ހިލޭ ޑިގްރީ އަށް ކިޔަވައިދިނުން ގާނޫނަކުން ލާޒިމްކުރަން ބާރުއަޅަނީ

ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔަވައިދިނުން ލާޒިމްކޮށް ގާނޫނުގައި ހިމަނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ބާރުއަޅާ ކަމަށް، އެ ކޮމެޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ދެން އަންނަ ބަދަލާ އެކު ހިލޭ ޑިގްރީ ކިޔަވައިދިނުމަކީ ނެތް އެއްޗަކަށް ވެދާނެތީ ބައިވަރު ދަރިވަރުންތަކެއް މަގުމަތިވެދާނެ ކަމަށެވެ.

އެހެންވެ އެކަން ގާނޫނުގައި ހިމަނަން ބާރުއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމެޓީގެ އިއްޒަތްތެރި މެމްބަރުން ވެސް ވަރަށް ބާރުއަޅާ ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ [ކިޔެވުން] ގާނޫނުގައި ހިމަނާފައި އޮތުމަށް،" އަހުމަދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު އެއް ވައުދުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީ އަށް ކިޔަވައިދޭން ފަށައިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 14 އިން ފެށިގެންނެވެ. އެ ފުރުސަތުގެ ދަށުން ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު އެކަމަށް މިދިޔަ އޮކްޓޯބަރު މަހާ ހަމައަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.

ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، 100 ޕަސެންޓް ހިލޭ ވަނީ ހަމައެކަނި ސަރުކާރުގެ ދެ ޔުނިވާސިޓީގަ އެވެ. އަމިއްލަ ކޮލެޖުތަކުގައި ހިންގާ ކޯސްތަކުގެ ޓިއުޝަން ފީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ކަވަރު ކުރެ އެވެ. އެ ލިބޭނީ ވެސް އެކަމަށް އެދޭ ދަރިވަރުންނަށް އެކަންޏެވެ.

ތައުލީމާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަދައްކަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ، ހިލޭ ޑިގްރީއަށް ކިޔަވައިދޭއިރު ޝަރުތުތަކެއް ހިމަނަންޖެހޭ ކަމަށެވެ. ގިނަ ފަހަރަށް ހިލޭ އެއްޗެއް ލިބޭނަމަ އޭގެ އަގެއް ގިނަ ފަހަރަށް ނޯންނާނެ ކަމަށެވެ.