އެމްޓީސީސީގެ ދަތުރުތައް މާދަމާއިން ފެށިގެން އިތުރުވާނެ

ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ އެކު މާލެ ސަރަހައްދުގައި އެމްޓީސީސީގެ އަންނަ އާންމު ދަތުރުފަތުރުގެ ހިދުމަތަށް ގެނައި ބަދަލުތަކަށް ފަހު މާދަމާ އިން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ދަތުރުތައް އިތުރުކުރާނެ ކަމަށް އެ ކުންފުނިން ނިންމައިފި އެވެ.


ކޮވިޑް-19 ފެތުރޭތީ އިއުލާނުކުރި ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި ލުއިތަކުގައި ކޮންމެ ދުވަހެއްގެ ފަތިހު 5 އިން ރޭގަނޑު 10 އާ ހަމައަށް ހުއްދައަކާ ނުލައި އެންމެންނަށް ވެސް ބޭރުގައި އުޅެވޭނެ އެެވެ.

އެމްޓީސީސީން ބުނީ މާދަމާ އިން ފެށިގެން ދަތުރުކުރާއިރު އެންމެން ވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށެވެ. އަދި ޓާމިނަލް ތެރޭގަ އާއި އުޅަނދުގައި ތިބޭއިރު ފަސިންޖަރުން ތިބެންޖެހޭނީ ދުރުދުރުގަ އެވެ.

މާދަމާ އިން ފެށިގެން ވިލިމާލޭ ފެރީ ދަތުރުތައް، ބަންދު ނޫން ދުވަސްތަކުގައި އޮންނާނީ ހެނދުނު 5:45 އިން ފެށިގެންނެވެ. އެގޮތުން ރޭގަނޑު 1:00 އާ ހަމައަށް ކޮންމެ 15 މިނެޓަކުން ފެރީއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ރޭގަނޑު 10:00 ގެ ފަހުން ދަތުރު ކުރެވޭނީ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ޕްރިމިއަމް ފެރީ އާންމު ދުވަސްތަކުގެ ހެނދުނު 6:00 އިން ރޭގަނޑު 9:30 އާ ހަމައަށް ކޮންމެ 30 މިނެޓަކުން އޮންނާނެ އެވެ. އެހެން ވަގުތުތަކުގައި އޮންނާނީ ކޮންމެ ގަޑިއިރަކުން އެއް ދަތުރެވެ.

ހުޅުމާލޭ އެތެރޭގައި ދަތުރުކުރާ ބަސްތައް ވެސް ފަތިހު 5:30 އިން ފެށިގެން ރޭގަނޑު 9:55 އާ ދެމެދު އާންމު އުސޫލުން ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލެ އާއި ހުޅުލޭ އެއާޕޯޓާ ދެމެދު ދަތުރުކުރާ ބަސްތައް ވެސް ފަތިހު 5:30 އިން ފެށިގެން ރޭގަނޑު 12:30 އާ ހަމައަށް ކޮންމެ 30 މިނެޓަކުން ދަތުރެއް ކުރަން ވަނީ ނިންމައިފަ އެވެ.

ތިލަފުއްޓާއި މާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އަށް އޮންނާނެ އެވެ. ގުޅިފަޅާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތައް ހެނދުނު 7:15 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް އޮންނާނެ އެވެ.

އަތޮޅުތެރޭގައި ދަތުރުކުރާ އެމްޓީސީސީގެ ފެރީތައް ވެސް މާދަމާ އިން ފެށިގެން ދަތުރުކުރާނެ އެވެ.

މުޅި މާލެ ލޮކްޑައުންއެއްގައި އޮންނަތާ ދެ މަސް ވެފައިވާއިރު ވޭތުވެދިޔަ ދުވަސްތަކުގައި ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ބާއްވަމުން އައީ އާންމު ޝެޑިއުލަށް ވުރެ މަދުކޮށެވެ. މާދަމާއިން ފެށިގެން އަމިއްލަ ގިނަ އޮފީސްތަކެއް ވެސް ހުޅުވާއިރު އާންމު ދަތުރުތަކަށް ބާރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.