ރިޒުން ބޮޑުފިނޮޅަށް އެރުވި މީހުންނާ ހަވާލުވެ ވަގުތުން ގެންދަން އަމުރުކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުގެން ތިބި ރިޒް ކުންފުނިން އެ ރަށަށް ގެންގޮސް ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުންތަކަށް ފަހު އެ ކުންފުނިން ހަވާލުވާން އިންކާރުކޮށް ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން ބާލަން ރިޒް ކުންފުންޏާއި ފުލުހުންގެ މައްޗަށް މިރޭ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.


ރިޒުން މަސައްކަތުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލައިގެ ތެރެއިން އެދުމުން ނެރުނު ވަގުތީ އަމުރުގައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައުވާލިބޭ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. މި މުވައްޒަފުން ރަށުން ބާލަން އެންގުމުގެ ބާރު އެއްބަސްވުމުގެ ދަށުން ސީލް އަށް ލިބިދީފައިވާކަން އެނގޭ ކަމަށާއި މެއި މަހުގެ 23 ގައި ސީލް އިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާ ކަމަށެވެ.

އެއްބަސްވުމުގައިވާ ގޮތުން ކޮންޓްރެކްޓަރުގެ މުވަޒަފުންގެ ސަބަބުން ޑިވެލޮޕަރުގެ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ކޮންޓްރެކްޓަރު އުފުލަން ޖެހެ އެވެ.

ރިޒުން މަސައްކަތްކުރަން ގެންދިޔަ މީހުން ބާލަން އަންގާފައި ވަނިކޮށް މެއި މަހުގެ 16 ވަނަ ދުވަހު ރިޒްގެ މުވައްޒަފުން މާރާމާރީ ހިންގައި ބޮޑެތި ގެއްލުންތައް ސީލް ކުންފުންޏަށް ދީފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އަދި އިތުރަށް އެ ފަރާތްތައް ރަށުގައި ބައިތިއްބައިފި ނަމަ ސީލްގެ މުދަލަށާއި، ރަށުގައި ތިބި އެހެން ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ދީފާނެ ކަމަށް ބެލެވިގެން އެ އެންމެން މިދިޔަ މަހުގެ 31 ގެ ނިޔަލަށް ރަށުން ބާލަން ސީލް އިން ރިޒް ކުންފުންޏަށް އަންގާފައިވާކަން ވެސް ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށް އަމުރުގައިވެ އެވެ.

ސީލް އިން ބޭނުވެއްޖެ ނަމަ ރިޒްގެ މުވައްޒަފުން ރަށުން ބާލަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ލާޒިމްކޮށްފައި ވަނިކޮށް، އެ މުވައްޒަފުންތައް ރަށުން ނުބޭލުމުން ނަތީޖާއެއްގެ މި މަހުގެ ދެ ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގައި ސީލް ކުންފުންޏަށް ވަނީ އިއާދަނުކުރެވޭވަރުގެ ގެއްލުންވެފައި ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އަދި އޭގައި ވަނީ މި ކަންކަމަށް ބާރުލިބޭ ހެއްކާއި ގަރީނާ ހުށަހަޅާފައި އެބަހުރި ކަމަށެވެ.

ވަގުތީ އަމުރާ މެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، އާދައިގެ އިޖުރާއަތުގެ ތެރެއިން މި މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ، ވަގުތީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ހުކުމެއް ކުރަން ބަލާއިރު، ވަގުތީ އަމުރަށް އެދޭ ފަރާތަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭތީ ނެރުނު އަމުރުގައި ވަނީ ބޮޑުފިނޮޅަށް ރިޒުން އަރުވާފައި ތިބި އެންމެންނާ ހަވާލުވެ، އެފަރާތްތައް ވަގުތުން ވަގުތަށް ރަށުން ބޭލުމަށެވެ. އަދި ވަގުތީ އަމުރު ރައްދުވާ ރިޒްގެ އެއްވެސް މުދަލެއް ނުވަތަ އެއްޗެއް ރަށުގައިވާ ނަމަ އެތަކެއްޗެއް ވަގުތުން ބޮޑުފިނުޅުން ބޭލުމަށް އެ ކުންފުންޏަށް އަންގައި، މި އަމުރު ތަންފީޒުކުރުމުގެ ގޮތުން ފުލުހުންނަށް ގާނޫނީ ގޮތުން ލިބިގެންވާ އެންމެހައި ބާރުތައް ބޭނުންކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ. އަދި މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލާގައި ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށް ތަހުގީގު ކުރިއަށް ދާތީ ގާނޫނީ ގޮތުން އެ ބިދޭސީންނާ ހަވާލުވެވެން ނެތް ކަމަށް ރިޒްގެ ވަކީލުން ވަނީ ބުނެފަ އެވެ.

ރިޒް އިން ބުނެފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ އިން ވަނީ އެ ތުހުމަތަށް އިންކާރުކޮށް، ފައިސާ ދިން ކަމަށް ބުނެފަ އެވެ. އަދި ބުނެފައިވަނީ ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގައި އޮންނަ ގޮތުން ރިޒްގެ ޒިންމާއެއް ކަމަށާއި އެއީ ސީލް އިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.