ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދެންތަ؟

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ގައިގެ ހަންގަނޑު ޖަރާސީމުން ސަލާމަތް ކުރުމަށްޓަކައި މުހިއްމު ކަންތައްތަކެއް ކުރަން ޖެހެ އެވެ. ހާއްސަކޮށް ގިނައިން އަތް ދޮވެ، ސެނިޓައިޒް ކުރުމުގެ ސަބަބުން ވެސް ބައެއް މީހުންގެ ހަންގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. މި ހާލަތުގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ޓަކައި ކުރެވިދާނެ މުހިއްމު ކަންތައްތަކެއް ހުރެ އެވެ.


ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ހާއްސަ، ޑޮކްޓަރު ފަރްޒީން ނާސިރު ވަނީ މި ހާލަތުގައި ހަންގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވިދާނެ މުހިއްމު ގިނަ ކަންކަން ފާހަގަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މާގިނައިން އަތް ދޮވެ ސެނިޓައިޒް ކުރުމުގެ ސަބަބުން ހަންގަނޑު ހިކި ފަޅަފަޅައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަންގަނޑު ފަޅައިގެން ދިއުމުގެ ސަބަބުން މި ތަންތަނުން ވައިރަސް ހަށިގަނޑަށް އެތެރެވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުން ސަލާމަތްވުމަށް ޓަކައި ސައިބޯނި ނުއެކުލެވޭ މައިލްޑް ކްލެންސާއެއް ފެންވެރުމަށާއި އަތް ދޮވުމަށް ބޭނުން ކުރުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ. އަދި ގިނަ ގިނައިން މޮއިސްޗަރައިޒާ ބޭނުންކުރުމަށް ވެސް އޭނާ އިލްތިމާސްކުރައްވަ އެވެ. މޮއިސްޗަރައިޒާ ބޭނުން ކުރުމުގައި ސެންޓު ނުއެކުލެވޭ ރަނގަޅު ފެންވަރުގެ މޮއިސްޗަރައިޒާ ބޭނުން ކުރުން މުހިއްމެވެ. އަދި ގިނައިން ފެން ބުއިމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

އޭނާ ވިދާޅުވީ، ފޭސް މާސްކްގެ ސަބަބުން ހަންގަނޑު ހިރުވައި އުނދަގޫތަކެއްވުން އެކަށީގެންވާ ކަމަށާއި މިހެންވާނަމަ މައިލްޑް ކްލެންސާ އެއް ބޭނުންކޮށް ގިނައިން މޮއިސްޗަރައިޒާ ބޭނުން ކުރުން ވަރަށް މުހިއްމު ކަމަށެވެ. އަދި ފޮތި މާސްކް ބޭނުން ކުރާ ނަމަ މާސްކް އެޅުމުގެ ކުރިން ރަނގަޅަށް ދޮވެ ހިއްކުމަށާއި ކޮންމެ ހަތަރު ގަޑި އިރަކު މާސްކް ބަދަލުކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

ބެލްކަންޏަށް ނުވަތަ ޓެރަހަށް އަރައި އިރުގެ އަލިކަން ހޯދައި ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ހޯދުމުން ވެސް ހަންގަނޑު ރީތިކޮށް ބެހެއްޓޭނެ އެވެ. އެގޮތުން އިރުގެ އަލިކަން ހޯދަން ކުޑަދޮރުތައް ދުވާލުގަޑީގައި ހުޅުވާފައި ބެހެއްޓިދާނެ އެވެ. އަދި މީގެ އިތުރުން ވިޓަމިން ޑީ އެކުލެވޭ ކިރު، ޖޫސް އަދި ވިޓަމިން ޑީ އެކުލެވޭ ކާނާ ބޭނުން ކުރުން ވެސް ވަރަށް މުހިއްމެވެ. މީގެ ކުރިން ހަށިގަނޑުގައި ވިޓަމިން ޑީ މަދުވެފައިވާކަން ފާހަގަކުރެވިފައިވާނަމަ ވިޓަމިން ޑީ ސަޕްލިމެންޓެއް ނެގިދާނެ އެވެ.

މާގިނައިން ޕްރޮސެސްޑް ފުޑް ކެއުމުގެ ސަބަބުން ގައި ކަހައި ގިނައިން ބިހިނެގުން ފަދަ ކަންކަން ދިމާވުން އެކަށީގެންވާ ކަމަށާއި ވީހާ ވެސް ގިނައިން ތާޒާ ކާނާ ކެއުމަށާއި ބެލެންސްޑް ޑައެޓް އެއް ގެންގުޅުން ވަރަށް މުހިއްމު ކަމަށް ފަރްޒީން ވިދާޅުވެ އެވެ.

މީގެ އިތުރުން ފިކުރުބޮޑުވާ ކަންކަމުން ދުރުވެ، ފިކުރުބޮޑުވާ ނަމަ ހިތްހަމަޖެހޭ ރިލެކްސްވާ ކަހަލަ ކަމެއް ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަމަ ނިދި ނިދުމަކީ މުހިންމު ކަމެކެވެ. އެކި މީހުންނަށް ނިދި ބޭނުންވާ މިންވަރު ތަފާތެވެ. ކޮންމެ ރެއަކު ވެސް ހަ ގަޑި އިރާއި ނުވަ ގަޑި އިރުގެ ހަމަ ނިދި ލިބޭތޯ ބެލުން ވަރަށް ވެސް މުހިއްމެވެ. ގިނަގިނައިން ހަރަކާތްތެރިވެ ކަސްރަތުކުރުމުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީވެ އެވެ. އަދި ބޭރަށް ނުދިޔަ ކަމުގައި ވީނަމަވެސް ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ފެންވަރައި ސާފް ތާހިރުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ޑރ. ފަރުޒީން އެދިވަޑައިގަނެ އެވެ.

ޓްރީ ޓޮޕުން ބުނީ ހަމުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ނުވަތަ ހަމުގެ މައްސަލައަކާ ގުޅިގެން ބޭސް ބޭނުންކުރަން ޖެހޭނަމަ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޓެލެމެޑިސިންގެ ޒަރީއާއިން ހަމުގެ ޑޮކްޓަރަކަށް ދެއްކޭނެ ކަމަށެވެ.