ޕްރިންސިޕަލުންނާ ގުޅޭ އުސޫލު ތަންފީޒުކުރުން މަޑުޖައްސާލައިފި

ކަންބޮޑުވުންތަކާ ގުޅިގެން ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމާ ގުޅޭ އުސޫލު ތަންފީޒުކުރުން މަޑުޖައްސާލައިފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އާއްމުކޮށް ތަންފީޒުކުރަން ފެށި އުސޫލުގައި ބަދަލު ގެންނަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ އެ ބަދަލުތައް ގެނައުމަށްޓަކައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މަޝްވަރާއާއެކު އެ އުސޫލަށް އަމަލުކުރުން މަޑުޖައްސާލީ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން މިވަގުތު މިއޮތީ އެ މަސައްކަތް މަޑުޖައްސާލާފައި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުސޫލުގެ ދަށުން ހަދަންޖެހޭ ގަވައިދު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ ގަވައިދު ނިމުމުން އެއާ އެއްގޮތަށް ކަންކަން ހިނގަން ފަށާނެ ކަމަށް ވިދާޅުވި އެވެ. ޕްރިންސިޕަލުންނަށް ފޮނުވި ސިޓީއެއްގައި ޕީއެސް ވިދާޅުވީ ގަވައިދު ހަދާއިރު ސީއެސްސީ އަދި ޕްރިންސިޕަލުންނާ ވެސް ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލު" ބުނާ ގޮތުން ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ގިނަވެގެން ހުރެވޭނީ ހަތަރު އަހަރުގެ ދެ ޓާމަށެވެ. އެ މުއްދަތުގައި ވެސް ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕީއެސް އެކުލަވާލައްވާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. ޓެނުއަޝިޕް މުއްދަތުގެ ތެރޭގައި ވެސް ޕްރިންސިޕަލަކު އެވަގުތު ހުންނެވި ސްކޫލެއް ބަދަލުކުރުމުގެ ބާރު އެ ކޮމިޓީއަށް ލިބެ އެވެ.

ޕްރިންސިޕަލުންގެ ގިނަ ކަންބޮޑުވުންތަކެއް ހިމެނޭ އުސޫލަށް އަމަލުކުރުން މަޑުޖައްސާލިއިރު ބައެއް ޕްރިންސިޕަލުން ވަނީ ސިވިލް ސާވިސްގެ އޮނިގަނޑުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ޕީއެސް ވިދާޅުވީ އެގޮތަށް ބަދަލުކުރި ޕްރިންްސިޕަލުން، އަލުން ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއަށް ބަދަލުކުރާނެ ކަމަށެވެ.

އެ އުސޫލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަދެއްކެވި ބައެއް ޕްރިންސިޕަލުން ވިދާޅުވެފައިވާ ޓެނުއަޝިޕްގެ އުސޫލުން މަސައްކަތް ކުރުމަށް ތާއިދުކުރައްވާ ކަމަށެވެ. ނަމަވެސް ވަޒީފާ އަދާކުރާނެ ތަން ކަނޑައެޅުމުގެ ބާރު ކޮމިޓީއަކަށް ލިބުމަކީ ވަޒީފާގެ ގާނޫނުން އެ ބޭފުޅުންނަށް ލިބޭ ހައްގުތައް ނިގުޅައިގަތުން ކަމަށެވެ. އެފަދަ ހިތްހަމަނުޖެހުންތަކާއެކު، ތައުލީމީ ދާއިރާ ދޫކޮށް ދިއުމުގެ ވިސްނުން އެބަހުރި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވެސް ބުނެފައިވަނީ ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ ކަމަށެވެ. އެ އުސޫލުގެ ސަބަބުން ތައުލީމީ ދާއިރާއަށް ލިބޭނީ ކުރިއެރުން ކަމަށް ބުންޏެވެ.