ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާ އެކު މާލެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއި 57،550ރ. އާ އެކު ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއް ފާސްކުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެއީ ގަލޮޅު ގެއަކާއި މާފަންނުގެ ދެ ގެ ކަމަށް ބުންޏެވެ. މާފަންނު ބަލާ ފާސްކުރި ގެތަކުން އެއް ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 84 ދަޅާއި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން 2،750ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް ގެއިން 54،800ރ. ފެނިފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރަށް ގަލޮޅުން ފުލުހުން ބަލައިފާސްކުރި ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.