ވިޔަފާރިކުރާ ތަންތަނުން ރޭގަނޑު ކުނި ނަގާ ވަގުތު އަވަސްކޮށްފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި ރޭގަނޑު 10:00 އިން ފެށިގެން ބޭރުގައި އުޅުން މަނާކޮށްފައި ވާތީ، ވިޔަފާރިކުރާ ތަންތަނުން ރޭގަނޑު ކުނި ނަގާ ވަގުތަށް ވެމްކޯ އިން ބަދަލު ގެނެސްފި އެވެ.


ވެމްކޯގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހުމަދު އާޒިމް ވިދާޅުވީ ރޭގަނޑު ވަގުތު ކުނި ނަގާ ވިޔަފާރިތަކުން އަންނަ ހުކުރު ދުވަހުން ފެށިގެން، އިތުރު ގޮތެއް އަންގަން ދެން ކުނި ނަގާނީ ރޭގަނޑު 7:00-9:30 އާ ދެމެދު ކަމަށެވެ.

"މިހާރު ވެސް ރޭގަނޑު ކުނި ނަގަމުން އަންނަ ވިޔަފާރިތަކަށް އަޅުގަނޑުމެން ވަކިން އަންގާނަން ވަގުތުތަކަށް ބަދަލު ގެނައި ކަން،" ވެމްކޯ އިން ބުންޏެވެ.

އެ ވަގުތު ފަސޭހައިން ކުނި ނެގޭނެ ގޮތް ހަމަޖައްސައި ރައްކާތެރިކަމާ އެކު ކުނި ބަންދުކޮށްފައި ބަހައްޓަން ވެމްކޯ އިން ވަނީ އެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެމްކޯ އިން ވަނީ އެތަނުގެ ގިނަ ހިދުމަތްތަކަކަށް ބަދަލު ގެނެސްފަ އެވެ. މީގެ ކުރިން ދަންވަރު ވެސް އެ ކޯޕަރޭޝަންގެ ހިދުމަތްތައް ދެ އެވެ. ނަމަވެސް މިހާރު ހިދުމަތް ދެމުން އަންނަނީ ރޭގަނޑު 11:00 އާ ހަމައަށެވެ.