ކޯޓާތައް އާކޮށް، ކޮންމެ ބިދޭސީއަކަށް 2000ރ. ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި

ބިދޭސީން ގެންނަން މިހާރު ދޫކޮށްފައި ހުރި ހުރިހާ ކޯޓާތަކެއް އާާކުރަން ޖެހޭ ގޮތަށް ހަމަޖައްސައި، ކޮންމެ ކޯޓާއެއް އަހަރަކު 2000ރ. އަށް ވިއްކާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.


އެގޮތަށް ހަމަޖެއްސުމާ ގުޅިގެން، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން އަލުން ކޯޓާ ނަގަން ޖެހޭނެ އެވެ. އަދި ކުރިއަށް އޮތްތާނގައި ނަގާ ހުރިހާ ކޯޓާއެއް 2000ރ. ގެ މަގުން ވިއްކާ ގޮތަށް ވެސް މިއަދު އާންމުކުރި ގަވައިދުގައި ހަމަޖައްސައިފައި ވެ އެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބޭނުންކުރެވޭނީ ގަވައިދު ގެޒެޓް ކުރާތާ (މިއަދުން ފެށިގެން) ތިން މަސް ދުވަސްވަންދެނެވެ. އޭގެ ފަހުން އެ ކޯޓާތަކަށް އަހަރަކު 2000ރ. ގެ މަގުން ފީ ދައްކަން ޖެހޭނެ އެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޮންމެ މީހަކަށް ވެސް ޖޮބް ޕޯޓަލްގައި ރަޖިސްޓްރީ ވެ ބިދޭސީން ރާއްޖެ ގެނައުމުގެ ކޯޓާއަށް އެދި ހުށަހެޅޭނެ އެވެ. ކޯޓާ ލިބޭނީ ޝަރުތުތައް ފުރިހަމަވާ އަދި މިނިސްޓްރީން ކަނޑައަޅާ އޮންލައިން ސިސްޓަމެއްގެ ތެރެއިން މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު ކޮންމެ ކޯޓާއަކަށް ވެސް ކަނޑައަޅާފައިވާ އަގު ދައްކާ މީހުންނަށް އެކަނި ކަމަށް ގަވާއިދުގައި ބުނެފައި ވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ކޯޓާ ފީގެ މުއްދަތަކީ ކޯޓާ ދޫކުރާ ދުވަހުން ފެށިގެން 12 މަސް ދުވަހެވެ.

ނަމަވެސް ކުރިން ދޫކޮށްފައިވާ ކޯޓާ ތަކުގެ ކޯޓާ ފީ މުއްދަތަކީ މި އުސޫލަށް އަމަލުކުރަން ފަށާތާ އެއް އަހަރެވެ. މި އުސޫލުގެ ދަށުން އެއްފަހަރާ ކޯޓާ ފީ ދެއްކޭނީ އެންމެ ގިނަ ވެގެން ވެސް ތިން އަހަރަށެވެ.

ކޯޓާގެ އިތުރަށް ނުވަތަ ކޯޓާ ހޯދުމެއް ނެތި ގަވައިދާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މިހާރު މަނާ ކަމެކެވެ. ބިދޭސީން ރާއްޖޭގައި މަސައްކަތްކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން ބިދޭސިން މަސައްތަކަށް ގެނައުމުގެ ކުރިން އެ މީހުންނަށް ވަޒީފާ ދީފި ކަމުގެ ޔަގީން ކަމާ އެކު އެމްޕްލޯއިމަންޓް ލިއުމެއް ހަވާލުކުރަން ޖެހެ އެވެ. އަދި ބިދޭސީން ގެނައުމުގެ ކުރިން އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދަން ޖެހެ އެވެ. މި ހުއްދައަށް އެދެވޭނީ ކޯޓާ ފީ ދެއްކުމަށް ފަހު އެވެ.

ބިދޭސީން ރާއްޖެ ގެނައުމަށް ދައްކާ ޑިޕޮސިޓް ފައިސާ ބަހައްޓާނެ ގޮތާއި ރިފަންޑް ކުރެވޭނެ ހާލަތާއި އުސޫލު ވެސް ގަވާއިދުގައި ވެ އެވެ. އަދި ގެންނަ މީހަކު ދެ ފަރާތުން އެއްބަސްވެގެން އަނބުރާ ފޮނުވާލާ ހާލަތެއްގައި އެކަންކަން ހަމަޖައްސަން ޖެހޭނީ އެ މީހަކު ގެނައި މީހެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

މި އުސޫލުގައި ވަނީ ރާއްޖެ އަންނަ ބިދޭސީން ބަހައްޓަން ޖެހޭނެ ގޮތް ވެސް އާންމުކޮށްފަ އެވެ. އެގޮތުން ކޮންމެ މީހަކު ވެސް އަންނަ އިރު އެ މީހަކު ގެންނަ ފަރާތަކުން ހަވާލުވާން ދާން ޖެހެ އެވެ. އެކޮމޮޑޭޝަން ވެސް ހަމަޖައްސަދޭން ޖެހެނީ ވަޒީފާ ދޭ ފަރާތުން ކަމަށާއި، މީހުން ދިރިއުޅޭ ރަށެއްގައި މަސައްކަތްކުރާ ނަމަ ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ. އަދި މީހުން ދިރިނޫޅޭ ނުވަތަ ސިނާއީ ރަށެއްގައި މަސައްކަތް ކުރާ ނަމަ އެ ރަށަކާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށެއްގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. ގާތްގަނޑަކަށް ދެ ލައްކަ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 60،000 އަށް ވުރެ ގިނަ މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކޮށް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.