ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވެ ޝަކުވާ ގިނަވެއްޖެ

ބައެއް ގޭގޭގެ މިދިޔަ މަހުގެ ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވެ ޝަކުވާކުރަމުން އެބަ ގެންދެ އެވެ.


"މިހާރު"ން ވެސް ބެލިބެލުމުން ވަރަށް ގިނަ ގޭގޭގެ ކަރަންޓް ބިލް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. "މިހާރަ"ށް ލިބިފައިވާ ތިން ބިލެއްގެ ތެރެއިން އެއް ގެއެއްގެ ކަރަންޓް ބިލް އާންމު މަސްތަކުގައި 3،000ރ. ގައި ހުރި އިރު މިދިޔަ މަހުގެ ކަރަންޓް ބިލް ވަނީ 6،000ރ. އިން މައްޗަށް ގޮސްފަ އެވެ. އަދި އާންމުކޮށް މަހަކު 1000ރ. ނާރާ ގެއެއްގެ ކަރަންޓް ބިލް 2،000ރ. އިން މައްޗަށް ގޮސް، އެހެން ގެއެއްގެ ބިލް ވެސް ވަނީ އެހެން މަސްތަކަށް ވުރެ ދެ ގުނަ ބޮޑުވެފަ އެވެ.

މި މައްސަލާގައި ސޯޝަލް މީޑިއާގައި ވެސް އާންމުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީސްމީހުންގެ އެޕާޓްމެންޓްތަކަށް މިފަހަރު ބިލް ފޮނުވާފައި ހުރީ މުޅިން ނުބައިކޮށެވެ. ޓްވިޓާގައި ބައެއް މީހުން ލާފައިވާ ބިލްތަކަށް ބަލާއިރު ވެސް ފެންނަނީ ދެ ގުނަ ބޮޑުވެފައި ހުއްޓަ އެވެ.

މިކަމާ ބެހޭ ގޮތުން ސްޓެލްކޯ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ލޮކްޑައުންއާ އެކު ސަރުކާރުން ގެނައި ޕެކޭޖްތަކުގެ ތެރޭގައި ޔުޓިލިޓީސް ބިލްތަކުން ޑިސްކައުންޓް ދޭން ހަމަޖެއްސުމާ ގުޅިގެން މިދިޔަ އެޕްރީލް މަހާއި މެއި މަހު ކަރަންޓް ބިލުން ވަނީ 40 ޕަސެންޓް މާފުކޮށްދީފަ އެވެ. އެ ޑިސްކައުންޓާ އެކު އާންމުން ދައްކަން ޖެހުނު ބައި އޮތީ ކުޑަވެފަ އެވެ. ސަރުކާރުން ވަނީ އެޕްރީލް މަހާއި މޭ މަހު، ކަރަންޓް ސަބްސިޑީ އަށް 27 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ކަރަންޓް ބިލް މިފަހަރު ބޮޑުވެފައި އޮތީ، ރީޑިން ނެގުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ބިލް ހެދި އިރު އެވްރެޖް ހަދައިގެންނެވެ. އެހެން ނަމަވެސް ސްޓެލްކޯ އިން ބުނަނީ މިދިޔަ މަހުގެ ރީޑިން ނަގާފައި ވާނީ ގޭގެ އަށް ގޮސްގެން ކަމަށެވެ.

މާލޭގެ ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާ ބޮޑުވެފައިވާ އިރު ހުޅުމާލޭގެ ކަރަންޓް ބިލްތަކުގެ ޝަކުވާ ވެސް ކުރަމުން ދެ އެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލޭގެ ވަރަށް ގިނަ ތަންތަނަށް ބިލް ފޮނުވާފައި ވަނީ 45 ދުވަހުގެ މުއްދަތަށެވެ.