ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލި މައްސަލަ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ރޭ ކުށްވެރިކުރައްވައިފި އެވެ.
ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އަނިޔާއެއް ދޭން ގޮވާލުމާއި ހިތްވަރުދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސްގެ ހަށިކޮޅަށް ގެއްލުންދޭން މީހަކު ގޮވާލީ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގަ އެވެ. ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދެއްކި އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ (ކަނޑާލާފައި) " ކަމަށެވެ.
ފުލުހުން މިއަދު އެ މީހާ ވަނީ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޗެނަލް-13 އިން ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން އެ މީހާ ބުނީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށެވެ.