ލޮކްޑައުންގައި ދައުލަތުގެ ވެރިންގެ މުސާރަ ކުޑަކުރާ ޗެލެންޖެއް އިހްސާން ފައްޓަވައިފި

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެ، އެންމެ އާދައިގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށް، ދައުލަތުގެ އިސްމަގާމުތަކާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަ ކުރުމުގެ ހާއްސަ ޗެލެންޖެއް ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ސޯޝަލް މީޑިއާގައި ފައްޓަވައިފި އެވެ.


ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއް ކުންފުނި ހިންގަވާ އިސްވެރިޔާ އިހުސާންގެ ޗެލެންޖް އާންމު ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ މުސާރަ 43 ޕަސެންޓަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ދަނޑިވަޅުގައި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވެސް މުސާރަ ކުޑަކޮށް، އެ މުއައްސަސާއެއްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރަ ސަލާމަތް ކުރެވޭނެ ގޮތެއް ހަދައި ދިނުމަށް ޗެލެންޖް ކުރައްވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

އިހްސާން "މިހާރު" އަށް ވިދާޅުވީ މިއީ ހުރިހާ ކުންފުނިތަކެއް ވެސް ވަރަށް ބޮޑު އަޑިގަނޑަކާ ކުރިމަތިލަމުންދާ ވަގުތަކަށް ވާއިރު، އެންމެން އަވަސް ވެ ގަންނަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ކަމަށާއި ހަގީގަތުގައި ޖޫނިއާ ސްޓާފުންގެ މުސާރައިން ކުޑަ އެއްޗެއް ކަނޑައިގެން ކުންފުންޏަށް ވާނެ ވަކި ފައިދާއެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ވެރިންގެ މުސާރައިން ބޮޑު ބައެއް ކެނޑިޔަސް އެ މުސާރަ ޖޫނިއާ ސްޓާފެއްގެ މުސާރައާ އެއްވަރު ނުވާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ބޭފުޅުންގެ މުސާރަ ކުޑަކޮށްގެން ސަރުކާރުގެ ހަރަދަށް ވަރަށް ބޮޑު ލުޔެއް މިވަގުތު ލިބޭނެ ކަމަށެވެ.

"ސަރުކާރުން ބައިވަރު އާ ހަރަދުތަކެއް ކުރަން ޖެހިފަ މިއޮތީ. އެހެންވީމާ މިނިސްޓަރުންނާއި މެމްބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވަނީ ސަރުކާރުން ކުރާ ހަރަދުގެ ވަރަށް ބޮޑު ބައެއް ހިއްސާވާ ބޭފުޅުން. އެ ބޭފުޅުންގެ މުސާރަ ކުޑަ ކުރުމަކީ ސަރުކާރަށް ވަރަށް ބޮޑު ލުޔެއް ލިބި އެހެން ކަންކަމަށް ކުރާ ހަރަދުތަކަށް އިތުރު ފައިސާ ވެސް ލިބޭނެ ކަމެއް،" އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހްސާން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އިހުސާން ފެއްޓެވި މި ޗެލެންޖު ހުށަހެޅުއްވި ފުރަތަމަ ބޭފުޅަކީ ވަކިން ސިފައިންގޭގެ ކުރީގެ ކާނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށެވެ.

އިހުސާން ވިދާޅުވީ މެމްބަރު ނާޒިމަކީ އަބަދުވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަތް ބޭފުޅެއް ކަމަށެވެ. އަދި މިކަމުގައި ނޮމިނޭޓް ކުރި އިރު ވިސްނެވީ ޗެލެންޖް އެކްސެޕްޓް ކުރާނެ ރައްޔިތުންގެ ހައްގުގައި އެފަދަ ކަމެއް ގައުމަށްޓަކައި ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅަކަށް ކަމަށެވެ.

މިނިސްޓަރުންނާއި މެމްބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވަނީ ސަރުކާރުން ކުރާ ހަރަދުގެ ވަރަށް ބޮޑު ބައެއް ހިއްސާވާ ބޭފުޅުން. އެ ބޭފުޅުންގެ މުސާރަ ކުޑަ ކުރުމަކީ ސަރުކާރަށް ވަރަށް ބޮޑު ލުޔެއް ލިބި އެހެން ކަންކަމަށް ކުރާ ހަރަދުތަކަށް އިތުރު ފައިސާ ވެސް ލިބޭނެ ކަމެއް،" އިހްސާން

"އަޅުގަނޑު ސިފައިންގެ އަށް ވަނުމުގެ ވެސް އެންމެ ބޮޑު އިންސްޕިރޭޝަން ކާނަލް ނާޒިމް. ކާނަލް ނާޒިމް އަކީ ރައްޔިތުންނަށްޓަކައި އެ ފަދަ ގުރުބާނީއެއް ވާން ކެރޭނެ ހަގީގީ ލީޑަރެއް. އަޅުގަނޑު ބެލީ އަޅުގަނޑުގެ ޗެލެންޖެ އެކްސެޕްޓް ކުރާނެ ބޭފުޅަކަށް ޗެލެންޖް ކުރުމަށް. އެގޮތުން ކާނަލް ނާޒިމް ހިޔާރު ކުރީ،" އިހްސާން ވިދާޅުވި އެވެ.

އިހުސާންގެ މި ޗެލެންޖް ނާޒިމް ވަނީ ގަބޫލު ކުރައްވައިފަ އެވެ. ނާޒިމްގެ މުސާރަ އިން 50 ޕަސެންޓް ނުނަންގަވަން ނިންމައިފަ އެވެ. ނާޒިމަކީ ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ އާރުސީސީގެ އެއް ހިއްސާދާރެވެ. އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވީ މިދިޔަ އަހަރު އޮތް އާންމު އިންތިޚާބުގަ އެވެ.

އިހްސާން ފެއްޓެވި ޗެލެންޖު ކުރިއަށް ގެންދެވުމުގެ ގޮތުން ނާޒިމް އެ ޗެލެންޖަށް ނޮމިނޭޓް ކުރެއްވީ ރިޕަބްލިކް އިންޖިނިއާސްގެ އެމްޑީ އަބްދުﷲ ސޯލިހެވެ.