08 އޮކްޓޯބަރ 2020 - 11:41
ވޮޝިންޓަން (އޮކްޓޯބަރު 8) - އެމެރިކާގެ ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ޓީވީ ބަހުސްގައި ކޮރޯނާވައިރަހާ ގުޅޭ ގޮތުން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
ޑިމޮކްރެޓިކް ރަނިން މޭޓް ކަމަލާ ހެރިސް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ވެރިކަމަށް ވަޑައިގެންނެވި އެންމެ ނާގާބިލް ބޭފުޅާ އެވެ. ރިޕަބްލިކަން ނައިބް ރައީސް މައިކް ޕެންސް ވިދާޅުވީ ވައިރަސް ކޮންޓްރޯލް ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ އަމިއްލަ ޕްލޭނެއް ނެތް ކަމަށެވެ.
ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން އިންތިޚާބަށް 27 ދުވަހަށްވެފައިވާ އިރު ޓްރަމްޕަށް ވުރެ ކުރީގައި އުޅުއްވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އެވެ.
ނައިބް ރައީސް ޕެންސް ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ؛އޭއެފްޕީ
މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ޖޯ ބައިޑަންގެ ވާހަކަތަކަށް ޓްރަމްޕް ހުރަސް އެޅުއްވި ގޮތަށް ޕެންސް ކަންތައް ކުރައްވައިފައެއް ނުވެ އެވެ. ހެރިސްގެ ވާހަކަ އެއް ފަހަރު ޕެންސް މެދުކަނޑާލެއްވުމުން އެކަމަނާ ވަނީ "އިއްޒަތްތެރި ނައިބް ރައީސް، މި ވަގުތު ވާހަކަ ދައްކަނީ އަޅުގަނޑު" ކަމަށް ވިދާޅުވެފަ އެވެ.
ނުވަ ދިހަ މިނިޓުގެ ބަހުސްގައި އެނެމް ބޮޑަށް ހޫނުވީ ވައިރަސްއާ ގުޅޭ މައުޟޫއެވެ. ހެރިސް ވަނީ، ވައިރަސްގެ ނުރައްކާތެރިކަން، ޕެންސް އާއި ޓްރަމްޕް ގަސްދުގައި އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލައްވާފައި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ކެލިފޯނިއާ ސެނެޓަރު ހެރިސް ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ؛އޭއެފްޕީ
ރައްދުގައި ޕެންސް ވިދާޅުވީ ވައިރަސްއާ ގުޅޭ ވައިޓް ހައުސްގެ ސްޓްރެޓެޖީ ބައިޑަން-ހެރިސްގެ ކެމްޕޭނުން ވަނީ ކޮޕީކޮށްފައި ކަމަށެވެ.
އިންތިޚާބުގެ ކުރިން ނެރޭ ކޮވިޑް-19 ގެ ވެކްސިނެއް ބޭނުން ކުރައްވާނެތޯ ބަހުސްގެ މޮޑަރޭޓަރު ސުވާލު ކުރެއްވުމުން 55 އަހަރުގެ ކެލިފޯނިއާ ސެނެޓަރު ވިދާޅުވީ ސިއްހީ މާހިރުންގެ އެޕްރޫވަލް ނުލިބޭ ވެކްސިނެއް އެކަމަނާ ބޭނުން ނުކުރައްވާނެ ކަމަށެވެ. ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯހުގެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާ ޕެންސް ވިދާޅުވީ ހެރިސް މަސައްކަތް ކުރައްވަނީ ވެކްސިންއާ ބެހޭ ގޮތުން އާއްމުންގެ އިތުބާރު ގެއްލުވާލަން ކަމަށެވެ.
ޕެންސް އާއި ހެރިސްގެ ބަހުސް ކުރިއަށް ގެންދިޔައީ 12 ފޫޓުގެ ދުރުމިނެއްގައި ތިއްބަވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy