ނ.މަނަދޫ
16 ސެޕްޓެމްބަރ 2020 - 12:23
ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އަދި ރެންޑަމްކޮށް އެ ރަށުން ނެގި ސާމްޕަލްތައް ނެގިޓިވްވުމުން މޮނިޓަރިންގެ ހާލަތު މިއަދު އުވާލައިފި އެވެ.
އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގު ވިދާޅުވީ މަނަދޫން ޕޮޒިޓިވްވި ފިރިހެން މީހާގެ ކޭސްއާ ގުޅިގެން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 25 މީހެއް އަދި ރަށުގެ އެކި ހިސާބުތަކުން ރެންޑަމްކޮށް 37 މީހެއްގެ ސާމްޕަލް ނެގި ކަމަށެވެ. އެ 62 މީހުންގެ ނެގެޓިވް ނަތީޖާ މިއަދު ހެނދުނު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނަދޫން ނެގި ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވީ ހދ. ކުޅުދުއްފުއްޓަށެވެ.
ޕޮޒިޓިވްވި ފިރިހެން މީހާގެ ސާމްޕަލް ނެގީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. މާލެ ފޮނުވައިގެން ހެދި ޓެސްޓުގެ ނަތީޖާ މިދިޔަ ހުކުރު ދުވަހު ލިބުނުއިރު ފިރިހެން މީހާ ހުރީ ގެއިން ބޭރުގަ އެވެ. އެހެންވެ ހަމަ އެ ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނަދޫ މޮނިޓަރިން އަށް ގެނަ އެވެ.
"ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު، ބަލީގެ އަލާމާތެއް ނެތް. ޑައިރެކްޓް ކޮންޓެކްޓުންގެ ފަރާތުން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނޭ،" ޝަފީގު ވިދާޅުވި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި މިވަގުތު ކޮވިޑްގެ ބަލި ޖެހިފައި ތިބި 72 މީހުން އެބަތިއްބެވެ. އޭގެތެރެއިން އެއް ރަށަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގދ. ހޯނޑެއްދޫ އިންނެވެ. އެ ރަށުން 36 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy