މައުމޫން ހޮސްޕިޓަލުގައި: ފަރުވާއަށް ފަހު އެމަނިކުފާނު މިއަދު ވަނީ ދޫކޮށްލައިފި.
14 ސެޕްޓެމްބަރ 2020 - 14:02
ކޮވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދޫކޮށްލައިފި އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަރުވާއަށް ފަހު މިހާރު ހުންނެވީ ގެކޮޅުގައި ކަމަށެވެ. އުމުރުފުޅުން 82 އަހަރުގެ މައުމޫން ކޮވިޑުގެ ފަރުވާ އަށް އެޑްމިޓްކުރީ މިދިޔަ މަހުގެ 25ގަ އެވެ.
"މާތްﷲގެ ހެޔޮ ރަހުމަތްފުޅުން ކޮވިޑްގެ ބަލިން ޝިފާ ލިބިގެން ހެޔޮ ހާލުގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަހައްމަލް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަން،" ޓުވީޓުގައި މައުމޫން ވިދާޅުވި އެވެ.
މާތް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން
— Maumoon Abdul Gayoom (@maumoonagayoom) September 14, 2020
ކޯވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލު ގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހުމުގެ އާލާސްކަންފުޅެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ހެއްދެވި ޓެސްޓުންނެވެ. އޭރު ވެސް އަދި ފަހުން ވެސް އެމަނިކުފާނުގެ ހަށިކޮޅުގައި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
މައުމޫން ޕޮޒިޓިވްވުމާ އެކު އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ޓެސްޓް ކުރެއްވި އެވެ. އެކަމަކު ނަސްރީނާ އާއި އާއިލާގެ އެހެން ބޭފުޅަކު ވެސް ބައްޔަށް ޕޮޒިޓިވެއް ނުވެ އެވެ.
ހޮސްޕިޓަލްގައި އޮންނެވި އިރު، ޓުވީޓްކުރައްވައި އެމަނިކުފާނުގެ ހާލުކޮޅު އޮޅުންފިލުވައިދެއްވައި އެކި ވާހަކަތައް އާއްމުންނާ ހިއްސާކުރެއްވި އެވެ. އެ މަނިކުފާނުގެ އާލާސްކަންފުޅާ ގުޅުވައި ފާޅުކުރެއްވި ހަމްދަރުދީގެ މެސެޖްތަކުގެ ތެރެއިން ނުބައިކޮށް ހީކުރެވުނު ކަންކަން ވެސް އޮޅުންފިލުއްވައި ދެއްވި އެވެ.
ގިނަ ބަޔަކަށް ކަމުދިޔަ އެއް ޓުވީޓަކީ އެޑްމިޓްކުރެއްވިއިރު، ތުރުކުރައްވައިގެން އޮންނެވި ޕިޖާމާއާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓުވީޓެވެ. އެމަނިކުފާނު ތުރުކުރެއްވި ނޫ ކުލައިގެ މާ ޖެހި ޕިޖާމާއަކީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ޕިޖާމާއެއް ކަމަށް ގިނަ ޓުވީޓްތަކެއް ހުއްޓެވެ.
އެކަމަކު މައުމޫން ވިދާޅުވި ގޮތުގައި އެއީ އެމަނިކުފާނުގެ ޕިޖާމާއެކެވެ. ފަހުން އެމަނިކުފާނު ވަނީ ނަސްރީނާ އަށް ގުޅުއްވައި އުފާވެރިކަމާ އެކު ވާހަކަ ދައްކަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވައި ހިތްޕުޅުގައި އޮތް ލޯބި ހާމަކުރައްވައިފަ އެވެ. ދެން ވިދާޅުވީ "އުއްމީދަކީ އެންމެންނާ ވެސް ވަރަށް އަވަހަށް ބައްދަލުވުން" ކަމަށެވެ.
ދަރުމަވަންތައިގައި އޮންނެވިއިރު، ހޮސްޕިޓަލުގެ މުވައްޒަފުން އެމަނިކުފާނު ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދެވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުބޭ
15 September 2020
އަލްޙަމްދުލިއްލާހި
ބޭބެ
14 September 2020
ޝުކުރިއްޔާ
ސިރުފާ
14 September 2020
އުފާވެރިޙަބަރެއް ތިޔައޭޒައީމް ގައުމް ފަޙުރުވެރިވާ.
Liv 52
14 September 2020
އަލްހަމްދު ލިއްލާހި.
ކާނިވާ ސަރަހައްދުން
14 September 2020
ވ އުފާވެރި ޚަބަރެއް.
ކަޅުކޮފީ
14 September 2020
އިބޫ ބުނި ހޮހޮޅައިގަދޯ އިއްޒަތްތެރިންނަށް ފަރުވާދެނީ
ރަބަރު
14 September 2020
الحمد لله ثم الحمد لله
ފަރުދު
14 September 2020
އަލްޙަމްދުﷲ !
މަސްވެރިޔާ
14 September 2020
الحمد لله
ސަނީޒް
14 September 2020
މަނިކުފާނަށް އަބަދުވެސް އުފާފާގަތިކަން.. މަނިކުފާނު ދިވެހިޤައުމުގެ ވެރިކަމާ ހަވާލުވާން މަމެންއެޑޭވާހަކަ ދަންވަލާނަން....މިހާރު މިއުޅޭ ސިޔާސީ ޕާޓިކަނު ގައުމު ޚަރާބުކޮށްލައިފި..