އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކަންކަން މި މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަަބްދުﷲ އަމީންއާ ރޭ ބައްދަލުކުރެއްވުމަށް ފަހު، ރޮޒައިނާ ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އައްޑޫގައި މި މަހުގެ ނިޔަލަށް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމާއި ޕީޕީއީ ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ވެސް އެ ދެބޭފުޅުން ދެއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ މެމްބަރުން ނައިބު ރައީސާއި ހެލްތު މިނިސްޓަރާ ބައްދަލުކުރެއްވިއިރު، އައްޑޫން ޓެސްޓު ނުކުރެވޭތީ، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގައި ވިދާޅުވެފައި ވަނީ އައްޑޫގައި މިހާތަނަށް ކޮވިޑަށް ޓެސްޓްކުރެވޭނެ އެއްވެސް ވަސީލަތެއް ގާއިމުކުރެވިފައި ނުވާ ކަމަށާއި 35،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕަލެއް ނަގައިގެން ޓެސްޓު ކުރަން ފްލައިޓެއް ޗާޓަރުކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށެވެ.
އިދިކޮޅު މެމްބަރު ޝިޔާމްގެ ކުއްލި މައްސަލައިގައި ވިދާޅުވީ، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއީއެޗް) ގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމުގެ ޝަކުވާ އެ ފަރާތްތަކުން ކުރަމުންދާ ކަމަށާއި ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީނު ކުރެވިފައި ނެތް ކަަމަށެވެ.
މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޝިޔާމްގެ އެ މައްސަލަ އަކީ ސިޔާސީ ބޭނުމެއްގައި މަޖިލީހަށް ފޮނުވި އެއްޗެއް ކަމަށާއި އައްޑޫގެ ކަންކަމާ ނައިފަރު މެމްބަރު ބެހިވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި ނައިބު ރައީސް ފައިސަލް އާއި ހެލްތު މިނިސްޓަރު އަމީންއާ ރޭ މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވީހާ ވެސް އަވަހަކަށް އައްޑޫގައި ހަމަޖެއްސުމާއި ޕާސަނަލް ޕްރޮޓެކްޝަން އިކްޕްމަންޓް (ޕީޕީއީ) ލިބޭނެ އިންތިޒާމާއި ކަރަންޓީނު ފެސިލިޓީތައް އިތުރުކުރުމާއި އެ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން އައްޑޫގައި ފުލުހުންގެ ހިދުމަތް ވަރުގަދަކުރުން ހިމެނެ އެވެ.
މީގެ އިތުރުން މާލޭގައި ތާށިވެފައި ތިބި އައްޑޫގެ މީހުންގެ ކަންކަން ހައްލު ކުރުމާއި އެހީގެ ގޮތުގައި ލިބޭ ތަކެތި ފަސޭހައިން ފޮނުވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.