11 މެއި 2020 - 11:21
ލޮކްޑައުންގައި ގޭގައި އިނދެ ފޫހިވެގެން ހެދީ ފޭސްބުކް ގްރޫޕެކެވެ. މި މަހު ދެ ވަނަ ދުވަހު ހެދި ގްރޫޕަށް ރައްޓެހިން އިތުރުކޮށް، އެހެން މީހުންނަށް ވެސް ދައުވަތު ދެމުން ގޮސް މިހާރު 1،400 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ. ބޭނުމަކީ މި ދުވަސްވަރު ގޭގައި ނުވަތަ އެކަނި ކޮންމެވެސް އެހެން ތަނެއްގައި ތިބެގެން ވަގުތު ހޭދަކުރާއިރު އަމިއްލަ ހުނަރު ދައްކާލުމެވެ.
ލޮކްޑައުންގައި ދިވެހިންގެ ތަފާތު ހުނަރުތަކާއި ޝުއޫރުތައް
"ކަރަންޓީން އާޓްޕޯސްޓިން" ނަމުގައި ހިންގާ މި ޕޭޖުން ކުރެހުމުގެ ހުނަރުތަކާއި ފަންނީ އެހެން ބައެއް އުފެއްދުންތައް ވެސް ފެނެ އެވެ. ތަފާތު އެކި ވައްތަރުގެ ކުރެހުމުން ފެށިގެން ތްރީޑީ އާޓާއި ޑިޖިޓަލް އާޓެވެ. މޭކަޕްގެ ހުނަރުތަކާއި ރީތި ފޮޓޯތަކެވެ. ލަވަ އާއި ރީތި މިއުޒިކް ވެސް މެ ވެ.
އަބްދުﷲ ޝިފާއުގެ ކުރެހުމެއް
އެ ގްރޫޕުގެ ފައުންޑަރު އަދި ޑިޖިޓަލް އާޓްގެ މަސައްކަތް ކުރަމުން އަންނަ އަހުމަދު އައިމަން މުހައްމަދު ބުނިގޮތުގައި އާޓްގެ ތަފާތު ވައްތަރުގެ އެއްޗިއްސާ އެކު 550 އަށް ވުރެ ގިނަ ޕޯސްޓް މިހާރު ވެސް އާންމުކޮސްފައިވެ އެވެ.
"އެހެން ކުދިން ބުނީ ގްރޫޕުގައި ހުންނަ އާޓް މަސައްކަތްތައް ފެނިފައި ވަރަށް އިންސްޕަޔާ ވެއޭ، ކުރަހާ ހިތްވެއޭ،" އައިމަން ބުންޏެވެ.
އައިމަންގެ
އެ ގްރޫޕް ހެދި ފުރަތަމަ ދުވަހު ވެސް 40 ޕޯސްޓް ޖެހި އެވެ. އެ އަދަދު މިހާރު ވަނީ، ބައެއް ދުވަސް ދުވަހު 100 އިން މަތީގަ އެވެ.
ކުރެހުމާއި މިޔުޒިކް އެކަންޏެއް ނޫނެވެ. ލޮކްޑައުންގައި ބައެއް މީހުން ލިއެފައިވާ ކުރު ވާހަކަތައް ވެސް، ޕޭޖްގައި ވަނީ އާންމުކޮށްފަ އެވެ. އެކަކު ބުނި ގޮތުގައި "މިއީ މި ކަހަލަ ކަމެއް އަހަންނަށް ނިންމާލެވުނު ފުރަތަމަ ފަހަރު" ކަމަށެވެ.
މިޔުޒިކް ކުޅުންތެރިން، ބައެއް ވީޑިއޯތައް ބޭނުންކޮށްގެން ބެކްގްރައުންޑް މިޔުޒިކް އަޅައި، އެ ވެސް މި ޕޭޖްގައި ޕޯސްޓްކުރެ އެވެ.
ދާއިން އަލީގެ އުފެއްދުމެއް
ބައެއް ޒުވާނުންނަށް މިއީ އެ މީހުންނަށް އުފެއްދިފައި ހުރި ހުނަރުވެރި ބައެއް މަސައްކަތްތައް އަލުން ދައްކާލުމުގެ ވެސް ފުރުސަތެކެވެ. އެހެންކަމުން އުއްމީދުތަކާ އެކު ކުރިން ފެށި އެކަމަކު ހުރަސްތަކެއް ދިމާވެގެން ހުއްޓިފައި ހުރި ކުދިކުދި ސިލްސިލާ ފިލްމުތައް ވެސް، ކަރަންޓީން އާޓްޕޯސްޓިންގައި ހިއްސާކުރެ އެވެ.
މިއީ ތަފާތު މައުލޫއުތަކުން ފުރިފައިވާ އަދި މި ދުވަސްވަރުގެ އުނދަގޫ އިހުސާސްތަކުގެ ތެރެއިން ޒުވާނުން ދައްކައިދޭ އެކި ޝުއޫރުތަކެވެ. އެ މީހެއްގެ މިޒާޖާ ގުޅޭ ކޮންމެވެސް އުފެއްދުމެކެވެ.
އައިމަން ބުނީ ކަރަންޓީން ނިމި ކޮވިިޑް-19 ގެ ހާލަތު ރަނގަޅުވުމުން، އާޓްސްއާ ބެހޭ ގިނަ ކަންތައްތަކެއް ކުރަން ރާވަފައިވާ ކަމަށެވެ.
މި ޕޭޖްގެ ސަބަބުން އެ ދާއިރާއާ ގުޅޭ އެކި ކަންކަމުގެ މަޝްވަރާތައް ވެސް، އެކި މީހުންގެ މެދުގައި ކުރެވެ އެވެ. އަދި ކަންކަން ރަނގަޅުކުރާނެ ގޮތުގެ ހިޔާލުތައް ވެސް ފާޅުކުރެ އެވެ.
އަހުމަދު ޖައިލަމްގެ ތްރީޑީ ކުރެހުމެއް
އައިޝަތު ނަދާގެ އާޓް މަސައްކަތެއް
ޝިފާއުގެ ކުރެހުމެއް
ޝާތިރުގެ ޑިޖިޓަލް ކުރެހުމެއް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުން ބޭބެ
11 May 2020
ކަލޯމެންގެ މަސައްކަތް= ގަދަ!