ވެމްކޯގެ ކުނި ބާޖަކުން ތިލަފުށީ ފަޅަށް ކުނި އަޅާތަން ފެންނަ ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް
21 ނޮވެމްބަރ 2020 - 11:57
ކުނި އުކާލުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފައި އޮންނަ ވެމްކޯގެ ބާޖަކުން، މޫދަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެންނަގޮތުގައި، ތިލަފުށީ ފަޅުތެރޭގައި އޮތް ބާޖުގައި ހުރި މީހަކު، އުޅަނދުގެ އަރިމަތީގައި ހުރި ކުނިތައް ފިހިގަނޑަކުން ކަހައި، ބޭރުކޮށްލަނީ މޫދަށެވެ.
އެ ވަގުތު ބާޖު ހުސްކޮށް އޮޮތުމުން ލަފާ ކުރެވެނީ، ތިލަފުއްޓަށް ކުނި އުކާލުމަށް ފަހު އުޅަނދު ސާފުކުރުމަށް ބާކީ ހުރި ކުނިތައް މޫދަށް އަޅާލަނީ ކަމަށެވެ. އުޅަނދު ސަރަހައްދު މޫދު އޮތީ ކުނިން ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ.
"އެހެން މީހުން މޫދަށް ކުނި އަޅާ މަންޒަރު ފެނުމުން ވީޑިއޯކޮށް ފޭސްބުކަށް ލާނެ. މި ފެންނަނީ ވެމްކޯގެ މީހުންގެ ކަންތައް،" އެ ވީޑިއޯ ކުރި މީހާ ބުނާ އަޑުއިވެ އެވެ.
އެ ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ބުނާގޮތުން އެއީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. ތިލަފުށީ ފަޅުތެރެއަށް ކުނި އަޅާލެއް ގިނަ ކަމުން، ދޯނީގެ ބުރަފަތި އަބަދު ވެސް ޖެހެނީ ސާފުކުރަން ކަމަށް ކޮމެންޓް ކުރި ބައެއް މީހުން ބުންޏެވެ.
މި ވީޑިއޯ މިހާރު ވަނީ ވެމްކޯގެ ސަމާލުކަމަށް އައިސްފަ އެވެ. އެ ކުންފުނިން ބުނީ، މިއީ ކިހިނެއް ހިނގި ކަމެއްތޯ ބަލަމުން ދާ ކަމަށާއި ކުރިއަށް އޮތްތަނުގައި މި ފަދަ ކަންކަން ގާތުން މޮނީޓާ ކުރާނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭ ފަޅަށް ކުނި އެޅުމަކީ ވެސް އާއްމުކޮށް ފެންނަ މަންޒަރެކެވެ. ސްޓެލްކޯއިން މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ފަޅުތެރެ ސާފުކުރި އިރު، ގިނަ އަދަދެއްގެ ކުނި ވަނީ ނަގާފަ އެވެ. ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ޕަވާޕްލާންޓަށް ފިނި ކުރަން މޫދަށް ގުޅާފައި ހުންނަ ހޮޅީގެ ފިލްޓަރު މަހަކު ދެތިން ފަހަރު ސާފުކުރާއިރު، ކޮންމެ ފަހަރަކު ވެސް 12 ގޯނި ކުނި ނަގަން ޖެހޭ ކަމަށް ސްޓެލްކޯއިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުމާ
22 November 2020
ރާއްޖޭގައި ކަނީ ތިމާވެށި ވިއްކައިގެން ލިބޭ އާމްދަނީންނެވެ. އެކަމަކު އެއިންތަނެއް ދިރުވާ އާލާ ކުރުން އަމުދުންވެސް ނެތީ އެވެ
ތުއްތޮންބެ
22 November 2020
މިހާރު އީޕީއޭ އޮންނަވަނީ ނިދިކުރައްވާފަތޯ؟
ނެގުނުކަތީބު
22 November 2020
ކީއްކުރަނީ ބޮންދުންނާއި ހުރިހާކަމެއް ހަވާލުކޮށްފަ މެނޭޖަރުން ސްޕަވައިޒަރުން ކޮފީގަ އަބަދު އުޅުއްވާނީ! މާލޭ މަގުތަށް މުޅިންވެސް ހަލާކުކުރަނީ މަގުކޮންނަމީހުން! އެކަން ބަލާލާނޭ ސްޕަވައިޒަރެއް ނުހުރޭ! އެމީހުންނަށް ފަސޭހަގޮތަކަށް ކަންކޮށްލާފަ ދަނީ
ރަދީފްއޮފިޝިއަލް
22 November 2020
ވެމްކޯގެ ބައެއް ސްޓާފުން އެއީ ގޮތެއް ފޮތެއް ހުންނަ ބައެއް ނޫން.
މަންޑޭލާ
22 November 2020
މިހެން ވަނީ ފީކަޅާ ބަޔަކު ވެރިކަމާ ހަވާލުވީމަ
ދޮންބޭބެ
21 November 2020
ގޭގެއިން ނެރޭ ކުނި ވަކިކުރެވިގެން އަދި ސަރުކާރުން ކުނި ނައްތާލުމަށް ފުރިހަމަ ރަނގަލޫ ނިޒާމެއް ތިލަފުށީގައި ގާއިމް ކޮށް ގާނުނަކުން ފިޔަވަލު އެޅޭނެ ގޮތަށް އޮވެގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެ
Happy
21 November 2020
ހުޅުމާލެ ފަޅުތެރެޔަށް ކުނިއަޅަނީ ފަޅުތޭރޭގަ އަޅާފައި އޮންނަ ސަފާރީތަކުން.. ނަންވާނީ ވެމްކޯ! އެޗްޑީސީ އެބަޖެހޭ މިކަންބަލަން!!
ބާބާ
21 November 2020
އީޕީއޭ އެއީ ކީއްކުރާ ބަޔެއްތަ؟ މިމީހުންނާ ބެހެނީ ތަނެއް ކޮނުމުން އެކަނިތަ؟
އާއިޒް
21 November 2020
މޫދަށް ކުނި އަޅަނީ އޮޑި ފަހަރުން. ނޯޓު ހާބަރުގެ ހާލަތުވެސް ގޯސް.
ޙާލިދު
21 November 2020
ހުޅުމާލެ ފަޅު އެޗްޑީސީ އަށް ނުބެލޭ. މަސް ދޯނި ތަކުން ބޭރު ކުރާ ލޭވެސް، ތެޔޮވެސް، ކުނިވެސް، މަސްކަނޑާފަ އުކާލާ ބާކީ ވެސް އަޅިނީ ހުޅުމާލެ ފަޅުތެރެއަށް.