ފްލެޓް ލިސްޓުން އުނިކުރާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކަމުގެ ލިއުން ލިބިފައިވާ މީހުންގެ ތެރެއިން މި ސަރުކާރުގައި އިއުލާންކުރާ ލިސްޓުގައި ނަން އުނިކޮށްފައިވާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން އިކުއިޓީ ޗެމްބާސް އިން ނިންމައިފި އެވެ.


ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވާ އަހްމަދު ޝިޔާޒް ހިމެނިވަޑައިގަންނަވާ ލޯފާމުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ފްލެޓް ލިބުނު ކަމުގެ ލިއުން ކުރީގެ ސަރުކާރުން ދީފައިވާ މީހުންނާއި އޭރު ގެޒެޓްކުރި ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން މިފަހަރުގެ ލިސްޓުން އުނިކޮށްފައިވާ މީހުން "އިންސާފު ހޯދައިދޭން" ހިލޭ ސާބަހަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން ކުރިމަތިލައި ޝަރުތު ހަމަވެ ލިސްޓަށް ނަން އެރި މީހުންގެ ތެރެއިން މި ސަރުކާރުގެ ލިސްޓުގައި ނަން އުނިކޮށްފައިވާ މީހުން އެ ލޯފާމަށް މައުލޫމާތު ހިއްސާކުރަން އެތަނުން އެދެ އެވެ.

ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް 25،000 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓްކޮށް، އެ ލިސްޓުގައިވާ ގިނަ ބަޔަކަށް ވަނީ ފްލެޓް ލިބިފައިވާ ކަމުގެ ލިއުން ދީފަ އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އެ މިނިސްޓްރީން ދޫކޮށްފައިވާ ލިއުމަކީ ގާނޫނީ ގޮތުން ސައްހަ ލިއުމެއް ކަމަށާއި ފްލެޓް އަތުލައިފި ނަމަ ކޯޓަށް ދެވޭނެ ކަމަށް އޭނާ އޮތީ ވިދާޅުވެފަ އެވެ.

ޝިޔާޒް: ހިޔާ މަޝްރޫއުގައި ކުރިން ފްލެޓް ލިބި މިހާރުގެ ލިސްޓުން އުނިވާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައި.

މި ލިއުން ހަވާލުކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ކުރި ޝަކުވާތައް ބަލަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީން އަންނަނީ ހިޔާ މަޝްރޫއުގެ 12 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް މުޅިން އާ ލިސްޓެއް އެކުލަވާލަމުންނެވެ. އެ ލިސްޓުތައް އެކުލަވާލަނީ ކުރީގެ ސަރުކާރުން އެ މަޝްރޫއުގައި ޕޮއިންޓްދޭން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށެވެ.

ކޮމިޓީން މިދިޔަ ހޯމަދުވަހު ވަނީ ހަތަރު ކެޓަގަރީއެއްގެ ލިސްޓު އިއުލާންކޮށްފަ އެވެ. ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓާއި އަލުން އިވެލުއޭޓްކުރުމުން ލިބުނު ޕޮއިންޓް އެނގޭ ގޮތަށް އިއުލާންކޮށްފައިވާ އެ ލިސްޓުގައި ބޮޑެތި ފަރަގު ހުއްޓެވެ.

ކޮމިޓީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ޝަރުތުތައް ހަމަނުވާ މީހުންނަށާއި ފްލެޓާއި ގޯތި ލިބިފައިވާ މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ. އެ ކޮމިޓީން ވަނީ ފްލެޓް ދީފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް އިއުލާންކޮށްފަ އެވެ.