ނިއުޝާދު: އަނބިމީހާއަށް ހާއްސަކޮށް އޭނާ ހެދި ވީޑިއޯއެއް، އެހެން މާނައެއްގައި ބަޔަކު ވަނީ އާއްމުކޮށްފައި
26 ނޮވެމްބަރ 2020 - 17:45
އިންޝުއަރެންސް ކުންފުނި، އެލައިޑްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފަށް އެއީ އަހަރުގެ އެންމެ ހާއްސަ އެއް ދުވަހެވެ. ލޯބިން ކުރި ކައިވެންޏަށް 11 އަހަރު ފުރުން އޭނާ ފާހަގަ ކުރަން ބޭނުންވީ އެހާމެ ހާއްސަކޮށެވެ. އެކަމަކު އަނބިމީހާ އާއި އެކުވެރިން ހެއްވައިލުމަށް އޭނާ ދިން ސަޕްރައިޒް ބައެއް މީހުންނަށް ކަމުނުދިޔައީ އެވެ. ނިއުޝާދުގެ ނަޒަރުގައި އެ ހަދިޔާތަކުގެ ނުުބައި މާނައެއް ނަގައިގެން، ސޯޝަލް މީޑިއާގައި ބައެއް މީހުން އޭނާ ފަލީހަތްކޮށްލީ އެވެ.
ކޮންމެ އަހަރަކު ވެސް ކައިވެނީގެ އަހަރީ ދުވަސް، ތަފާތު ގޮތަކަށް ފާހަގަ ކުރަން ބޭނުންވާ ނިއުޝާދު އޭނާގެ އަނބިމީހާ އަށް ދިނީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާން ބޭނުން ކުރާނެ ސާމާނެވެ. އޮފީހުގައި އިނދެ ނެގި ވީޑިއޯއެއްގައި އޭނާ ވަނީ އެ ސާމާނުތަކުގެ މުހިއްމު ކަމާއި އެ ބޭނުން ކުރެވޭނެ ގޮތް މަޖާ ގޮތަކަށް ކިޔައިދީފަ އެވެ. އަންހެނުންނަށް ގަނެދިން ފަޔާ ބްލޭންކެޓް ނުވަތަ އަލިފާން ރޯވުމުން ގައިގައި އޮޅާ ރަޖާގަނޑު ދައްކާލަމުން ބުނީ އެއީ "އަންހެނުން ރުޅިއައީމާ ވެސް ނުވަތަ އަލިފާން ރޯވީމަ ވެސް ނިއްވަން ބޭނުންކުރެވިދާނެ އެއްޗެއް" ކަމަށެވެ. އަދި ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް އެ ބޭނުން ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.
އަލިފާން ނިއްވާ ފުޅި ދައްްކައިލީ ވެސް އަނބިމީހާއާ ސަމާސާ ކުރަމުންނެވެ. އޭނާ ބުނީ ކައިވެނި ކޮށްގެން އުޅޭއިރު މާބޮޑަށް މައްސަލަޖެހުނީމަ ވެސް އެ ފުޅި ބޭނުންކޮށްގެން "ރާސްލާފައި ނިއްވާލަން ވީ" ކަމަށެވެ.
"މި އަދި ވަރަށް އަގުހެވޭ. އެންމެ 1080 ރުފިޔާ އަށް،" އަލިފާނުން ރައްކާތެރިވުމަށް އިޝްތިހާރުތައް ހަދާފައިވާ ނިއުޝާދު، އެންޓި ފަޔާފުޅި ދައްކައިލަމުން ބުންޏެވެ.
އަނބިމީހާ އަށް ބޭނުން ކުރެވޭނެ އަދި ވަރަށް މުހިއްމު މި ހަދިޔާތަކާއެކު އޭނާ ތައްޔާރުކުރި ދޮޅުމިނިޓްގެ ވީޑިއޯ ނިއުޝާދު އަޕްލޯޑް ކުރީ ސޯޝަލް މީޑިއާގެ އޭނާގެ ޕްރައިވެޓް އެކައުންޓުތަކުގަ އެވެ. އެކަމަކު މި ސަމާސާ ވިހަވީ، އެ ވީޑިއޯ މީހަކު ނަގައިގެން، އެއީ އެލައިޑުގެ އިޝްތިހާރެއްގެ ގޮތުގައި އާއްމު ކުރުމުންނެވެ. ފޭސްބުކްގައި އެ ވީޑިއޯ އާއްމު ކުރި މީހާ ބުނީ އެއީ އަންހެނުން ކުޑައިމީސް ކުރުމުގެ ގޮތުން އެ ކުންފުނިން ހެދި އިޝްތިހާރެއް ކަމަށާއި ތަނެއްގައި ރޯވާ އަލިފާނާއި އަންހެނުން ހަމަހަމަ ނުކުރެވޭނެ ކަމަށެވެ. ދެން އެ ވީޑިއޯ އެންމެން ވެސް ޝެއާ ކުރަން ފެށީ، އެ މާނައިގައި، ނިއުޝާދަށް ފާޑުކިޔަމުންނެވެ.
އެ މީހާ މިހާރު ވަނީ ވީޑިއޯ ފޭސްބުކުން ނަގައިފަ އެވެ. އެކަމަކު ނިއުޝާދު ދެކޭ ގޮތުގައި އަނބިމީހާ އަށް ހާއްސަކޮށް، ސަމާސާއަކަށް އޭނާ ހެދި ވީޑިއޯއެއް، އެއީ އެލައިޑްގެ އިޝްތިހާރެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެކެވެ. އަދި ކޮންމެ މަގްސަދެއްގައި އެކަން ކުރި ނަމަވެސް އޭގެ ސަބަބުން އޭނާ އާއި އަނބިމީހާގެ އުފަލަށް ހުރަސް އެޅި، ކުންފުނީގެ ނަމަށް ހުތުރުވެއްޖެ ކަމަށް ބުންޏެވެ.
"މިއަދަކީ އެއްގޮތަކަށް ވެސް އުފާވެރި ދުވަހެއް ނޫން،" މާޔޫސްކަމާއެކު ނިއުޝާދު ފޭސްބުކްގައި ލިޔުނެވެ.
އޭނާގެ މި ސްޓޭޓަސް ޝެއާކޮށް، ގިނަ ބަޔަކު މިހާރު އަންނަނީ ނިއުޝާދަށް ތާއީދު ކުރަމުންނެވެ. އެ މީހުންގެ ނަސޭހަތަކީ ހަގީގަތް ނުބަލައި، ފެންނަ ކޮންމެ އެއްޗަކަށް ފާޑު ނުކިޔުމާއި ޝެއާ ނުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯގާތެރި ޖަޒީރާ
28 November 2020
ދެން މިހާރު "އަން" ވެސް ކިޔޭކަށް ނެތެއްނު؟ އަންހެނުންނޭ ބުނީމާ ހީވަނީދޯ މިއީ ވަކި ޕްލެނެޓަކުން އައިސްފައިވާ ބައެއްހެން. އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ފިރިހެނުންނަކަށް ނުވެވޭނެ. ފިރިހެނުން ނޫޅޭ އަންހެން ހެދިގެނެއް. ތި ޝަކުވާއަކާހެދި ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެއްޖެ. މިހާރު ފިހާރައަކަށް ދިޔަސް "އަންހެން ކައުންޓަރ" މިހެން ޖަހަންޖެހޭ. ބަލަ ފިރިހެނުންނަށް ވަކި ކައުންޓަރެއް ހުރޭތަ؟ ފެމިނިސްޓްވެގެން ދިޔަސް ބޮޑުވަރު. ހުހްހހހހ
ރާނީ
28 November 2020
އަނބިމީހާ ކޫލް ކުރާ ފަންކާއޭ ކިޔާފައި ހެ ދި އިޝްތިހާރު ެެެެެެެެެެެެެެއެއީ އަންހެނުންނަށް ކޮށްފައިއޮތް ފުރައްސާރައެއް އެހެންވިއްޔާ.. ކީއްވެ އެބަލާފަ ފާޑު ނުކިޔާ ހޭންތިބެނީ؟ ނިއުޝާދުގެ މަސައްކަތް ވަރަށް ސަޅި. ސާބަސް.
ޝައިޚް.
