ސިފައިންގެ މި ވީޑިއޯއަށް އެތައް ބައެއްގެ ތައުރީފް

އިންތިހާއަށް ކަނޑު ގަދަ އެވެ. ވާރޭވެސް ވެހެ އެވެ. ޅ، ފުށިފަރު، ފާލަމުން މޫދަށް އަޅާފައިވާ ޕްލެޓްފޯމް މަތީގައި ސިފައިންގެ މީހާއަށް ކޮޅަށް ހުންނަން ވެސް ދައްޗެވެ. އެހާ ވެސް ފަޅުތެރޭގައި ބާނި ބޮޑެވެ. އެކަމަކު، ފުށިފަރު ކަރަންޓީން ފެސިލިޓީ އަށް މާލެ އިން ގެންދިޔަ ޓެސްޓް ކިޓްތަކާ ހަވާލުވާން ޖެހޭތީ، އެތަނުގައި ހުރުން ނޫން ގޮތެއް ނެތެވެ.


އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ލޯންޗް، އެ ޕްލެޓްފޯމާ ކައިރިކުރީ އެ ގަދައިގެ ތެރޭގަ އެވެ. ކިޓްތައް ހުރި ފޮށިގަނޑު ހިފައިގެން ލޯންޗްގެ ކުރީކޮޅުގައި ހުރި ސިފައިންގެ މީހާ، ރިސޯޓްގެ ޕްލެޓްފޯމު މަތީގައި ހުރި ސިފައިންގެ މީހާގެ އަތަށް ދިއްކޮށްލެވުނީ ކިރިޔާ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ލޯންޗް ޖެހުނީ މަޑުނުކޮށް އެތަނުން ދާށެވެ.

މޫސުން ގޯސްވެފައި ވަނިކޮށް ޓެސްޓް ކިޓްތައް ހަވާލު ކުރަނީ

ޓެސްޓް ކިޓްތައް ރިސޯޓަށް ގެންދަން ސިފައިން ކުރި ބުރަ މަސައްކަތް ފެންނަ ވީޑިއޯ ރޭ އެމްއެންޑީއެފުން ޓްވީޓް ކުރުމާ އެކު ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެ ވީޑިއޯ މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ބަލައި 270 މީހުން ވަނީ ރީޓްވީޓް ކޮށްފަ އެވެ. އޭގެތެރެއިން ގިނަ މީހުން ވަނީ ކޮވިޑާ ދެކޮޅަށް ސިފައިން ކުރަމުން އަންނަ ހިދުމަތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

އިބޫ ޖަލީލް ކުރި ޓްވީޓް

ޓުވިޓާގައި ހަރަކާތްތެރި އިބޫ ޖަލީލް ކުރި ޓްވީޓެއްގައި ބުނީ އެހާ މޫސުން ގޯސްއިރު ސިފައިން އެކުރި މަސައްކަތަށް ސެލިއުޓް ކުރާ ކަމަށެވެ. ކަނޑު އެހާ ގަދައިރު ވެސް އެފަދަ އޮޕަރޭޝަނެއް ހިންގުމުގެ ގާބިލްކަން ސިފައިންގެ ހުރިކަން އެނގިގެން ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ.

"ޝުކުރިއްޔާ ހިތްވަރު ގަދަ ސިފައިން. ހުނަރު އެބަހުރި. ބޯޓް ކެޕްޓަނާއި ޑެލިވަރީ ކުރި މީހާ އާއި ހަވާލުވި މީހާ ވެސް،" އޭނާގެ ޓްވީޓްގައިވެ އެވެ.

ސިފައިންނަށް ޝުކުރު އަދާކޮށް މީހަކު ކުރި ޓްވީޓެއް

ޓުވީޓްކުރި ގިނަ މީހުން ފާހަގަކުރި ގޮތުގައި، އެހާ ގަދައިރު، އެގޮތަށް ތަކެތި ހަވާލު ކުރެވޭނީ ވަރަށް ހުނަރުވެރި ބަޔަކަށެވެ. އެހެންވެ ދިވެހި ސިފައިންނަކީ ހުނަރުވެރި، އަދި ހިދުމަތުގައި ފަސް ނުޖެހޭ ބައެއްކަން މި ވީޑީއޯއިން ފެންނަ ކަމަށް އެމީހުން ބުނެ އެވެ.

"ނުވާނެ ކަމަށް ބެލެވޭ ކަމެއް އެ ކުރީ. މިކަމުގެ ފަހަތުގައި ތިބި މީހުންނާއި ކުރީގައި ތިބި މީހުން އެކުރީ ވަރަށް ރަނގަޅު މަސައްކަތެއް،" އާދަމް ޒުބައިރު އާދަމް ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައިވެ އެވެ.

ތައުރީފްކޮށް މީހަކު ކުރި ޓްވީޓެއް

ގިނަ ބަޔަކު ވަނީ ސެލިއުޓް ކުރާތަން ފެންނަ ޖިފްތައް ވެސް އެ ވީޑިއޯއަށް ރިޕްލައި ކޮށްފަ އެވެ.

ސިފައިންގެ އެ މަސައްކަތައް ތައުރީފް ކުރުމުގެ އިތުރުން ކަންބޮޑުވުމެއް ވެސް ގިނަ ބަޔަކު ފާހަގަ ކުރި އެވެ. އެއީ އެ ވީޑިއޯއިން ފެންނަ ސިފައިން އެހާ ނުރައްކާތެރި ކަމެއް ކުރާއިރު ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާތީ އެވެ.

ދީދީ ކުރެއްވި ޓްވީޓް

ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ) ކުރެއްވި ޓްވީޓެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޓެގް ކުރައްވައި ވިދާޅުވީ މި އުނދަގޫ ހާލަތުގައި ސިފައިން ކުރަމުން އަންނަ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ. އަދި ސިފައިން މަސައްކަތުގައި އުޅޭއިރު އެމީހުންގެ ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރު ކުރަން، ސިފައިންގެ ވެރިންގެ ކިބައިން ދީދީ އެދިވަޑައިގަތެވެ.

"މި ހާލަތުގައި ކީއްވެތޯ އޭނާ ލައިފްޖެކެޓް ބޭނުން ނުކުރީ؟،" މާރިޔާގެ އިތުރުން އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އެމްއެންޑީއެފްގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވައި ދީދީ ސުވާލު ކުރެއްވި އެވެ.

އިބޫ ޖަލީލް ވެސް ވަނީ މިފަދަ މޫސުން ގޯސް ހާލަތްތަކުގައި ރައްކާތެރިކަމާ އެކު ތަކެތި ފޯރުކޮށްދިނުމަށް ޑްރޯންގެ ބޭނުން ކުރަން ފަށަން ޖެހޭ ކަމަށް ބުނެފަ އެވެ.

ލައިފް ޖެކެޓް ނާޅައި ތިބުމުން ކަންބޮޑުވުން ފާޅުކޮށް ކޮށްފައިވާ ޓްވީޓެއް

އެ މީހުންގެ އިތުރުން ވެސް ސިފައިންގެ ހިދުމަތް އަގުވަޒަންކޮށް ޓްވީޓް ކުރި ބައެއް މީހުން ވަނީ އެހާ މޫސުން ގޯސްއިރު އެފަދަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިން ލައިފްޖެކެޓް ފަދަ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހިންގާ ހުރިހާ ކަމެއްގައިވެސް އެންމެ ކުރީ ސަފުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެތައް ރިސޯޓެއް ކަރަންޓީން ފެސިލިޓީ އާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރާއިރު އެތަންތަނުގެ އޮޕަރޭޝަނާ ހަވާލުވެ ތިބީ ސިފައިންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ފަހުން ހެދި ކޮވިޑް-19 ވިލެޖްގެ މަސައްކަތުގައި ވެސް އިސްކޮށް އުޅުނީ ސިފައިންނެވެ. މެދުކެނޑުމެއް ނެތި 24 ގަޑިއިރު މަސައްކަތްކޮށް އެ ތަނުގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ.