ކަންބޮޑުވުމަށް މަލީހުގެ ރައްދު: "ރަނުންރަނަށް ފުއްދައިފިން"

ބައެއް ވަޒީރުންގެ އަމަލުތައް ސަރުކާރަށް ނިސްބަތް ނުވާ ފަދަ ގޮތަކަށް ފެންނާތީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވުމުން، ވައުދުތައް "ރަނުންރަނަށް" ފުއްދަވާފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މި ކަންބޮޑުވުން ފާޅުކުރެއްވީ ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދެވެ. ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް، އޭނާ ވިދާޅުވީ ސަރުކާރުގެ މިނިސްޓަރެއް ނޫން ކަމަށް ސިފަވާ ގޮތަށް ބައެއް މިނިސްޓަރުންގެ އަމަލުތައް ފެންނަމުން ދިއުމެވެ.

މިނިސްޓަރަކާ މަަސައްކަތްތައް ހަވާލުކުރާއިރު، ދައުލަތުގެ ބަޖެޓާއި ދެން ވެސް އެހެން ދަތިތަކެއް ހުއްޓަސް އެ ކަންކަމުގައި ހައްލަކަށް މިނިސްޓަރަށް ވަޑައިގެންނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ވަހީދު ދެން ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ގުޅުން ކުޑަ މިނިސްޓަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، މަގާމު ދޫކުރައްވައި ވަޑައިގަންނަވާ މަންޒަރު ވެސް ފެނެ އެވެ. އޭނާގެ އުއްމީދަކީ، ސަރުކާރުގެ ތެރެއިން ހައްލުކުރަން ހުރި ކަންކަން ހައްލު ކުރައްވައި މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަލީހު ޚިދުމަތް ދެއްވުން ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާއި އެ މިނިސްޓްރީގެ އިސްވެރިން މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

މެމްބަރު ހިއްސާކުރެއްވި ވާހަކައިގެ ޖަވާބުގައި، ސަރުކާރުގެ ކޯލިޝަންގެ އެއް ބައިވެރިވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ މަލީހު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. ކޯލިޝަން ސަރުކާރުން ވީ ވައުދު ފުއްދަން މަސައްކަތް ކުރަނީ އެއް ޓީމެއްގެ ގޮތުގައި ކަމަށް މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮމިއުނިކޭޝަން މިނިސްޓްރީއާ ހަވާލުކުރި ކަންކަން ވެސް އޮތީ ސަރުކާރުން އެކުލަވައިލި ސްޓްރެޓީޖިން އެކްޝަން ޕްލޭންގައި ކަނޑައަޅައިފަ އެވެ. އޭގައި ކުރަންވީ ކަންކަމާއި އަދަދުތައް ވެސް ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭގައި އަޅުގަނޑުމެންނަށް ކަނޑައަޅާފައިވާ ކަންކަން އަކުރުން އަކުރަށް، ރަނުން ރަނަށް ވާނީ ފުއްދާފައި. މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަންކަން 100 އިންސައްތައާ ހަމައަށް ނިމިފައިވާ ކަން އަޅުގަނޑު ފާހަގަކުރަން،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމަކާ ގުޅޭ ގޮތުން ވެސް އެ މީހަކަށް ފެންނަ ހިޔާލުފާޅު ކުރެވޭ ގޮތަށް އޮތުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށެވެ.

މި ސަރުކާރު އުފެދުނީ ސިޔާސީ އެކި ފިކުރުގެ ޕާޓީތައް ހިމެނޭ ކޯލިޝަނަކުންނެވެ. މި ކޯލިޝަން ނިސްބަތްވާ ގޮތަށް ކެބިނެޓު އެކުލަވާލާފައިވާ އިރު، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ދަތިތައް ކުރިމަތިވަނީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުންނާ ހެދި ކަމުގެ ތުހުމަތު ކޯލިޝަންގެ އެއް ލީޑަރު، ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރައްވައިފަ އެވެ.

"އޭގައި އަޅުގަނޑުމެންނަށް ކަނޑައަޅާފައިވާ ކަންކަން އަކުރުން އަކުރަށް، ރަނުން ރަނަށް ވާނީ ފުއްދާފައި. މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަންކަން 100 އިންސައްތައާ ހަމައަށް ނިމިފައިވާ ކަން އަޅުގަނޑު ފާހަގަކުރަން،"--- މަލީހު

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވިސްނުމަކީ ކޯލިޝަން އުވައިލުން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ، ކޯލިޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.