ޓޫރިޒަމް ޖުލައި މަހު ފެށޭނެކަމުގެ އުއްމީދު އެބައޮތް: އަލީ ވަހީދު

ރާއްޖޭގައި މި ވަގުތު ކޮވިޑް-19އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެ އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލައިގެން ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.


ސީއެންއެންގެ "ކުއެސްޓް މީންސް ބިޒްނަސް" ޝޯ އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ވަގުތު ހާލަތު އޮތްގޮތުން ކުރިއަށްދާން އުނދަގޫތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 އިން ސަލާމަތްވުމަށް މުޅި ސަރުކާރު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުގައި އެންމެ މުހިއްމު އަމާޒަކީ ޓޫރިޒަމް އިންޑަސްޓްރީ ވެސް އަލުން ފަށައިގަނެވުންކަން އަލީ ވަހީދު ފާހަަގަކުރެއްވި އެވެ.

"އަހަރެމެން ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުނީމާ. މި ވަގުތަށް ބަލާއިރު އަހަރެމެން މި ތިބީ ތޫފާނުގެ މެދުތެރޭގައި. މި ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް މިދަނީ ކުރަމުން. ކުރެވުނުހާ އަވަހަކަށް ބޯޑަރު ހުޅުވާލެވޭނެ. އުއްމީދަކީ ތިން ވަނަ ކުއާޓަރުގައި އެކަން ކުރެވޭނެ ކަމަށް. އެއީ ޖުލައި އިން ފެށިގެން ސެޕްޓެމްބަރަށް. މި ވަގުތު މަސައްކަތް މި ކުރަނީ ރާއްޖެ އަކީ އެންމެ ރައްކާތެރި ޓޫރިސްޓުންގެ މަންޒިލުގެ ގޮތުގައި ބޭއްވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޑަބްލިއުޓީއޯ)އާ އެކު ވެސް ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި ޗައިނާ އިން ކޮވިޑް-19 ފެނި މި ބަލީގެ ނުރައްކާ ބޮޑުވާން ފެށުމާ އެކު ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން ރާއްޖޭން މި ހާލަތަށް ތައްޔާރުވާން ފެށި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އަލުން ޓޫރިޒަމް ފަށާއިރު ގިނަ ކަންތައްތައް ފުރިހަމަވާން ޖެހޭ ކަމަށާއި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބަލަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްޖޭގެ ހުރިހާ ސަލާމަތީ ކަންތައްތަކެއް ފުރިހަމަވެފައި ހުރުން ކަމަށާއި އެވަރަށް ތައްޔާރުވުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ސީއެންއެންގެ "ކުއެސްޓް މީންސް ބިޒްނަސް ޝޯގައި މިނިސްޓަރު އަލީ ވަހީދު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.

"މެއި މަހު އަޅުގަނޑުމެންގެ ކެބިނެޓާއި މަޖިލީހަށް ކަންތައްތަކެއް ހުށަހަޅާނަން. ބޯޑަރު ހުޅުވޭނީ ޑަބްލިއުއެޗްއޯ ގައިޑްލައިނާ އެއްގޮތަށް. އަޅުގަނޑުމެން ޔަގީންކުރާނަން އެއާޕޯޓާއި ރިސޯޓްތަކުގައި ސަލާމަތީ ކަންތައްތައް ފުރިހަމަކަން،" އަލީ ވަހީދު ވިދާޅުވި އެވެ. "ނަސީބެއްގެ ގޮތުން އަޅުގަނޑުމެންގެ ގައުމު ވެސް އޮތީ ރަނގަޅު ގޮތަކަށް. ކޮންމެ ރަށެއް މި އޮތީ ވަކިން. މީގެއިން ކޮންމެ ރަށެއްގައި ހުންނައިރު ވެސް އެ ހުރެވެނީ އައިސޮލޭޝަނެއްގައި. މިއީ މި ގައުމުގެ ރީތި ކަމުގެ ތެރެއިން ވެސް ލިބެން އޮތް ރައްކާތެރިކަމެއް."

މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް ޓޫރިސްޓުން ގެނައުން މަނާކުރުމާ އެކު އެ ވަގުތު ރާއްޖޭގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވި އެވެ. މިހާތަނަށް ރާއްޖޭގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ ގިނަ ޓޫރިސްޓުން ތަކެއް ވަނީ ރެސްކިއު ފްލައިޓްތަކުގައި އެނބުރި ގައުމަށް ގެންގޮސްފަ އެވެ. އެކަމަކު އަދިވެސް ރާއްޖޭގައި ގިނަ އަދަދެއްގެ ޓޫރިސްޓުން އެބަތިއްބެވެ.

"އަހަރެމެން ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުނީމާ. މި ވަގުތަށް ބަލާއިރު އަހަރެމެން މި ތިބީ ތޫފާނުގެ މެދުތެރޭގައި. މި ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް މިދަނީ ކުރަމުން. ކުރެވުނުހާ އަވަހަކަށް ބޯޑަރު ހުޅުވާލެވޭނެ. އުއްމީދަކީ ތިން ވަނަ ކުއާޓަރުގައި އެކަން ކުރެވޭނެ ކަމަށް. އެއީ ޖުލައި އިން ފެށިގެން ސެޕްޓެމްބަރަށް: އަލީ ވަހީދު

"މިހާރު ވެސް އެބަތިބި 500 އަށް ވުރެން ގިނަ ގެސްޓުން. އޭގެތެރެއިން 100 މީހުންނަކީ އެއާޕޯޓުގައި ތާށިވުމުގެ ފުރުސަތު އޮތް މީހުން. އެ މީހުން މި ބަލަހައްޓަނީ ހުވަފެނީ މަންޒިލެއްގައި. ސަރުކާރުން އެމީހުންގެ ކަންތައް މި ބަލަހައްޓަނީ. ވަރަށް ރަނގަޅަށް މިހާތަނަށް އެ ކަންތައްތައް ބަލަހައްޓަމުން މިދަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިސްޓުންގެ ހަރަދުތައް ބަލަނީ ސަރުކާރުންތޯ ސީއެންއެންގެ ރިޕޯޓަރު ސުވާލުކުރުމުން އަލީ ވަހީދު ވިދާޅުވީ ޓޫރިސްޓުންނަކީ މި ގައުމަށް މުހިއްމު ބައެއް ކަމަށާއި އެ މީހުންނަށް ރަނގަޅަށް ހިތުމަކީ މި ގައުމަށް ވެސް މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ތަނަވަސްކަން މި ވަގުތު ނެތް މީހުންނަށް (ޓޫރިސްޓުންނަށް) ސަރުކާރުން މި ހަރަދުތައް ބަލައިދެނީ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ މީހުންނަކީ އަޅުގަނޑުމެންގެ މީހުން. އެ މީހުންނަކީ ރާއްޖެ މި އޮތް ގޮތަށް ދަމަހައްޓައިދޭ މީހުންނަކީ. އަޅުގަނޑުމެން އަލުން ޓޫރިޒަމް އަށް އެނބުރި ދެވެން ވެސް އޮތީ ގެސްޓުންނާ އެކު. އެ މީހުންނަކީ ހަމަ އަޅުގަނޑުމެންގެ މީހުން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަނިކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ފަރާތްތަކަށް ރާއްޖެ އިން ދިން އެހީތެރިކަމަށް ގިނަ ޓޫރިސްޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.