04 މެއި 2020 - 01:03
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރައްޔިތުން ހޭލުންތެރިކޮށް، މައުލޫމާތު ފޯރުކޮށްދޭން ރެ އާއި ދުވާލު ނޫސްވެރިން ކުރާ މަސައްކަތުގައި އެހީވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވެ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ޝުކުރު އަދާކުރައްވައިފި އެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސިލްސިލާކޮށް ބާއްވާ މީޑިއާ ބްރީފިންގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައި މަބްރޫކް ވިދާޅުވީ ވަރުބަލިކަމެއް ނެތި، ރައްޔިތުންނަށްޓަކައި ނޫސްވެރިންކުރާ މަސައްކަތް ތާރީޚުގައި ލިއެވޭނެ ކަމަށެވެ. ރާއްޖޭގައި ބަލި ފެތުރެން ފެށުމުން މާލެ ލޮކްޑައުންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ގެއަށް ނުގޮސް އެކި ސްޓޭޝަންތަކުގައި ތިބެގެން ވެސް ނޫސްވެރިން މަސައްކަތް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެންއީއޯސީގެ މަސައްކަތް ފެށިފަހުން ކޮންމެ ދުވަހަކު މަބްރޫކް ގެންދަވަނީ، ސިއްހީ ދާއިރާ އާއި ކަމާބެހޭ އެހެން ދާއިރާތަކުގެ ބޭފުޅުންނާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި، މައުލޫމާތު ހާމަކުރައްވަމުންނެވެ. ނޫސްވެރިއަކު ކުރާ ސުވާލެއްގެ ޖަވާބު އެ ވަގުތަކު ނުދެވިއްޖެ ނަމަ، ޖެހިގެން އޮންނަ ޕްރެސް ކޮންފަރެންސަކަށް މައުލޫމާތު ހޯއްދަވައި އާއްމުކުރައްވަ އެވެ.
"ތި ލިޔުއްވާ ލިޔުންތަކަކީ ފުރާނަ ސަލާމަތްކުރެވޭ ކަމަކަށް ވެސް ވެދާނެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ކުރާ މަސައްކަތަކީ ވީ އެންމެ ގިނައިން ވީ އެންމެ ހާމަކަން ބޮޑުކޮށް ތަފާތު ކުރުމެއް ނެތި ތިބޭފުޅުންނަށް މައުލޫމާތުތައް އެރުވުން" މަބްރޫކް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން ދިވެހިރާއްޖޭގެ ތާރީހުގައި މި ހިނގައިދާ ބޮޑު ކާރިސާގެ ވާހަކަ ލިޔެވޭ އިރު ތިޔަބޭފުޅުން ގައުމަށްޓަކައި ތި ކޮށްދެއްވާ މިންނެތް މަސައްކަތް ލިޔެވިފަ އޮންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގެ އެންމެ ބޮޑު އެއް ފަހުރު ތިބޭފުޅުންނަށް މި މަސައްކަތުގައި އެހީތެރިވުމުގެ ފުރުސަތު ލިބުމަކީ" މަބްރޫކް ވިދާޅުވި އެވެ.
އަޅުގަނޑުގެ މުޅި ހަޔާތުގެ އެންމެ ބޮޑު އެއް ފަހުރު ތިބޭފުޅުންނަށް މި މަސައްކަތުގައި އެހީތެރިވުމުގެ ފުރުސަތު ލިބުމަކީ: މަބްރޫކް
ނޫސްވެރިކަމަކީ ޒިންމާދާރު ކަމެއް ކަން ފާހަގަކުރައްވައި އެކަން އެންމެ ރަނގަޅު ގޮތުގައި ކުރުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު މި އަހަރު ރާއްޖެ ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މިންގަނޑުގައި 19 ދަރަޖަ ކުރިއަށްނ ޖެހިލައިފަ އެވެ. ރާއްޖޭގައި މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔުބް
04 May 2020
ކަންތައްތައް ރަގަޅަށް ދަނީ ވެރިކަމުގައި ހުންނެވި އިބޫގެ ސަބަބުން، ވެރިކަން ލިބުމުން އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ މީޑިއާ އަށް ގެއްލުވާލި މިނިވަންކަން އަލުން ދިނުން.
ސިމްޕަލް
04 May 2020
ވަރުބަލިކަމެއް ނެތި، ރައްޔިތުންނަށްޓަކައި ތަރުޖަމާން މަބްރޫކް ތިޔަ ކުރައްވާ މަސައްކަތަކީވެސް ޝުކުރު ހައްގު ކަމެއް.
ހަސީނާ
04 May 2020
މިހާރު އެކަމަކު މަބްރޫކު ތިހާ ވަރަކަށް ނުބަލަން. ތެދުވެރިކަން ނެތްކަން އިހުސާސްވާން ފެށި ފަހުން އެހާ ގަޔާ ނުވޭ.
ހާޖީ
04 May 2020
އިނގޭ ހަސީނާމެނަށް ރަގަޅުވާނީ ކަސޯޓީކަން . އޭގަ ހެޔޮ ޕްރޭނާމެން އަނޫރަގުމެން ކިތަންމެ ދޮގެއްހެދިޔަސް ، ހަސީނާމެން 8 ޖަހާއިރަށް ދުއްވައިގަންނާނެ ދަރިންކޮޅުއެއްލާލާފަ ޓީވީދޮށަށް