ރިޒް ކުންފުންޏަށް ފުލުހުން ކުރަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާޅުވެފައިވާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކޮށްފި އެވެ.


ސީލް މޯލްޑިވްސްގެ ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީން އެ މީހުންނަށް މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލައާ އެކު، ސީލް އިން ރަށުގެ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ އަލީ ރިޒާގެ ކުންފުންނީގެ މައްސަލަ ފެންމަތިވީ އެވެ.

ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ.

ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ބ.ބޮޑުފިނޮޅުގައި ރިޒް ކުންފުނިން މަސައްކަތްކުރަން ގެންގުޅުނު ބިދޭސީން. -- ފޮޓޯ: ޕޮލިސް

"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާ" ކަމަށް ވެސް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މަސައްކަތްތެރީންގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާ އިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް ކުންފުނިން ފައިސާ ނުދޭތީ ކަމަށް ރިޒާ އަދި ރިޒާގެ ވަކީލުން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސީލް ކުންފުނީގެ ވަކީލުން ވިދާޅުވެފައިވަނީ ރިޒް އިން ބުނާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސް އިން ދައްކަންޖެހެނީ 12،332،765.ރ. ކަމަށާއި އެކަމަކު ސީލްގެ ފަރާތުން ކޮންޓްރެކްޓަރަށް މިހާތަނަށް 21،773،338.21ރ. ދައްކާފައިވާ ކަމަށެވެ.

ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ސީލް އިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރިޒް ކުންފުނީގެ ވަކީލުން ފާހަގަކޮށް ބަޔާން ނެރުނެވެ. ނަމަވެސް ސީލްގެ ވަކީލުން ބުނީ ހަވާލާދީފައިވާ އެއްބަސްވުމުގައި" ކޮންޓްރެކްޓުގެ މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ޚަރަދުކުރާނީ ކޮންޓްރެކްޓަރު" ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ދެން ތިބި ބިދޭސީން އަދިވެސް ތިބީ އެ ރަށުގަ އެވެ. އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިއްޔެ އިންކާރުކޮށްފަ އެވެ.