"ލޮނުޒިޔާރަތް ބަގީޗާ" އަންނަ ހަފުތާގައި ހުޅުވަނީ

ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ޕާކު އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


މާލެގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "މިހާރު" އަށް ވިދާޅުވީ "ލޮނުޒިޔާރަތް ބަގީޗާ" ގެ ހުރިހާ މަސައްކަތެއް މިހާރު ހުރީ ނިމިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ހުޅުވުމުގެ ކުރިން ކުރަން ޖެހޭ ބައެއް ކުދިކުދި މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ދެން ބާކީ މިކުރަނީ ފައިނަލް ޓަޗްގެ ކަންކަން. އެތަން އެއްކޮށް ނިންމާފައި ހުޅުވާނަން މި މަސް ނުނިމެނީސް. ބާކީ ދެން ހަފުތާއެއްތާ މި އޮތީ ވެސް،" ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ މިއީ ރާއްޖޭގެ އެންމެ ބޮޑު ބަގީޗާ އަށް ވާނެ ކަމަށެވެ. އެތަން ތަރައްގީ ކުރަނީ ވީހާ ވެސް މަދުން މަރާމާތު ޖެހޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. ޕާކުގައި ގިނަ ވާނީ ގަސް ކަމަށާއި އެތަނުގައި މައިގަނޑު މެއިންޓެނަންސަކަށް ވާނީ ގަސްތައް ބެލެހެއްޓުން ކަމަށް ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅުގައި ހަދަމުން އަންނަ ޕާކު. -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ ތަން ބެލެހެއްޓުމުގެ މަސައްކަތަށް މިހާރު ދިވެހި މުވައްޒަފުން ހޯދައި އެކަމަށް އަހުލުވެރިކޮށްފައިވާނެ ކަމަށެވެ. އަދި ތަނުގެ ސެކިއުރިޓީ ވެސް ވަރަށް ފުރިހަމަ އަށް ބަލަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

"އެކި ފަރާތުން ވަދެވޭ ގޮތަށް ގޭޓުތަކެއް ހުންނާނީ. ކޮންމެ ކޮންމެ ތާކުން ނުއެއް ވަދެވޭނެ. މިއިން ކޮންމެ ގޭޓެއްގެ ގާޑް ޕޯސްޓެއް އިންނާނެ. އަބަދުވެސް އެތަން ތަނުގައި ގާޑުން ތިބޭނެ،" ޝަމާއު ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅު އަޑި ޕާކު ސަރަހައްދު ކުރިން އޮތް ގޮތާއި ޕާކު ތަރައްގީކުރަން ފެށި ފަހުން އޮތް ގޮތް. ---. ފޮޓޯ: މިހާރު

ކޮވިޑް-19 ފެތުރޭ ދުވަސްވަރަކަށް ވާތީ އާންމުން އެއްވެ އުޅުން މަދުކުރަން ލަފާ ދީފައި ވަނިކޮށް ޕާކު ހުޅުވަނީ ކީއްވެތޯ ސުވާލުކުރުމުން ޝަމާއު ވިދާޅުވީ ޕާކު ހުޅުވިޔަސް އެތަނުގައި އަމަލުކުރާނީ އެޗްޕީއޭ އިން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުންނަށް ނުކުމެ އުޅެވޭނެ އިތުރު ތަނެއް ހުޅުވުމަކީ އެއްތަނަކަށް އެއްވާ މީހުން މަދުވާނެ ސަބަބަކަށް ވާނެ އެވެ.

"މިސާލަކަށް މިތަން ލިބުނީމަ، އާޓިފިޝަލް ބީޗާއި ރަސްފަންނު ފަދަ ތަންތަނަށްދާ ބައެއް މީހުން އަންނާނެ މިތަނަށް. އޭރުން އެއްތާކަށް ގިނަ ނުވެ ބެހިގެންދާނެ ނޫންތޯ؟،" ޝަމާއު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތް ނިމުނު އިރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އޮތް މި ހުސްބިން ޕާކަކަށް ތަރައްގީކުރަން ފެށި މިދިޔަ އަހަރު މެދުތެރޭގަ އެވެ. ހިޔާ ދޭ ބޮޑެތި ގަހާއި ރުކާއި މާމެލާމެލި ހައްދައި ފެންގަނޑެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ޕާކާ އެކު ބްރިޖު ސަރަހައްދަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފަ އެވެ.