތުންނަކީ މިކަހަލަ ކަންތައްތަކުގައި ވަރަށް ބޮޑަށް ގައުމީ ރޫހެއްގައި އެއްބާރުލުން ދެއްވައިގެން ގައުމަށްޓަކައި މަސައްކަތްކުރައްވާ ބައެކޭ. އެހެންވީމަ ދިވެހި ރައްޔިތުންގެ އެހީ އާއި އެއްބާރުލުން އަޅުގަނޑަށް ވަނީ އެ ހާދިސާތަކުގައި ލިބިފައި. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ކަންތައްތަކުން އަރައިގަނެވުނީ މާބޮޑު ގެއްލުންތަކެއް ނުލިބެ. އެކަންތައްތަކުން އަރައިގަތުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބުނު،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު އަޑުއަހައި އެއަށް އަމަލުކުރަން އެދިވަޑައިގެންފަ އެވެ. އޭރުން މިހާރު ފެތުރިގެން އުޅޭ ބަލިމަޑުކަމުން އަވަހަށް އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މިއަދުގެ ވެސް އިލްތިމާސް އަކީ ދިވެހި ރައްޔިތުން ވީހާ ވެސް އެއްބައިވަންތަކޮށް ތިއްބެވުން. ހުރިހާ އެންމެން ވެސް އެކަތިގަނޑަކަށް ވެގެން އެއް ރޫހެއްގައި މަސައްކަތްކުރެއްވުން... އަޅުގަނޑުމެން އެބަ ޖެހޭ މަސައްކަތްތަކެއް ކުރަން، މަސައްކަތް ކުރާއިރު އޭގެ ފައިދާ ވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. އެންމެން އެކުވެރިކަމާ އެކު މަސައްކަތްކޮށްގެން އަދި ހިތްވަރުކުރަންޖެހޭ. އަޒުމްގަދަ ކުރަންޖެހޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި ތަފާތު ކާރިސާތަކާ ދިމާވާނެ ކަމަށާއި އެފަދަ ހާލަތްތަކުގައި ކެތްތެރިވާން ޖެހޭނެ ކަމަށެވެ. ހިތްވަރުކޮށް، މާތްﷲ އަށް ވަކީލުކޮށް ހެޔޮ އަމަލުތައް ކުރުމުގައި ދެމި ހުންނެވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އެކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ސިއްހީ މާހިރުން ދެއްވާ ލަފަ އާއި ނަސޭހަތް އެންމެން ވެސް ގަބޫލުކޮށްގެން އެއާ އެއްގޮތަށް އަމަލުކުރުން ކަމަށް ވިދާޅުވި އެވެ.
ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުތްކަމުގައި ވިއަސް ބަޔަކާ ބައްދަލުވާއިރު ދުރުމިން ބަހައްޓައި، ގެއަށް ވަނުމަށްފަހު އަތްދޮވެ، ގޭ ސާފުތާހިރުކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ. އޭރުން މި ކަންތައްތަކުން އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67 އަށް އަރައިފަ އެވެ. އޭގެ ތެރެއިން މާލެއިން އެ ބަލީގެ ފުރަތަމަ މީހާ މިދިޔަ ބުދަ ދުވަހު ފެނުނު ފަހުން ވަނީ މާލެ ސަރަހައްދު ބަންދުކޮށްފަ އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ވަރަށް އެ ބަލި ހިފެހެއްޓިފައި ވަނީ ރަސްމީ ފަރާތްތަކުން ރަނގަޅު ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ކަމަށެވެ. އެ ފިޔަވަޅުތައް ނޭޅި ނަމަ ހާލަތު މާ ބޮޑަށް ގޯސްވީސް ކަމަށް ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ވެސް އަމިއްލަ ޒިންމާއެއްގެ ގޮތުގައި އެކަންތައްތައް ދެކި، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމްޕަލް
20 April 2020
ޝިގެއްލާ، ކޮލެރާ، ސުނާމީގައި ރާއްޖެއަށް ބޭރުގެ އެހީތަަށް ބައިވަރު ލިބުނު. މިހާރު ހުރިހާގައުމެއްވެސް މިތބީ އެއްހާލަތެއްގައި. ގައުމުތަކަށް ގެންނަން ތައްޔާރުކޮށްފައި ހުންނަ ސިއްހީ ސާމާނު ބާރުގަދަ ބައެއް ގައުމުތަކުން އެބަ ދަމައިގަނޭ. އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އިއްތިހާދުވެގެން ތިބި ޔޫރަޕްގެ ގައުމުތަކުންވެސް އެއުޅެނީ އެމީހުންގެ އަމިއްލަ ގައުމުގެ މީހުން ސަލާމަތްކުރެވޭތޯ. ވީމާ ޝިގެއްލާ އާ ސުނާމީއާ މިހާލަތާ އަޅާކިޔުމަކީ އެދެވޭ ކަމެއްނޫން.
ސަހަރޯ
20 April 2020
އެހެންވިއްޔާ ތި ނަންގަވަމުންދާ އިނާޔަތުން ބައެއް ކަނޑާލުން ކީއްތޯ، ރައްޔިތުން އުޅެމުން މުދާ ދަތިޙާލަށްޓަކާ، ރައީސްކަން ކޮށްފާ ތިބި މީހުންނަށްދޭ އިނާޔަތްވެސް މިވަގުތު، ސަރުކާރުން އެބަޖެހޭ ކުޑަކުރަން.
