މީޑިއާ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ބައްދަލުކުރަނީ: އެމްއެމްސީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުން -- ފޮޓޯ:އެމްއެމްސީ
21 ސެޕްޓެމްބަރ 2020 - 14:14
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ކުރިމަތިލާން ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށް ބުނެ، އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
އެމްއެމްސީގެ 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހަށް ހަމަވާތީ، މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާ އިރު، އެކަށީގެންވާ ވަަރަށް މީހުން ކުރިމަތިލާފައި ނުވާ ކަމަށް އެމްއެމްސީ އިން ބުންޏެވެ. އެހެންވެ، އެމްއެމްސީ އަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 28 އަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.
އެމްއެމްސީ އަށް ކުރިމަތިލާން ހުޅުވާފައި ވަނީ މީޑިއާ ތަމްސީލްކުރާނެ ހަތް މެމްބަރުންނާއި އާންމުން ތަމްސީލްކުރާނެ ހަ މެމްބަރުންނެވެ. މީޑިއާ ތަމްސީލުކުރާނެ ފަރާތްތަކުގެ ނަން ހުށަހަޅާނީ އެ މީޑިއާއަކުންނެވެ. އާންމުންގެ ފަރާތުން ހޮވާނީ، މީޑިއާއަކާ އެއްވެސް ގުޅުމެއް ނެތް މީހުންނެވެ.
އިންތިހާބު ބާއްވާނެ ދުވަހެއް އެމްއެމްސީއަކުން އަދި އިއުލާނެއް ނުކުރެ އެވެ.
ކައުންސިލަށް އިންތިހާބުކުރެވޭ މެމްބަރެއްގެ ދައުރަކީ ދެ އަހަރު ދުވަހެވެ. ވިދިވިދިގެން ދެ ދައުރަށް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ކައުންސިލް މެމްބަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކާއި އެކަމަށް އެދި ހުށަހަޅާ ފޯމު އެމްއެމްސީ އިން ގެޒެޓު ކުރި އިއުލާނުގައި ހިމަނާފައި ވެ އެވެ.
އެމްއެމްއެމްސީ އަކީ މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާފައި އޮންނަ ކައުންސިލެކެވެ. އެ ކައުންސިލް އޮވެފައި އޭގެ އިތުރުން މޯލްޑިވްސްް ބްރޯޑްކާސްޓިން ކޮމިޝަން ވެސްް އޮތުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ބުނެ އެ ދެ މުއައްސަސާ އެއްކޮށްލާ ގޮތަށް ދެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރު އޮތީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy