ބަންގްލަދޭޝްގެ 1،500 މީހުން ފޮނުވާލަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 1،500 މީހަކު އަނބުރާ ފޮނުވައިލުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭ ގޮތުން ހަވީރު 5:30 ގައި ދެއްވި ޚިތާބެއްގައި ރައީސް ވިދާޅުވީ، ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 527 މީހުންގެ ތެރޭގައި އެންމެ ގިނައީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 268 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑް-19 އަށް މިހާތަަނަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 183 އެވެ.

ބަންގްލަދޭޝްގެ މީހުންގެ މެދުގައި ކޮވިޑް-19 އާދަޔާ ޚިލާފު ބާރު މިނެއްގައި ފެތުރޭއިރު، އެ މީހުން ފޮނުވައިލުމަށް ސަރުކާރުން އަންނަނީ މި ދުވަސްވަރު މަސައްކަތްތަކެއް ކުރަމުންނެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި އެކަމާ މެދު މަޝްވަރާ ކުރެއްވި އެވެ. އަދު އެ ކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ފަހުން ވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ވަނީ 68 މީހަކު އަނބުރާ ގެންގޮސްފަ އެވެ. އެއީ އެ ގައުމާއި ނޭޕާލްގައި ތިބި ދިވެހިން ގޮވައިގެން ރާއްޖެ އައި މަތިންދާބޯޓެކެވެ.

"ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމު ވެސް އެ މީހުން ރާއްޖެ އަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކު ކުރިމަތިވި ކަމެއް ނޫން،" ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ ޚިތާބުގައި ވަނީ ބިދޭސީންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމު ވެސް އެ މީހުން ރާއްޖެ އަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކު ކުރިމަތިވި ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ބިދޭސީންގެ މެދުގައި ފެތުރެން ފެށުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ ބިދޭސީން ކަރަންޓީން ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. އަދި އެފަދަ މީހުން މި ވަގުތަށް ބައިތިއްބާނެ ތަންތަން ސަރުކާރުން އަންނަނީ ހަދަމުންނެވެ.