ކޮވިޑް
20 April 2020
ޝަޓް ޔޯ މައުތް...ހިހިހި...
އޮނަރަބްލް އަފީފު ދީދީ
20 April 2020
ވޭލާނާގޭ އިބްރާހިމް ނާސިރުއާއި ކިނބިގަސްދޮށުގޭ މައުމޫން އަބުދުލް ޤައްޔޫމް އަކީ ވެރިކަން ކުރުމާއި ވެރިކަމުގެ ސިޔާސަތު ކަޑައެޅުމުގައި ތަފާތެއްނެތް ޙުދުމުޙުތާރު ސަޤާފަތެއްގެމައްޗަށް ވެރިކަންކުރި 2 މީހުން. # މިރާއްޖޭގެ ރައްޔަތުން މިއުޅެމުންދާ ހިތްދަތި ކުލީ އަޅުވެތިކަމުގެ ދިރިއުޅުމަކީ ސީދާ މައުމޫނުއާއި ސިންގަޕޯރ ގައި އުޅުނު ދިވެހި ވިޔަފާރިވެރިއަކު (މިހާރު ނިޔާވެފައި) ގުޅިގެން ހިންގި ޕްލޭންގެ ނަތީޖާ ނޫންތޯ؟
ޝާޑު
20 April 2020
އަދި އަމީނުވެސް.
ސިމްޕަލް
20 April 2020
ރޭޑިއޯ، ޓީވީ، އިގިރޭސި ތައުލީމު، އެއާޕޯޓު، ފަތުރުވެރިކަން، މަސް އެކްސްޕޯޓްކުރުން، މުއާސަލާތީ ޚިދުމަތް، ޝިޕިންގް ލައިން، މިނިވަންކަން ހޯދާ ދިނުން، ރައްރަށުން ކުދިންގެނެސްގެން ސަރުކާރު ޚަރަދުގައި މާލޭގައި ކިޔަވަން ފެށުން. ނާސިރުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ފެއްޓެވި ކަންތައް.
ކައްދައިމަނިކެ
20 April 2020
ރާއްޖޭގެ ރައީސް އިބޫ ސޯލިހު ގެ މަސައްކަތް ވެސް ރަގަޅު، އެކަމަކު އެމަނިކުފާނުންގެ ލީޑަރޝިޕެއް ނުފެނޭ. މިކޮވިޑް19 ގެ މައްސަލައާއި ގުޅިގެން މައުމޫނު ގެ ތަޖްރިބާއާއި އަދި އެމަނިކުފޫންގެ ވާހަކަފުޅުން ގިނަބައެއްގެ ޕޮޒިޓިވް ސައިކޮލަޖީ ރަގަޅުވެގެންދޭ.
އެމްޑިޕީ ސޮރު
21 April 2020
ކޮން ރަނގަޅެއް؟ ކޮން ކަމެއް ރަނގަޅީ؟ މި ސަރުކާރުން ކުރި އަދި ކުރާ ރަނގަޅު އެއްމެ ކަމެއް ބުނެދީ ނިކަށް.
ދަރަނި ދަންތުރަ
20 April 2020
ކަނޑައެޅިގެން ދޮގެއް....
އަލެކްސް
20 April 2020
ވާހަކަ ނުދައްކާ މަޑުން ހުރިއްޔާ ރަނގަޅީ!
ނިރު
20 April 2020
އޭރުގެ އާބާދީއާ ބަލާފަ 197 މަރުވުން އެއީ ވަރަށް ބޮޑު ފެއިލިޔަރ އެއް... މަމޮޅުވާންވެގެން އެހެން ބުނެފިއެއްނުން
ރިސޯޓް ބޯއީ
20 April 2020
ބުރޯ މަޓީ ހުރީ ގުޅެންތަ؟ ނުގުޅެންޏާ މަމެންގެ ރަށްތައް އަތުލާ. މަމެން މިތިބީ ހަމަ ގުޅެން. އެމެންނަށްވުރެ މާ ގިނަ ޓެކްސްވެސް ޕޭކުރާނަން.
ާއުނިމާ
20 April 2020
މިކަމުގައި މަނިކުފާނުގެ އިހްމާލިވެސް ވަރަށް ބޮޑު! ތަނަކަށް ނުތަކާވަރަށް ބައިބޯކޮށް މީހުން އުޅުމުގެ ނަތީޖާ އާޚިރުގައި ވަރަށް ހިތިވާނެ! ކޮންމެ ބައްޔެއްވެސް ފެތުރޭނީ މިބީދައިން، މީ އިންޒާރު އެތަކެއްފަހަރު އެއިރެއްގެ އޮންނަ ސަރުކާރެއްގެ ކަންފަތައް އަރާފަވަނީ، ނަމަވެސް ކޮންމެ ސަރުކާރަކުންވެސް ދިނީ ބީރު ކަންފަތެއް! މިފަދަ ވަބާ ދުނިޔެއަށް އަބަދުވެސް އަންނާނެ! އެކަމަށް ނިޒާމީގޮތެއްގައި ތައްޔާރުވާން ޖެހޭނީ