28 November 2020
ރީތި މިސާލެއް، ބުނެއުޅޭދޯ، ތޫނު ކަނޑިއަކަށްވުރެ، މީޑިއާ މާ ނުރައްކަލޭ، މީ އޭގެ ރީތި މިސާލެއް، މީހަކު ހެޔޮ ނިޔަތހުގަ ކުރި، އަދި އެހާމެ ރަނގަޅު ކަމެއް މިއޮތީ ސޯސަލް މީޑިއާއިން ގޯސްކޮއްފަ، އިންސާނުންގެ ހުރި ވިހަ، ނުބައިކަން މިވެސް.
ބާތު ޑޭ
28 November 2020
ކަލޯ މޮޔާ އިން ބާތުޑޭ ހަދާލަފާނެ ކޮންމެ އެއްޗަކުން ވެސް
ޓާތޮން
28 November 2020
ތީ ބޮކި ޗޯކެއް.
މުލޭ
28 November 2020
މިއީ އަންހެނުން ދެރަކޮށުމުގެ ބޭނުމުގައި ކުރިކަމެއް ނޫން. މިއީ އަންހެނުންނާއި ފިރިހެނުންވެސް ހޭލުންތެރި ކުރުމަށް ކުރިކަމެއް ކަމަށް ބެލެވޭ. މިޔަކު ނެތް އޮތްކަމަކަށް ނުބެލެވޭ. ކްރިއޭޓިވް ގޮތެއް އެއީ.
ހުތް އާދަނު
28 November 2020
ފޭސްބުކަކީ ޕަބްލިކް އެއްޗެއް . ތިމާގެ އާއްމުދިރިއުޅުމުގެ ކަންކަން އެހެން މީހުންނާއި ހިއްސާކުރަންޏާ ފާޑުކިޔުންތަށް ވެސް ކުރިމަތި ވާނެ. ފޭސްބުކްކަހަލަ ސޯޝަލްމީޑިއާއަށް އެއްޗެއް ޝެއާރ ކުރަންވާނީ އެކަހަލަ ކަންކަންވެސް ދިމާވާނެ ކަމަށް ވިސްނައިގެން . ދުނިޔޭގައި އުޅެނީ އެއްކަހަލަ ބައެއްނޫން.
ހަބީބާ
28 November 2020
އާޓިކަލް ކިޔާލިނަމަ ސަޅިވީސް.. އޭނަ ޝެއަރ ކުރީކީ ޕްބލިކަކު ނޫން. ޕްރައިވެޓް ޕޯސްޓެއް މީހަކު އެވަގަށް ނަގައިގެން އޭނަގެ ހުއްދަނުނަގާ ޝެއަރ ކުރީ.
އައްޔެ
28 November 2020
ހަބީބާ އޭނަގެ އެކައުންޓަކީ ޕްރައިވެޓް އެކައުންޓެއް ކަމަކު ޝެއާރ ކުރާ ޕޯސްޓްތަކުގެ ޕްރައިވެސީ ތަފާތުވާނެ. އެ ވީޑިއޯ އިނީ ޕަބްލިކް ކޮށް. ކޮންމެމީހަކަށްވެސް އެ ބެލޭނެ.
އަބްދުއްالله
28 November 2020
ހިނިއަންނަ ކަމެއް ކުރީމަ ހޭން ނޭގޭ މީހުން ވަރަށް ގިނަ ދޯ؟
ލޮލް2020
28 November 2020
ތީގަ ނެތް ހަމަ އެއްވެސް މައްސަލައެއް، ތީގަ މަދުވާ އަދި އެއްކަންތަށްޖެހޭ އެބަ އިތުރުކޮށްލަން، ބައެއްފަހަރު ތި ފުޅިން ނުވެގެން ޖެހޭ ސިފައިންގެ އަލިފާން ނިއްވާ ލޮރީވެސް ގެންނަން، އެ ލޮރީ ކުއްޔަށް ދޫކުރާނެ ގޮތެއް އިންނާނެތަ؟
ގަންޖުފަރާސް
27 November 2020
ދިވެހިންނަކީ ވަރަށް ހަސަދަވެރި ބައެއް. އެހެންމީހަކަށް އުފަލެއް، ކާމިޔާބީއެއް ނުވަތަ ތަނަވަސްކަމެއް ލިބުނަސް އެކަމާ ވިއްދައިގެން އެމީހަކާ ޖައްސާލާނެ.