ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ އެވޯޑަށް ޒަހީނާ ނޮމިނޭޓްވެއްޖެ

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑަށް ރާއްޖޭގެ މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން) ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ނޮމިނޭޓް ވެއްޖެ އެވެ.


ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ދޭ އެވޯޑަށް ދުނިޔޭގެ ނުވަ ގައުމެއްގެ 22 ފަރާތެއްގެ ނަން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ނުވަ ނޫސްވެރިއަކާއި ހަތް މީޑިއާއެއްގެ އިތުރުން، އަމިއްލަ ގޮތުން ނޫސްވެރިކަމުގެ މަސައްކަތް ކުރާ ހަ ފަރާތެއް ހިމެނެ އެވެ.

އެ ޖަމިއްޔާ އިން އަމިއްލަ އަށް ހުށަހަޅާ މި ނަންތައް ހޮވުމުގައި ބަލަނީ ނޫސްވެރިކަން ކޮށްގެން އަނިޔާ އާއި ބިރުވެރިކަމާއި އެ ނޫން ވެސް އެފަދަ ނޭއްގާނީ ކަންކަމާ ކުރިމަތިވެފައިވާ ފަރާތްތަކަށެވެ.

އާރުއެސްއެފުން އާއްމުކުރި ޒަހީނާގެ ވަނަވަރުގައި ބުނާ ގޮތުން އޭނާ ވަނީ ފުރާނަ އަށާއި އޭނާގެ އެޑިޓަރު ކަމުގެ ދަށުން ހިންގާ ނޫހަށް ކުރިމަތިވި ހަމަލާތަކާއި ގޮންޖެހުންތަކަށް ބެލުމެއް ނެތި، ހިތްވަރާ އެކު ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ލިޔެފަ އެވެ. އެ ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ އަހުމަދު ރިލްވާން "ވަގަށް ނެގުމުން" ވެސް މަސައްކަތް ހުއްޓާ ނުލާ ކަމަށާއި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ވެސް އުޅޭ ރާއްޖޭގައި އެފަދަ މައްސަލަތަކާ ބެހޭ ގޮތުން ވެސް ޒަހީނާ ރިޕޯޓު ކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފަ އެވެ.

ރިލްވާންގެ މައްސަލަައިގައި ހިންގާ ތަހުގީގާ މެދު ވެސް ކެރިގެން ސުވާލު އުފައްދައި، ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ހޯދަން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި އޭނާ ހިމެނޭ ކަމަށް ވެސް އާރުއެސްއެފުން ބުންޏެވެ.

މިއީ މި އެވޯޑު ދޭ 25 ވަނަ އަހަރެވެ. ފްރާންސްގެ އެންމެ ބޮޑު ޓީވީ ނެޓްވޯކު ކަމަށްވާ ޓީވީ5މޮންޑޭއާ ގުޅިގެން އިންތިޒާމު ކުރާ މި އެވޯޑު ދޭން ބާއްވާ ހަފުލާ އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ފްރާންސްގެ ސްޓްރެސްބާގުގަ އެވެ. އެ ހަފުލާގައި އެންމެ ރަނގަޅު ނޫސްވެރިއެއްގެ އިތުރުން، މީޑިއާއަކަށާއި އަމިއްލަ ގޮތުން ނޫސްވެރިކަން ކުރާ ފަރާތެއް ވެސް ހޮވާނެ އެވެ.

ޒަހީނާ މިހާރު ދިރިއުޅުއްވަނީ އަމިއްލަ ގޮތުން އަރުވާލެއްވިގެން އިނގިރޭސިވިލާތުގަ އެވެ. މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ރާއްޖެ ދޫކޮށް ވަޑައިގަތީ، ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އަށް މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީފައި ވަނިކޮށް، އެކަން ކުރި އެންމެންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދިނުމުންނެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ ދެއްކި ދުވަހު، ފުލުހުން ވަނީ މޯލްޑިވްސް އިންޑިޕެންޑެންޓް ހުންނަ އިމާރާތަށް ވަދެ، ބަލައި ފާސްކޮށްފަ އެވެ. ސަރުކާރު ވައްޓާލަން ރާވާ ކަމަށް ބުނެ އެ ތަން ބަލައި ފާސްކުރިޔަސް، އެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް އެ ތަނުން ފެނިފައި ނުވާ ކަމަށް ފުލުހުން ވަނީ ފަހުން ބުނެފަ އެވެ.

އޭގެ އިތުރުން ވެސް، މޯލްޑިވްސް އިންޑިޕެންޑެންޓަށާއި އެ ނޫހުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެކި ފަހަރު މަތިން ވަނީ އިންޒާރުތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން، ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދީ، އެ ނޫހުގެ އޮފީހުގެ ދޮރަށް ކަތިވަޅިއެއް ޖެހުމުގެ އިތުރަށް، ނޫސްވެރިޔާ ގެއްލުނު މައްސަލަ ހިމެނެ އެވެ.