ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދައްކަން ޖެހުނީ 250 މިލިއަން ޑޮލަރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ދިވެހި ސަރުކާރާ އެކު އިންޑިއާގެ ޖީއެމްއާރުން ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލުގެ ގޮތުގައި ދައްކަން އާބިޓްރޭޝަނުން ކަނޑައެޅީ 208 މިލިއަން ޑޮލަރާއި ހަތަރު އަހަރުގެ އިންޓްރަސްޓް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.


ހަތަރު އަހަރުގެ އިންޓްރަސްޓް އާ އެކު އެއީ ޖުމްލަ 250 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) ވަރު ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބަންޑާރަ ނައިބު މުހަންމަދު އަނިލް ވިދާޅުވީ ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާރަ ދުވަހު މައްސަލަ ނިންމައި، އޭގެ ތަފުސީލުތައް ރޭ ފޮނުވާފައިވާ ކަމަށެވެ. ބަދަލުގެ ގޮތުގައި ދައްކަން ޖެހުނީ ޖީއެމްއާރުން އެދިފައިވާ ވަރަށް ވުރެ ވަރަށް ބޮޑުތަން ކުޑަ އަދަދެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖީއެމްއާރުން އެދިފައިވާ ބަދަލަކީ 1.4 ބިލިއަން ޑޮލަރެވެ. ސަރުކާރުން ދައްކަން ޖެހުނީ، އަނިލް ވިދާޅުވި ގޮތުގައި، ޖީއެމްއާރުން ހޯދަން ހުށަހެޅި އަދަދުގެ ގާތްގަނޑަކަށް 18 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

"ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ފަރާތުން މި ފައިސާ ޖީއެމްއާރަށް ދެއްކުމަށްޓަކައިި ޖީއެމްއާރާއެކު މަޝްވަރާތައް މި ވަނީ ފަށައިފައިފަ އެވެ،" ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ އަނިލް އިއްވެވި، ބަޔާނުގައިވެ އެވެ.

"އަދި މި އަދަދަކީ ޖީއެމްއާރާއެކު ކުރެވުނު އެއްބަސްވުން އުވާލުމާ ގުޅިގެން ދިވެހިރާއްޖެ އިން ބަދަލުގެ ގޮތުގައި އެ ފަރާތަށް ދައްކަންޖެހޭނެ ކަމަށް އެޕްރީލް 2014 ގައި މީޑިއާއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުލްގައްޔޫމް އަންދާޒާ ކުރައްވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނުވާނެ ކަމަށް ވިދާޅުވެފައިވާ އަދަދާ ގާތްކުރާ މިންވަރެއް ކަން ފާހަގަކުރަމެވެ."

އެމްއޭސީއެލްގެ ބަޔާން އާދިލް އިއްވަވަނީ. --ފޮޓޯ: ނިޝާން އަލީ

އޭނާ ވިދާޅުވި ގޮތުގައި ބަދަލުގެ ގޮތުގައި ދައްކަން މި ޖެހުނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ދިޔަ މިންވަރާ ވެސް މުޅިން އިދިކޮޅު އަދަދެކެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ، 800 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރު އަތުން ނަގައި އެމްއޭސީއެލް އިން އެއާޕޯޓް ހިންގަން ފެށި ފަހުން އެއާޕޯޓް ތަރައްގީކުރަން ބޮޑެތި މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ. އެ މަޝްރޫއުތަކާ އެކު އެއާޕޯޓުގެ ހިންގުން ހަރުދަނާކޮށް، އެތަނަށް ލިބޭ އާމްދަނީ ވެސް އިތުރުކޮށްފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

ޖީއެމްއާރާއި އޭރު އެމްޑީޕީގެ ސަރުކާރުން 28 ޖޫން 2010 ގައި އެކުލަވާލި އެއްބަސްވުން ދެ އަހަރު ވަރު ފަހުން ރައީސް މުހަންމަދު ވަހީދުގެ ސަރުކާރުން އުވާލީ، އެ އެއްބަސްވުމަކީ ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެއާޕޯޓް ހިންގާ ކުންފުންޏަށް ވެސް ގެއްލުން ވާ އެއްބަސްވުމަކަށް ވާތީ އެވެ.

އަނިލް ވިދާޅުވީ ޖޫން، 18، 2014 ގައި ޓްރައިބިއުނަލުން ކަނޑައެޅި ފުރަތަމަ ފައިނަލް އެވޯޑުގެ ތެރޭގައި ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ފަރާތުން ކޮންސެޝަން އެގްރިމެންޓް ބާތިލްކޮށްފައިވާތީ އެ ފަހަރު ނިންމީ ޖީއެމްއާރަށް ބަދަލު ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ޖީއެމްއާރުގެ ފަރާތުން އެއާޕޯޓް ތަރައްގީކުރަން ކޮށްފައިވާ ހަރަދަށް ގައިދުކުރެވިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

"މިފަދައިން ނިންމި ސަބަބަކީ މި ސަރުކާރުން ވަކާލާތު ކުރި ގޮތަށް، ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ފަރާތުން ކޮންސެޝަން އެގްރީމެންޓް ބާތިލްކުރެވުނު ހާލަތަށް ރިއާޔަތްކުރާއިރު އެއީ ގައުމުގެ އާއްމު މަސްލަހަތަށް ރައްކާތެރި ކުރުމުގެ ގޮތުން ނިންމަން ޖެހުނު ނިންމުމެއް ކަމަށް ޓްރައިބިއުނަލް އިން ކަނޑައެޅި އެވެ،" އަނިލް ވިދާޅުވި އެވެ.