ރާއްޖޭގެ ހާލަތު ދަނީ ގޯސްވަމުން ކަމަށާއި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް ރައްޔިތުންގެ އެހީ ބޭނުންވާ ކަމަށް ކުރީގެ ރައީސް އަދި އެ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ބާއްވާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ކުރާ ޖޫރިމަނާތައް ދައްކަން ފަންޑު ފޮއްޓެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ގައުމު މިހާރު އޮތް ނިކަމެތި ހާލަތުން ސަލާމަތްކުރެވޭނީ ހަމައެކަނި އިދިކޮޅު ކޯލިޝަނަށެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް އުސޫލުން ގައުމު ހިންގާ ނަމަ ކޮންމެ ޕާޓީއަކުން ވެސް ވެރިކަމަށް ނެރެންވާނީ ގާބިލު ބޭފުޅެކެވެ. އަދި ރައްޔިތުން ވެސް ހޮވަން ވާނީ ގާބިލު ވެރިއެއް ކަަމަށް ވިދާޅުވި އެވެ.
"ގާބިލް ކަމެއް ނެތް މީހުން ވެރިކަން ހަވާލު ކުރީމަ ވާނެ ގޮތަކީ ރައްޔިތުންނަށް ގެއްލުން ލިބޭނީ. އިގްތިސާދު ހަލާކުވެ ރައްޔިތުންގެ ވަޒީފާތައް ގެއްލި، ކާބޯތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންނަށް އެ ހުރިހާ އަނިޔާއަކާ ދެރައެއް ލިބިގެންދާނީ،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ގޮތުގައި އޮވެ އެ ދެ ޕާޓީން މިހާރު އަދާކުރަން ޖެހިފައި އޮތް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވައި ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ހޯދައިދިނުމެވެ.
"ރާއްޖެ މިދަނީ ދުވަހަކަށް ދުވަހެއް އަޑިއަށް، މި ކަން ހުއްޓުވަން ޖެހޭ. އަޑިއަށް ދާ މި ދިއުން ހިފަހައްޓައި ހުއްޓުވަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އާއްމުންގެ އެހީތެރިކަމަށް އެދިވަޑައިގަތުމުގެ އިތުރުން ވަހީދު ވަނީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ މެމްބަރުން މިހާރަށް ވުރެން ބޮޑަށް ހަރަކާތްތަކުގައި ބައިވެރިވުމަށެވެ.
ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ދާދި ފަހުން އިދިކޮޅުން ވަނީ މުޒާހަރާތަކެއް ބާއްވައިފަ އެވެ. ކޮވިޑް-19 ފެތުރޭ ގޮތަށް އެ މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވާތީ އެ ކޯލިޝަނާއި އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވަނީ ޖޫރިމަނާކޮށްފަ އެވެ.