މޮރިޝަސް އިމުގެ މައްސަލާގައި ކުރިން ބޭއްވި އަޑުއެހުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ.
28 ޖެނުއަރީ 2021 - 21:53
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިޓްލޮސް އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލާގައި ރާއްޖޭން ވަކާލާތުކުރަމުން އައީ ޓްރައިބިއުނަލް އަށް މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ.
އިޖުރާޢީ ގޮތުން ރާއްޖޭން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށް ފަހު، މޮރިޝަސްއާ އެއްކޮޅަށް ނިންމުމުގެ ނަތީޖާ އަކީ ރާއްޖޭހެ ހާއްސަ އިގްތިސާދީ ސަރަޙައްދާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަޙައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުޢާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަޖާ އެއްގޮތަށް އެ ސަރަޙައްދާ މެދު ގޮތެއް ކަނޑައަޅަންޖެހުމެވެ.
"މިގޮތުން، ބައިނަލްއަގުވާމީ އުސޫލުތަކަށް ރިޢާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުސޫލަކުން ދެ ގައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުސޫލު ބޭނުންކޮށްގެންކަން ފާހަގަކުރެވެއެވެ." މިއަދުގެ އަޑުއެހުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
ކުރިން ބޭއްވި އަޑުއެހުންތަކުގައި ރާއްޖޭން ވަނީ ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުުކުރުމުގައި ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. ރާއްޖޭން ބުނި ގޮތުގައި ޖެހިގެން އުޅޭ ހަމައެކަނި މައްސަލަ އަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްގެ އިގްތިސާދީ ސަރަހައްދާ ބެހޭ ގޮތުން ނެރެފައިވާ އެޑްވައިޒަރީ އޮޕީނިއަން އަކީ ޗާގޯސްގެ މިލްކުވެރިކަމާ ބެހޭ ގޮތުން މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ދެބަސްވުން ނިމުމަކަށް ގެނެސް ވަކި ގޮތަކަށް ކަނޑައެޅިދާނެ ނިންމުމެއްތޯ ހިޔާލު ތަފާތުވުމެވެ.
އިޓްލޮސް އަށް މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން ބޭއްވި އަޑުއެހުންތަކުގައި ރާއްޖޭގެ ފަރާތުން ބުނެފައިވަނީ މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގްސަދެއް ހާސިލްކުރަން ކަމަށެވެ. ރާއްޖޭން ބުނީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
މީގެކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޯޒް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ. މޮރިޝަސް އިން އިއުތިރާޒްކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށް ފަހު، އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.
އދ.ގެ އާންމު މަޖިލީހުން މެއި 23، 2019 ގައި ވަނީ ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ.ގެ އާއްމު މަޖީލީހުން ފާސްކޮށްފަ އެވެ. އެކަމަކު ރާއްޖޭން ވޯޓު ދިނީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ. ރާއްޖޭން ބުނެފައިވަނީ މިގޮތަށް ވޯޓު ދިނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅައިގެން އުޅޭ މައްސަލާގައި، ރާއްޖޭން ކަނޑުގެ ސަރަހައްދެއް ރާއްޖެ އަށް ގެއްލިދާނެތީ ކަމަށެވެ.
ރާއްޖެއާ އެކު ހަ ގައުމަކުން އެ ގަރާރާ ދެކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ފަންސާސް ހަ ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަން ވެސް ހިމެނެ އެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓުދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.
ޗާގޯސް އައިލެންޑްސް މޮރިޝަސް އަތުން އިނގިރޭސިން ވަނީ 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް ގަނެފަ އެވެ. އެމެރިކާއާ އެކު ޗާގޯޒްގެ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އިނގިރޭސިން ވަނީ 1967 އާއި 1973 އާ ދެމެދު އެ ރަށްތަކުން މީހުން ހުސްކޮށްފަ އެވެ. ޑިއެގޯ ގާސިއާ އެމެރިކާ އަށް ދޫކޮށްފައިވާ މުއްދަތު 2016 ގައި ވަނީ 2036 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަ މީހާ ދޯ
29 January 2021
ޚާރިޖީ ކަންކަމުގައި ނިންމާ ނިންމުންތައް ނިންމުމުގެ ކުރިން ފުށުއަރާނެ ކަންކަންމަށް ވިސްނާލުން ބުއްދިވެރި. މޮރިޝަސް އާއި ދެކޮޅަށް ތިޔަ ވޯޓް ނުދިންނަމަ މިއަދު މޮރިޝަސް ރާއްޖެއާއި ދެކޮޅަށް ނުތެދުވީސް.