ރޭގެ މާރާމާރީ އަކީ އާއިލީ މައްސަލައެއް

ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީ އަކީ އެއް އާއިލާއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްކަން 'މިހާރު' އަށް އެނގިއްޖެ އެވެ.


ރޭގެ މާރާމާރީގައި ޒަހަމްވެފައި ވަނީ މ. އަސަލް އަހުމަދު ޝަމާލް އެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީ އަކީ އާއިލާގެ ތެރޭގައި ވިޔަފާރީގެ މައްސަލަ ޖެހި ދިން ހަމަލާ އެކެވެ. ހަމަލާދީފައި ވަނީ ޝަމާލްއާ ދެބެންގެ ދެދަރި ކުއްޖެއް ކަމަށާއި އެކަން ހިނގާފައި ވަނީ އެ ގޭ ދޮރުމަތީގައި ކަމަށް ވެސް އެނގިފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ ރޭ 8:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި އުމުރުން 19 އަހަރުގެ މީހެއް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ޒަހަމްވި މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލިގައި ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އެއް ސާޖަރީ ހަދާފައި ވެއެވެ.