ކަސްޓަމްސްގެ ވެރިއަކަށް އަބްދުﷲ ޝަރީފް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ. މިއީ، ފަހުގެ ތާރީޚެއްގައި ކަސްޓަމްސްގެ އިދާރާގެ ތެރެއިން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.


އަބްދުﷲ ޝަރީފަކީ މީގެ 26 އަހަރު ކުރިން ކަސްޓަމްސްގެ ޚިދުމަތާ ގުޅިވަޑައިގެންނެވި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އަބްދުﷲ ޝަރީފް މި އައްޔަން ކުރެއްވީ، ޑިސެމްބަރު 11، 2018 ން ފެށިގެން އެ މަގާމު ފުރުއްވަމުން އައި އަހުމަދު ނުއުމާން، މާޗް 31 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވި ނުއުމާން އާލާސްކަންފުޅާ އުޅުއްވި ހިސާބުން ފެށިގެން ހައެއްކަ މަސް ވަންދެން ވެސް ކަސްޓަމްސް ހިންގުމުގައި އިސްކޮށް ހުންނެވީ އަބްދުﷲ ޝަރީފެވެ. ނުއުމާން އަވަހާރަވި ފަހުން މިދިޔަ ތިން މަހެއްހާ ދުވަހު ވެސް ކަސްޓަމްސް ވަގުތީ ގޮތުން ހިންގެވީ އަބްދުﷲ ޝަރީފެވެ.

ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން، ކޮމިޝަނަ ޖެނެރަލް ނެތް ހިނދެއްގައި އިދާރާގެ ހިންގުމާ ހަވާލުވެ ވަޑައިގަންނަވާނީ ޑެޕިއުޓީ ކޮމިޝަނަރެވެ. ޑެޕިއުޓީ ދެ ކޮމިޝަނަރުން ތިއްބަވާ ނަމަ، ކޮމިޝަނަރު ނެތް ހާލަތެއްގައި ޒިންމާތަކާ ހަވާލުވެ ވަޑައިގަންނަވާނެ ޑެޕިއުޓީ ކޮމިޝަނަރަކު، ކުރިން ކަނޑައަޅާފައި ބޭއްވުން ގާނޫނު ލާޒިމްކުރެ އެވެ. އެ އުސޫލުން، މިދިޔަ އަހަރުގެ ޖުލައި 8 ގައި ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރެއްވުމަށް ފަހު، ކޮމިޝަނާ ޖެނެރަލް ނެތް ހިނދެއްގައި އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ އަބްދުﷲ ޝަރީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން އޮތީ ނިންމަވައިފަ އެވެ. ކަސްޓަމްސްގެ އިސްވެރިޔާގެ މަސްއޫލިއްޔަތު އަބްދުﷲ ޝަރީފް މިހާތަނަށް އަދާކުރައްވަމުން ގެންދެވީ އެ އުސޫލުންނެވެ.