ހޯނޑެއްދޫ: އެ ރަށުން ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައި
08 ސެޕްޓެމްބަރ 2020 - 20:14
ގދ. ހޯނޑެއްދޫން ކޮވިޑް-19އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދިނުމަށް، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފި އެވެ.
ހޯނޑެއްދޫން މިދިޔަ ހޮނިހިރު ދުވަހު 19 މީހަކު ޕޮޒިޓިވްވެ، މުޅި ޖުމްލަ އެ ރަށުން 21 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި 111 ކޮންޓެކްޓުން މިިހާތަނަށް އެ ރަށުން ފެނިފައިވާ އިރު އޭގެ ތެރޭގައި ބަލީގެ އަަލާމާތްތައް ހުރި 60 މީހަކު ހިމެނެ އެވެ. އަދި 50 އަހަރުން މަތީގެ ފަސް މީހަކާއި އަހަރު ނުވާ ދެ ކުދިން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޝްރަފް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވި، އުމުރުން 70-80 އަހަރުގެ ފިރިހެނެއްގެ ހާލު ސީރިއަސްވެ، މިއަދު އިރުއޮއްސުނު އިރު އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ކަމަށެވެ. އަދި ހާލު ގޯސްވާން ފެށުމުން، މިހާރު ކޮވިޑް ފެސިލިޓީއަށް ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުވަސްވީ މީހާއާ އެކު އޭނާގެ އަނބިމީހާ ވެސް ފެސިލިޓީއަށް ގެންދިޔަ އެވެ. ބަލި ޖެހިފައިވާ އަންހެން މީހާގެ ހާލު ސީރިއަސް ނޫން ނަމަވެސް އޭނާ ހިމެނެނީ ހައި ރިސްކް ކެޓަގަރީގަ އެވެ.
ހޯނޑެއްދޫ އިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ ކޭސް ފެނުނެވެ.
މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އެ ރަށުން ބަލި ޖެހުނު އެހެން މީހުންގެ ހާލު ގޯސް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.
"އެންމެންގެ ހާލު ވެސް އަނެއްހެން ގޯހެއް ނޫން. ހަމަ ހުން އައުމާއި ކެއްސުން ފަދަ އަލާމާތްތައް ހުރީ،" އަޝްރަފް ވިދާޅުވި އެވެ.
އެކަމަކު ބަލި މީހުން އެ މީހުންގެ އާއިލާއާ އެކު އެއް ގެއެއްގައި އުޅެން ޖެހިފައިވުމަކީ އޭނާގެ ކަންބޮޑުވުމެކެވެ. އަޝްރަފް ވިދާޅުވި ގޮތުގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް، އެ މީހުން ވަކި ތަނެއްގައި ބޭތިއްބުމަކީ މުހިއްމު ކަމެއް ކަމަށާއި ކަމާބެހޭ ފަރާތްތަކުން ވީހާ ވެސް އަވަހަކަށް އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވަ އެވެ.
ހޯނޑެއްދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުގެ ކަންކަން ވެސް މިހާރު އަންނަނީ ކުރަމުންނެެވެ. އެ މީހުންގެ ޓެސްޓްތަކުގެ ނަތީޖާއެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީރުބަހުރު
09 September 2020
ހޯނޑެއްދޫ އިން ޕޮސިޓިވް މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި އިތުރުބަޔަކަށް މިބަލި ޖެހުމުން ސަލާމަތްކަން ދެއްވާނދޭވެ. އާމީން
ގެދޮރު ނެތް މާލޭމީހާ
09 September 2020
އެ މީހާ ވިލިނގިއްޔަށް އެރުވިކަން ޔަޤީންބާ? މިހެން އަހާލެވުނީ ވިލިނގިޔަށް ކޮވިޑް ބަލިމީހުން ނާރުވާހެން ހީވާތީ
އަކީނޯ
08 September 2020
ބަރުލަމާނީ އުސޫލަކަށް ކައުންސިލްތައް ހަދައި ޤާނޫނީ ވަކި ޝަޚުސެކޭ ކިޔައިގެން އުޅުމުގެ ބޭނުމެއް ނެތޭ މިކިޔަނީ މިހެންވެ. ބަލިމީހުން ވަކިކޮށްލާ ވަކި ތަނެއްގައި އެމީހުންނަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާލެވޭނެ ފަދަވަރެއްވެސް ކައުންސިލްތަކުގަނެތް. މާލޭ ސަރުކާރު ނުވަތަ މާލޭގެ ކަމާބެހޭ ފަރާތުން ކޮށްދިނިއްޔާނޫނީ އެއްކަމެއްވެސް ވާންނެތިގެން ތިބުން ނޫން ކަމެއް ކުރެވެންނެތް.
ހަމަތެދެއް
08 September 2020
ވަރަށްހިތާމަހުރިކަމެއް ބަލިމީހުންނާއި ސަލާމަތުންތިބޭމީހުން އެއް ގެއެއްގައި އުޅުމަކީ ކިތަންމެ ބަލައިގެން އުޅުނުނަމަވެސް އޮންނާނީ ގޯސްވެފަ ބަލިވެފައިވާ އެންމެހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދެން
ރަބަރު
08 September 2020
އެންމެނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަން.