މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ފައިސާގެ އެހީ ބޭނުންވޭ: މިނިސްޓަރު

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން ބޭނުންވާ ފައިސާގެ އެހީ ރާއްޖެ އަށް ނުލިބިއްޖެ ނަމަ ކުރިމަތިވާނެ ގެއްލުންތަކާ ގުޅޭ ގޮތުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އދ. އާއި ކޮމަންވެލްތު ގުޅިގެން ޑެސަޓިފިކޭޝަންއާ ދެކޮޅަށް މަސައްކަތް ކުރަން ބޭއްވި މިނިސްޓީރިއަލް ބައްދަލުވުމެއްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވާ މައްސަލަތައް މިނިސްޓަރު ހުސައިން ހިއްސާކުރެއްވި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މިއީ އދ. ގެ 75 ވަނަ ޖެނަރަލް އެސެމްބްލީގައި، މޫސުމާ ގުޅިގެން ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމާ ގުޅޭ ގޮތުން މެމްބަރު ގައުމުތަކަށް ކުރެވޭނެ ކަންތައްތައް މަޝްވަރާ ކުރަން ބޭއްވި "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަޓިފިކޭޝަން" (ޔޫއެންސީސީޑީ) ބައްދަލުވުމެވެ.

ޑެސަޓިފިކޭޝަން އަކީ ގުދުރަތީ ދިރުންތައް މަރުވެ، ހަނަފަސް ވުމެވެ. ގުދުރަތީ ގޮތުން ދިގު މުއްދަތެއްގައި މި ކަން ހިނގި ނަމަވެސް، ގިނަ ތަންތަން މިހާރު ހަނަފަސް ވަނީ އިންސާނުންގެ ހަރަކާތްތަކާ ހެދި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ހެދި ކަނޑުގެ ލޮނގަނޑު އުފުލުމުންނާއި މުރަކަތައް ހުދުވުމުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާ ކަމަށް މިނިސްޓަރު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި މިކަން ހުއްޓުވޭނީ ހުރިހާ ގައުމެއް އެއްކޮށް މަސައްކަތް ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ޕެރިސް އެގްރިމެންޓުގައިވާ ގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށް ވުރެ އިތުރު ވިޔަ ނުދިނުމަށްޓަކައި ހުރިހާ ގައުމުތަކުގެ އެއްބާރުލުން ބޭނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް މިހާރަށް ވުރެ ބާރުމިނުގައި ކުރިއަށް ގެންދެވޭނެ ގޮތް ހިމެނެ އެވެ. ތިމާވެށި ރައްކާތެރިކުރަން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި ގުދުރަތީގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ހިމާޔާތްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ހުސައިން ވިދާޅުވި އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި ތިމާވެއްޓާ ބެހޭ މިނިސްޓަރުންނާއި މުއާހަދާތަކުގެ އިސްވެރިންނާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ.