ކޮރަޕްޝަން ހުއްޓުވަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ކޮވިޑް-19 ފެތުރޭތީ ރާއްްޖެ އަށް އިގްތިސާދީ ހީނަރުކަން ކުރިމަތިވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓްތަކުން އެނގިފައި ވާތީ، އަވަސް ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.


މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން ހަރަދުތަކުގެ ތެރޭގައި އެތައް މިލިޔަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާއިރު، އެ ކަންތައްތައް ބަލަން މިނިސްޓްރީތަކުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

"...ކޮވިޑް 19 ގެ ތެރޭގައި ކޮރަޕްޝަން ހިންގި ފަރާތްތަކަށް ދެވަނަ ފަހަރަށް އެފަދަ އަމަލެއް ނުހިންގޭނެ ގޮތެއް ހަދައި، ފިޔަވަޅު އެޅުން އަވަސްކޮށް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އެޅުއްވުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 170ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށައަޅަމެވެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ ހުށަހެޅުއްވުމުގައި ވެ އެވެ.

އޭނާގެ މައްސަލަ މަޖިލިހަށް ބަލައިގަނެ، މިހާރު ހިނގަމުން އަންނަ ޖަލްސާގައި ބަހުސް ވަނީ ފަށައިފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހަރަދުކުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓުން އެނގުނީ ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން މަކަރާއި ހީލަތް ހަދާފައިވާ ކަމެވެ. ޓޫރިޒަމް މިނިސްޓްރީން ވެސް ނުގަވައިދުން ފައިސާ ހަރަދުކޮށްފައިވާކަން އެނގުނެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބެލެވޭތީ އެ މައްސަލަ ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ފަރުވާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން މެޑިކަލް ސާމާނު ހޯދި އިރު އޭގެ ތެރޭގައި ހިމެނޭ ވެންޓިލޭޓަރު ހޯދުމުގައި އޮޅުވާލުމުގެ އަމަލުތައް ހިންގާފައިވާ ކަމާއި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ކޮށްފައި ވާތީ އެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުލުހުންނާއި އޭސީސީ އަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.