ޓްރީޓޮޕް ހޮސްޕިޓަލް.-- މިހާރު ފޮޓޯ
30 ޖޫން 2020 - 21:08
ޓްރީޓޮޕް ހޮސްޕިޓަލް މާދަމާ އިން ފެށިގެން އާއްމު ހާލަތަށް ބަދަލުވާނެ ކަމަށް، އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރާ އެކު އެ ހޮސްޕިޓަލުން ތިން މަސް ދުވަހުގެ އެއްބަސްވުމެއް ހެދީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އެކަމަކު ސަރުކާރުން ބޭނުންވެގެން އެއްބަސްވުން ބާތިލްކޮށް، އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ތިން މީހަކު ވެސް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އޯޕީޑީ އާއި ފްލޫ ކްލިނިކް އަދި ޓެލެމެޑިސިން ކޮންސަލްޓޭޝަންގެ ހިދުމަތް މާދަމާ އިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ލިބޭނެ ކަމަށެވެ. އީއާރުގެ ހިދުމަތްތައް ފަށަން ހަމަޖައްސާފައި ވަނީ އަންނަ ބުރާސްފަތި ދުވަހެވެ.
މާދަމާ އިން ފެށިގެން އާއްމު ހާލަތަކަށް ބަދަލުވާ އިރު ޓްރީ ޓޮޕަށް ވަންނަ ކޮންމެ މީހެއްގެ ހުން ބަލައި ޓްރެވަލް ހިސްޓްރީ ޗެކު ކުރާނެ އެވެ. ހުއްޓުމެއް ނެތި ހޮސްޕިޓަލް ޑިސްއިންފެންކްޓު ކުރުމާއި ސޯޝަލް ޑިސްޓެންސިން ހިޔާރުކުރުމާއި ހުރިހާ ކައުންޓަރެއްގައި "ޕްލެކްސީ ގްލާސް" ސްކްރީން ހަރުކުރާނެ ކަމަށް ވެސް ބުންޏެވެ. ޓްރީ ޓޮޕުން ދޭ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުަމަށާއި އެޕޮއިންޓްމަންޓް ހެދުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅާލެވޭނެ އެވެ. އަދި 24 ގަަޑިއިރު އެމްބިއުލާންސްގެ ހިދުމަތް ހޯދުމަށް 161 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ހާއްސަ ސެންޓަރެއްގެ ގޮތުގައި ޓްރީ ޓޮޕް ސަރުކާރަށް ދީފައި ވަނީ ހިލެ އެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ، ޑޭވިޑް ފެއިންބާގް ވިދާޅުވީ ސަރުކާރަށް ހޮސްޕިޓަލް ހަވާލުކޮށްފައި ވަނީ ތިން މަސް ދުވަހަށް ކަމަށްވާ އިރު އެ މުއްދަތުގައި ކުރާ ހަރަދުތަކުގެ ބޮޑު ބައި ނަގާނީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކަމަށެވެ. އެގޮތުން ކޮންމެ މަހަކު 20 މިލިއަން ރުފިޔާ މެނޭޖްމަންޓުން ހަރަދުކުރާނެ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy