ޕެންޝަން ފަންޑާ ގުޅޭ ސައީދުގެ ބިލް އަނެއްކާވެސް އަނބުރާ ފޮނުވާލައިފި

ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް ބަލައިނުގަނެ އަނެއްކާވެސް އަނބުރާ ފޮނުވާލައިފި އެވެ.


އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، ސައީދު ފުރަތަމަ ހުށަހެޅުއްވި ބިލް ވެސް ބަލައިނުގަތީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ކަންތައްތައް ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަނި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮންނާތީ އެވެ. އެހެންވެ ސައީދު ވަނީ ބިލަށް ބަދަލުތައް ގެނެސް އަލުން އިއްޔެ ހުށަހަޅުއްވައިފަ އެވެ.

އެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސައީދު ފޮނުއްވި ސިޓީގެ ޖަވާބު މިއަދު މަޖިލީހުގެ ޖަލްސާގައި ދެއްވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން އެއީ މެމްބަރު ސައީދަށް ހުށަހެޅުމުގެ ފުރުސަތު ނެތް ބިލެއް ކަމަށެވެ. އެހެންކަމުން އެ ބިލް ބަލައި ގަނެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއިރެއްގައި ސަރުކާރުގައި ތިއްބަވާ ބޭފުޅުން ނުވަތަ ސަރުކާރެއްގައި ތިއްބަވާ ސަރުކާރު ހިންގަވާ ޕާޓީގެ ފަރާތުން ހުށަހެޅޭގޮތަށް މި މަޖިލީހުގެ ގަވައިދު އޮތް މައްސަލައެއް. އެހެންކަމުން އަޅުގަނޑަށް އިއްޒަތްތެރި މެމްބަރުގެ ބިލް ބަލައިގަނެވެން ނެތް ވާހަކަ ހިތާމަޔާ އެކު ދަންނަވަން،" މަޖިލިސް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ބިލް އަލުން ފޮނުއްވި އިރު ވެސް ދައުލަތުގެ އާމްދަނީ އަށްް އަސަރުކުރާ ބައެއް ކަންތައްތައް އޭގައިވެ އެވެ. އެގޮތުން ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ދައުލަތުން ކުއްޔަށް ދީފައިވާ ބިން ބިމާއި ފްލެޓް ފަދަ ތަންތަނުގެ ކުލި ދެއްކުން ލަަސްކުރަން ބިލްގައި ހިމަނާފައިވެ އެވެ.

ކޮވިޑް-19އާ ހެދި އަޅާފައިވާ ފިޔަވަޅުތައް ނިމި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުތައް އަލުން ހުޅުވެންދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަންތަނުން ބޭރު ކޮށްގެން ނުވާނެ ކަމަށް ބުނާ މާއްދާއެއް ވެސް އެ ބިލްގައިވެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު، ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ބިލުގައި ކުލި ލަސްކުރަން ހުށަހަޅާފައި ވިޔަސް ފަސްކުރާ ކުލި އަނބުރާ ދައްކާ އިރު އިންޓަރެސްޓާ އެކު ދައްކަން އޮތުމުން ދައުލަތުގެ އާމްދަނީ އަށް އަސަރު ނުކުރާ ކަަމަށެވެ.

މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދަން އިދިކޮޅުން ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ. އެ ކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ހާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި، އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށެވެ. އެ ފަންޑަކީ ކިހާ މުހިއްމު ކަމަކަށް ހުރި ފައިސާއެއްކަން އެންމެން ވެސް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.