ހަރަމްފުޅުގައި، ދުރުދުރުގައި ތިބެ ނަމާދުކުރަނީ
22 ޖޫން 2020 - 23:47
މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައޫދީ އަރަބިއްޔާގައި އުޅޭ މީހުންނަށް ކަމަށާއި އެކަމަކު އެ ފުރުސަތު ލިބޭނީ މަދު ބަޔަކަށް ކަމަށް ސައޫދީން މިރޭ އިއުލާނުކޮށްފި އެވެ.
ސައޫދީގެ ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިގޮތަށް ނިންމީ ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އެންމެ ބޮޑީ މީހުންގެ ތޮއްޖެހުން ބޮޑު އަދި ގިނަ މީހުން އެއްވާ ތަންތަނުގައި ކަމަށްވާތީ ކަމަށެވެ.
އެހެންވެ ހައްޖުގެ އަޅުކަން މިފަހަރު ބާއްވަން ނިންމާފައިވަނީ މަދު ބަޔަކާ އެކުގައި ކަމަށާއި ސައޫދީގައި މިހާރު ތިބި ސައޫދީ ރައްޔިތުންނާއި އެހެން ގައުމުތަކުގެ މީހުންނަށް ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރި އެތައް ބަޔަކު ސައޫދީން ވެސް މަރުވެފައި ވާއިރު އެ ގައުމުން ބަލީގެ ވަރަށް ކުރީކޮޅު، އުމްރާގެ އަޅުކަމަށް މީހުން އައުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ދެ ހަރަމްފުޅާއި މިސްކިތްތައް ވެސް ބަންދުކޮށް ސައޫދީ ލޮކްޑައުންކުރި އެވެ. ނަމަވެސް އެ ފިޔަވަޅުތަކަށް ވަނީ ލުއި ދޭން ފަށައިފަ އެވެ. އެކަމަކު އަދިވެސް ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ. އުމްރާގެ އަޅުކަން ވެސް އަދި އަލުން ނުފަށަ އެވެ.
ހައްޖު މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަން، މަދު ބަޔަކާ އެކު ބާއްވަން ނިންމީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެކަކު އަނެކަކާ ދުރުގައި ތިބެވޭ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރަން ކަމަށެވެ.
ހައްޖުގެ އަޅުކަމުގައި އާންމުކޮޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. ނަމަވެސް މިފަހަރު މި އަޅުކަމުގައި ބައިވެރިކުރާނީ ކިހާ މީހުންނެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް-19 ފެތުރެން ފަށައި، ހައްޖުގެ އަޅުކަން އާންމު އުސޫލުން ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތުމުން ސައޫދީން ކުރިން ވަނީ ހައްޖުގެ އަޅުކަމަށް ތައްޔާރީތައް ވުމާއި އެކަމަށް ޚަރަދުތައް ކުރުން މަޑުޖައްސައިލަން އެދިފަ އެވެ.
ސައޫދީން މިހާތަނަށް 158،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި 1،267 މީހަކު ވަނި މަރުވެފަ އެވެ. ނަމަވެސް އެ ގައުމުން މިހާރު އަންނަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށް، އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރަމުންނެވެ.
ހައްޖުގެ އަޅުކަމަށް ދިއުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ލިބުނަސް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަވަރު
23 June 2020
މިއީ ހަމަ ސޯލިހުގެ ނާގާބިލު ކަން. ރައީސް ޔާމީން ވެރިކަމުގައި ހުރިނަމަ ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ދިވެހިންނަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތް މަގުފަހި ކޮށްދޭނެ ކަން ޔަގީން
ޚިޔާލު
23 June 2020
ހައްޖުގެ މަތިވެރި އަޅުކަން އޮންނަން ޖެހޭނީ މަދު ބަޔަކަށް ނޫން. އެންމެންނަށް. އެކަމަކު މިއަހަރު ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތް
ޕޮގުބަ
23 June 2020
އުފާވެރި ޚަބަރެއް ތިކަމުން އިސްލާމިކް މިނިސްޓްރީއަށް ކުރެވޭނެކަމެއްނެތް ބަލިފެތުރޭގޮތް އެންމެމޮޅަށް ދެނެވޮޑިގެންވަނީﷲ ހަމަޔަގީނުންވެސް ކޮވިޑް ފެތުރޭގޮތެއް ނޭންގެ އެކަކަވެސް ބަލިފެތުރޭގޮތެއް އެގޭނަމަތާ ބަލިން ރަށްކާތެރި ވެވޭނީވެސް
އިބުނިހަޖަރު
23 June 2020
ވަރަށް އުފާވެރި ޚަބަރެއް. އިސްލާމިކް މިނިސްޓްރީ އިން މިއަހަރު ހުއްދަ ލިބިއްޖެނަމަ ހައްޖައް މީހުންފޮނުވާނެކަމަށް އިއުލާންކުރުމާއެކުވެސް އަހަރެން ހިތައް އެރީ މިއީ ކޮންފަދަ ދޯހަޅި ނިންމުމެއްބާއޭ. ކޮވިޑް ގެ ވަބާ މިހާބޮޑުވެފައި އޮވެ ރާއްޖޭގައި އެވަބާ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި ވަނިކޮށް ހައްޖަށް މީހުން ފޮނުވުމަކީ އަލިފާނަށް ތެޔޮ އެޅުންފަދަކަމެއް. ހައްޖައް މިއަހަރު މީހުން ފޮނުވިނަމަ ކޮވިޑް ރޯގާ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ފެތުރޭނެ .