އެމްޖޭއޭގެ އަސާސީ ގަވާއިދާއި ހިންގުމަށް ބަދަލުތަކެއް ގެންނަނީ

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އަސާސީ ގަވާއިދަށާއި ހިންގުމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެ ޖަމިއްޔާ އިން އިއްޔެ ރަސްމީކޮށް ފަށައިފި އެވެ.


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޖޭއޭގެ އިންތިޚާބުގައި ހޮވި އާ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމިއްޔާގެ އަސާސީ ގަވައިދު އިސްލާހުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ، އާއްމު މެމްބަރުންނާއި ނޫސްވެރިން، އެ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަން ނިންމާފައިވާ ކަމަށެވެ.

"އަސާސީ ގަވައިދުގައި ހިމެނޭ ޑިމޮކްރަސީއާ ބީރަށްޓެހި މާއްދާތައް އުނިކޮށް، މެމްބަރުންގެ ހިޔާލުތަކާ އެކު ޒަމާނީ ބަދަލުތަކެއް އެ ގަވާއިދަށް ގެނައުމަކީ އާ ހިންގާ ކޮމިޓީން އެންމެ އިސްކަންދޭނެ މަސައްކަތެވެ،" ބަޔާނުގައިވެ އެވެ.

އެމްޖޭއޭއަކީ ހުރިހާ ނޫސްވެރިންގެ ބައިވެރިވުމާ އެކު، އިދާރީ ގޮތުން ފުރިހަމަ، ހަރަކާތްތެރި ޖަމިއްޔާއަކަށް ހެދުމަށްޓަކައި ދާއިމީ ހަތަރު ކޮމިޓީއެއް އެކުލަވައިލަން ވަނީ ނިންމައިފަ އެވެ. ހިންގާ ކޮމިޓީގެ މެމްބަރުންގެ ލީޑާޝީޕުގެ ދަށުން އެކުލަވައިލާ މި ކޮމިޓީތަކުގައި ބައިވެރިވާން ޝައުގުވެރިވާ އާންމު މެންބަރުންނާއި ނޫސްވެރިންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެއީ ފޮރިން ރިލޭޝަންސް ކޮމިޓީ، އެޑްމިން އެންޑް މީޑިއާ ރިލޭޝަންސް ކޮމިޓީ، ރިސާޗް އެންޑް އެޑްވޮކެސީ ކޮމިޓީ އަދި ޕްރޮގްރާމްސް އެންޑް ފަންޑް ރެއިޒިން ކޮމިޓީ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ވަނީ އާއްމު މެމްބަރުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުމަށްޓަކައި ނޫސްވެރިންނާއި އެޑިޓަރުންނާ އެކު، ކޮމިއުނިކޭޝަންސް ޕްލެޓްފޯމެއް ގާއިމްކުރުމަށް ނިންމައިފަ އެވެ. ޖަމިއްޔާގެ ފަރާތުން ޕަބްލިކޭޝަނެއް ނެރުމަށާއި އާއްމުންނަށް ހުޅުވައިލައިގެން ނޫސްވެރިކަމާ ގުޅޭ ޑައިލޮގްތަކެއް ވެސް ބާއްވާނެ އެވެ.

އެމްޖޭއޭ އިން ބުނި ގޮތުގައި އެ ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ނޫސްވެރިންނަށް ތައުލީމީ، ތަމްރީން ރިސާޗް އަދި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީ، ތައުލީމީ، ތަހުޒީބީ ނޫސްވެރިންގެ ޖީލެއް އުފެއްދުން ކަމަށެވެ. އަދި ދިވެހި ނޫސްވެރިން އެތިކަލް ނޫސްވެރިކަމަކަަށް އަހުލުވެރިކޮށް ނޫސް އިދާރާތަކުގައި އެތިކަލް ގައިޑްލައިންތަކެއް ހެދުމަށް އެ ޖަމިއްޔާގެ ފަރާތުން ފަންނީ އެހީ ފޯރުކޮށްދޭން އަމާޒު ކަނޑައަޅާފައިވާ ކަމަށް ވެސް އެމްޖޭއޭ އިން ބުނެ އެވެ.

"އެކަމަށްޓަކައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމްއިއްޔާ، ޖަމާއަތްތަކާއި މުއައްސާތަކާއި އިދާރާތަކާއި އެމްބަސީތަކާ ގުޅުން ބަދަހިކޮށް ގުޅިގެން ކުރެވޭނެ ކަންކަން ހޯދައި ބެލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ،" ބަޔާނުގައިވެ އެވެ.

އެމްޖޭއޭގެ އާ ހިންގާ ކޮމިޓީއެއް އިންތިހާބުކޮށް ހަރަކާތްތައް އަލުން ފެށުމާ ގުޅިގެން ބައިނަލްއަގްވާމީ ދެ ޖަމާއަތް ކަމަށްވާ ރިޕޯޓާސް ވިތައުޑް ބޯޑާސް އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން ވަނީ މަރުހަބާ ކިޔައި ހިތްވަރުދީފަ އެވެ. އަދި އައިއެފްޖޭއާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިހާރު ވަނީ މަޝްވަރާތައް ފަށައިފަ އެވެ.

ގާތްގަނޑަކަށް ހަ އަހަރު މެދުކެނޑިފައި އޮތުމަށް ފަހު، އެމްޖޭއޭ އަލުން ހިނގައިގަތީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބާ އެކު އެވެ.

އާ ރައީސްގެ މަގާމަށް އިންތިހާބުވީ "މިހާރު" އެސިސްޓެންޓް އެޑިޓަރު މުހައްމަދު ހަމްދޫނެވެ. ނައިބު ރައީސަކީ "ވަން އޮންލައިން" ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާނެވެ. ޖެނެރަލް ސެކްރެޓަރީ އަކަށް "ސަން އޮންލައިން" ގެ މެނޭޖިން އެޑިޓަރު ނާއިފް އަހުމަދު ހޮވުނުއިރު ބަޖެޓް ސެކްރެޓަރީއަކީ "ޖަޒީރާ" ނޫހުގެ ސީނިއާ އެޑިޓަރު ނާޒިމް ހަސަނެވެ. އާއްމު މެމްބަރުންގެ ތެރެއިން އިންތިހާބުވީ "ސީއެންއެމް" ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދާއި ރޮއިޓާސްގެ ރާއްޖޭގެ ކޮރަސްޕޮންޑެންޓް މުހައްމަދު ޖުނެއިދު ސަލީމެވެ.