އެމްޑަބްލިއުއެސްސީގެ ޕްރޮމޯޝަންގެ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި

އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ "އެއްހާސް، އެއްހާސް" ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.


މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު 10 ނަސީބުވެރިން ހޮވާނެ އެވެ. އަދި ކޮންމެ ނަސީބުވެރިއަކަށް އިނާމުގެ ގޮތުގައި 1000ރ. ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި ފުރަތަމަ ދެ ހަފްތާގެ 20 ނަސީބުވެރިން ހޮވައި އެ މީހުންނަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހުރިހާ ފެން ބިލަކަށް ފައިސާ ދައްކައި ހަލާސް ކުރާ ކަސްޓަމަރުންނަށެވެ. އަދި ވަކިވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކާ މީހުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކާއި ނަގުދު ފައިސާ އިން ވެސް ބިލް ދެއްކޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ނަރުދަމާގެ ހިދުމަތްދޭ ކ. މާފުއްޓާއި ރ. ދުވާފަރާއި ހދ. ކުޅުދުއްފުއްޓަށް އަމާޒުކޮށްގެންނެވެ.