ޒަކާތް ބެހީ އެންމެ އިންސާފަށް ނޫން ކަމަށް މަޖިލީހުން ނިންމައިފި

ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން މި އަހަރު ހުޅުވާނުލައި ޒަކާތް ބަހާފައިވަނީ އެންމެ އިންސާފުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.


އެގޮތަށް މަޖިލީހުން ފާސްކުރީ މި އަހަރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކޮށްގެންނެވެ. އެ ރިޕޯޓް ފާސްކުރީ ވޯޓްގައި ބައިވެރިވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށެވެ. އެ މައްސަލާގައި އޭރުވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ހުށަހަޅުއްވައިގެން އިޖުތިމާއީ ކޮމެޓީން ބެލި މައްސަލާގައި ބުނެފައި ވަނީ ފިތުރު ޒަކާތަކީ ވަކި މުއްދަތެއްގައި އޭގެ ހައްގުވެރިންނާ ހަވާލުކުރަންޖެހޭ އެއްޗަކަށްވާއިރު، މި އަހަރު ލިސްޓަށް ބަދަލުގެނައުމަކާ ނުލައި، ޒަކާތް ބެހުމުން ހަމަހަމަ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

"ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުގެ އެހެނިހެން ވުޒާރާތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާގެ މުއާމަލާތުތައް އަދި އެ ނޫން އިދާރީކަންކަން ކުރިއަށް ގެންގޮސްފައިވީއިރު، އިސްލާމިކް މިނިސްޓްރީން ވެސް ފިތުރު ޒަކާތް ބަލައިގަތުމާއި، ފިތުރު ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ،" ކޮމެޓީގެ ނިންމުމުގައިވެ އެވެ.

މި އަހަރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް އިސްލާހު ކުރުމަށް ވެސް ކޮމެޓީގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ. އެގޮތުން ފިތުރު ޒަކާތް ބެހުމުގައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށާއި، ކޮންމެ އަހަރަކު ވެސް ފަގީރުންނާއި މިސްކީނުންގެ ލިސްޓު މުރާޖައާކުރުން މުހިންމުކަމަށް ވެސް ކޮމެޓީން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ލިސްޓަށް ޒަކާތް ބަހަން ނިންމި ސަބަބެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ ހެދި، ރާއްޖޭގައި މިހާރު އޮތް ހާލަތުގައި ފޯމް ފުރަން ބައެއް މީހުންނަށް އުނދަގޫވެ، ހަމަހަމަ ފުރުސަތު ނުބިދާނެތީ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އެހާތަނަށް ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓަރީވެފައި ވަނީ 8،764 މީހުންނެވެ. ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.