އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމެޓީ އަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.


އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރަން ހުށަހެޅީ ވެސް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީންނެވެ. އެކަމަކު އެގޮތަށް ކޮމެޓީން އިއްޔެ ހުށަހެޅީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަގާމަކުން މީހަކު ވަކިކުރަން ކޮމެޓީއަކަށް ފެނިއްޖެ ނަމަ، ވަކި ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުގެ ރިޔާސަތަށް އެކަން އަންގައި، އިއުލާން ކުރަން ޖެހެ އެވެ. އެހެންވެ، ޖެންޑާ ކޮމެޓީން ފޮނުވި އެ މައްސަލަ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމަށް ފަހު އެ މަައްސަލަ ޖެންޑާ ކޮމެޓީއަށް ފޮނުވާފައިވާ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.

އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރަން ޖެންޑާ ކޮމެޓީން ހުށަހެޅިއިރު، އެ ކޮމެޓީން ކޮވިޑް-19 އާ ގުޅިގެން ދާދިފަހުން އެކުލަވާލި ރިޕޯޓުގައި އެޗްއާރުސީއެމްގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ނުގެންދާ ކަމަށް ބުނެފައިވެ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ނައިބު ރައީސް މުހައްމަދު ޒާހިދުގެ އިތުރުން މެމްބަރުން ކަމަށްވާ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އައިޝަތު އަފްރީން މުހައްމަދެވެ. އެ ބޭފުޅުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޔަންކުރި ބޭފުޅުންނެވެ.