ވައިކަރަދޫގައި މަސް ބާނަން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ހދ. ވައިކަރަދޫގައި ގޮނޑުދޮށަށް މަސް ބާނަން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.


އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، މޫދަށް އެރޭ ސަރަހައްދުގައި މުހައްމަދު ނަޒީރު، 69، މަރުވެފައި އޮއްވައި ފެނުނީ ހެނދުނު 8:45 ހާއިރު ކަމަށެވެ.

ނަޒީރު މަރުވެފައި އޮއްވައި ފެނުނީ ކުނި އުކާލަން ދިޔަ މީހަކަށެވެ. އެއީ ކުޑަކޮށް ދިޔަވަރު ހިކިފައި އޮތް ވަގުތަކަށް ވާތީ ހަށިގަނޑު އޮތީ ގޮނޑުދޮށުގައި ބީހިފަ އެވެ.

"ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އަނގައިން ފޮނު އައިސްފައި ހުރީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ނަޒީރުގެ ހަށިގަނޑު ފެނުނުއިރު، ފައިގެ ދަށް ފަރާތުން ހުދު ހަން ހުރީ ހަލާކުވެފަ އެވެ. ލައިގެން ހުރި މުންޑާއި މަސް ބާނަން ގެންގުޅުނު ދޮށި ފެނުނީ ވަކިން ދުރުގައި އޮއްވައި ކަމަށް އޭނާ ވިދާޅުވި އެވެ.