އަޅުގަނޑުގެ ރަށުން ނަމޫނާ ދައްކައިފި: ނަހުލާ

އިގްތިސާދީ ނާރެހަކަށް ބޮޑުތިލަދުންމަތި ހެދުމުގެ ފާލަމެއްގެ ގޮތުގައި ހއ. ހޯރަފުށީގައި އެއާޕޯޓް އަޅަން އެ ރަށުގެ ރައްޔިތުން ދެއްކި ނަމޫނާ އަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އޭނާގެ އުފަން ރަށަށް މިއަދު ތައުރީފުކުރައްވައިފި އެވެ.


ހޯރަފުށީގެ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަހުލާ ވިދާޅުވީ ބޮޑުތިލަދުންމަތީ ރައްޔިތުންގެ ހުވަފެން މިއަދު ހަގީގަތަކަށް ވީ ކަމަށެވެ. އެއީ، އެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރަށް އެއްބާރުލުންދީ، އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ރައްޔިތުން ކުރި މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީން ހޯރަފުށީގެ އެއާޕޯޓުގެ މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމާ ހަމައަށް އެ ރަށުގެ ރައްޔިތުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ބިން ހިއްކުމުން ފެށިގެން ރަންވޭގައި ރޮނގު ދެމުމާ ހަމައަށް ރައްޔިތުންގެ ބައިވެރިވުން އޮތް ކަމަށް ކައުންސިލުން ވެސް ބުނެ އެވެ.

"މިއަދު އަޅުގަނޑުގެ ރަށުގެ، މި ފުށީގެ ރައްޔިތުން މިވަނީ އެއްބައިވަންތަކަމުގެ ނަމޫނާއެއް ދައްކައިދީފައި،" ނަހުލާ ވިދާޅުވި އެވެ.

"ވަރަށް އުފަލާ އެކު ދަންނަވާލަން ބޭނުންވަނީ ކުރިން ހޯރަ ތިރިކުރި މި ފުއްޓަށް ހޯރައާ އެކު ދެން ތިރިކުރާނީ ބޮޑެތި މަތިންދާ ބޯޓުތަކޭ. މި މަޝްރޫއަށް މި ރަށުގެ އަދި އަތޮޅުގެ ރައްޔިތުންގެ ފަރާތުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން."

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުން އެނގިގެން ދަނީ އަތޮޅުތައް ތަރައްގީކުރަން ރައީސް ދެއްވާ އިސްކަމެވެ. އެ އެއާޕޯޓާ އެކު ރާއްޖޭގެ އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް އެ ސަރަހައްދު ވުމުގެ ދޮރު ހުޅުވުނީ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅައި ހަމަ އެ ބާރުމިނުގައި މަޝްރޫއުތައް ނިންމާ ސަރުކާރެއް،" އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ މި ސަރުކާރު ދެމިއޮންނާނީ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލު ހޯދައިދޭ ބައެއްގެ ގޮތުގައި ކަމަށެވެ.

ކޮވިޑު-19ގެ ބަލިމަޑުކަމުގެ އުނދަގޫ ދަނޑިވަޅުގައި އެއާޕޯޓް ހުޅުވުމަކީ ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްވެ އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ފަށައިގަންނަން ބާރެއް ކަން ފާހަގަކުރެއްވި އެވެ. އެއާޕޯޓާ އެކު ބޮޑު ތިލަދުންމައްޗަށް ގިނަ ފައިދާތަކެއް ކުރިއަށް އޮތް ތަނުގައި ވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.