ބަންގްލަދޭޝްގެ 1،000 މީހުން މިހާތަނަށް ފޮނުވާލައިފި

ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ 1،000 މީހަކު މިހާތަނަށް އެ ގައުމަށް އަނބުރާ ފޮނުވާލާފައިފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓްވިޓާ މެދުވެރިކޮށް ޝާހިދު ވިދާޅުވީ، މިއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން ކުރައްވަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއް

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ގެންދައްވާ ޕްރޮގްރާމުގެ ދަށުން، މިއަދު ފޮނުވާލެވުނު މީހުންނާ އެކު ސައްހަ ލިޔެކިޔުމެއް ނެތް ބަންގްލަދޭޝްގެ 1،000 މީހުން މިހާތަނަށް އެ ގައުމަށް އަނބުރާ ފޮނުވާލެވިއްޖެ،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވަން ފެށީ މިދިޔަ މަހުގެ 21 ގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަން އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތެއް ކުރަމުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމަން އެއާލައިން އަދި އެ ގައުމުގެ އަސްކަރީ ބޯޓުތައް މެދުވެރިކޮށް އިތުރު މީހުން ފޮނުވަން ރާވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސައްހަ ލިޔެކިޔުމެއް ނެތް 152 ބަންގްލަދޭޝް މީހަކު ވަނީ މިއަދު ފުރުވާލައިފަ އެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 352 ބަންގްލަދޭޝް މީހަކު އިއްޔެ ވެސް ފޮނުވާލާފައިވެ އެވެ.

އިތުރުން 192 ބަންގްލަދޭޝް މީހަކު ވެސް އެ ގައުމަށް މިއަދު ވަނީ ފުރާފައި ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުންޏެވެ. އެއީ ޔުނިވާސަލް އެންޓަޕްރައިސްގައި މުވައްޒަފުންތަކެއް ކަމަށާއި އެ މީހުން ފުރުވާލީ އެ ކުންފުނިން ޗާޓަރު ކުރި މަތިންދާ ބޯޓެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ ޖުމްލަ 350 ބަންގްލަދޭޝް މީހުން މިއަދު ފުރާފައިވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ 1،500 ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި މި މަސައްކަތް ކުރާނީ، އެ ގައުމުގެ ސަރުކާރާ މަޝްވަރާކޮށްގެން ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

ސައްހަ ލިޔެކިިޔުމެއް ނެތް 60،000 އެއްހާ ބިދޭސީން ރާއްޖޭގައި އުޅޭ އިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ މީހުން ބަންގްލަދޭޝް އަށް އަނބުރާ ގެންދަން އެ ގައުމުގެ ސަރުކާރާއި އެކު މަޝްވަރާ ކުރަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާ އިރު، މި ބަލި އެންމެ ރާއްޖެ އިން ގިނައިން ޖެހިފައި ވަނީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނަށެވެ. މިހާތަނަށް 1،313 މީހަކަށް ރާއްޖޭގައި މި ބަލި ޖެހިފައިވާ އިރު، އޭގެ ތެރޭގައި ބަންލަދޭޝްގެ 676 މީހުން ހިމެނެ އެވެ.