ކުރީގެ ޕީޖީ މުހުތާޒް: ގާޒީ ބާރީ އަކީ ކުރިން މިސާލެއްގެ ގޮތުގައި ނެންގެވި ބޭފުޅެއް ކަމަށް މުހުތާޒް ވިދާޅުވި.---ފައިލް ފޮޓޯ: ރައީސް އޮފީސް
03 ޖޫން 2016 - 02:18
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފަކީ އެއް އިރެއްގައި މިސާލެއްގައި ގޮތުން ނެންގެވި ބޭފުޅެއް ކަމަށާއި އެކަމަކު މިހާރު މުޅި ގައުމު "ހަލާކު ކުރަމުން ދަނީ" އެ ގާޒީ ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ޝަރީއަތުގައި އޭނާ ގާޒީ ބާރީ އަށް މިރޭ ވަރަށް ބޮޑަށް ފާޑުު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމުގެ ދައުވާލިބޭ މުހުތާޒް، ގާޒީ ބާރީއަށް ފާޑު ވިދާޅުވީ މިއަދު ހަވީރުން ފެށިގެން މުހުތާޒްގެ ޝަރީއަތް މިރޭ ވަރަށް ދަން ވަންދަން ވެސް ގާޒީ ބާރީ ކުރިއަށް ގެންދެވުމުންނެވެ.
މުހުތާޒާއި އޭނާއާ އެކު އެ މައްސަލާގައި ދައުވާލިބޭ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިހާންގެ ޝަރީއަތުގައި ހެކިބަސް ނެގުން މިއަދު ހަވީރުން ފެށިގެން މިރޭ ވަރަށް ދަންވަން ކުރިއަށް ގެންދަވާތީ، އެކަމާ ޝަކުވާ ކުރައްވައި މުހުތާޒް ވިދާޅުވީ ގާޒީ ބާރީ އަކީ އެއް އިރަކު މިސާލެއްގެ ގޮތުން އޭނާ ނެންގެވި ބޭފުޅެއް ކަމަށެވެ. އަދި މުހުތާޒް ފާހަގަ ކުރެއްވި ގޮތުގައި އޭނާ ދަރިވަރު ވީ ވެސް ގާޒީ ބާރީގެ ފަރާތުންނެވެ. އެކަމަކު މިއަދު މުޅި ގައުމު ހަލާކުރަނީ ގާޒީ ބާރީމެން ފަދަ ބޭފުޅުން ކަމަށް ވިދާޅުވެ، އޭނާ އަށް އެއްވެސް އިހްތިރާމެއް މިހާރު ނުކުރައްވާ ކަމަށް މުހުތާޒް ވިދާޅުވި އެވެ.
"އަޅުގަނޑު މިތަނަށް އިހްތިރާމް ކުރަން. އެކަމަކު ތިބޭފުޅާއަށް މިހާރު އިހްތިރާމެއް ނުކުރަން،" ޖަލު ހެދުމުގައި ކުރިމައްޗަށް ބިޑި އަޅުވާފައި އިން މުހުތާޒް ގާޒީ ބާރީ އަށް ނިސްބަތް ކުރައްވައި ވިދާޅުވި އެވެ.
މުހުތާޒް އެހެން ވިދާޅުވުމުން، ގާޒީ ބާރީއަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް އޭނާ އަމިއްލަފުޅަށް ދެތިން ފަހަރަކު ވިދާޅުވި އެވެ. ބާރީ އެހެން ވިދާޅުވާ ކޮންމެ ފަހަރަކު މުހުތާޒް ޖަވާބު ދެއްވަނީ "ގަދަކަމުން އިހްތިރާމް ކުރުވަން ޖެހޭނީ،" ކަމަށެވެ.
މިރޭ ފަތިސް ވަންދެން ވެސް ޝަރީއަތް ކުރިއަށް ގެންދަވަނީތޯ މުހުތާޒް ސުވާލު ކުރެއްވުމުން، ގާޒީ ބާރީ ވިދާޅުވީ ފަތިސްވެ، އިރު އަރާތޯ ނުބައްލަވާ ކަމަށާއި މިރޭ އެއްކޮށް ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ކޯޓަކީ 24 ގަޑިއިރު މަސައްކަތް ކުރާ ތަނެއްކަން މުހުތާޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
"އަޅުގަނޑު މިތަނަށް އިހްތިރާމް ކުރަން. އެކަމަކު ތިބޭފުޅާއަށް މިހާރު އިހްތިރާމެއް ނުކުރަން،" ޖަލު ހެދުމުގައި ކުރިމައްޗަށް ބިޑި އަޅުވާފައި އިން މުހުތާޒް ގާޒީ ބާރީ އަށް ނިސްބަތް ކުރައްވައި ވިދާޅުވި އެވެ.
މުހުތާޒް ވިދާޅުވީ 24 ގަޑިއިރު ކޯޓު ހުޅުވައިގެން ހިންގަނީ ވަކި މައްސަލަތަކެއް ކަމަށާއި އޭނާ އަކީ ވެސް ކުރިން ފަނޑިޔާރަކަށް ވުމުން ކަންކަން އޮންނަ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު މިހާރު ޝަރީއަތް ގެންދަނީ އޭނާގެ ބަލި ހާލަތަށް ބެއްލެވުމެއް ނެތި ކަމަށް މުހުތާޒް ވިދާޅުވި އެވެ. އަދި އިސްލާމީ ޝަރީއަތް އުނގެނިގެން ތިއްބަވައި، ބޭ އިންސާފުން ކަންކަން ކުރައްވާ ކަމަށް ގާޒީ ބާރީއަށް ނިސްބަތް ކުރައްވައި، މުހުތާޒް ވިދާޅުވި އެވެ.
މުހުތާޒް އެހެން ވިދާޅުވުމުން ގާޒީ ބާރީ އެންގެވީ އިތުރަށް ޒުވާބު ނުކުރުމަށެވެ. އަދި މިއަދު ހަވީރު ކުރިއަށް ދިޔަ ޝަރީއަތުގައި ވެސް މުހުތާޒާއި ގާޒީ ބާރީ ޒުވާބު ކުރި ކަމަށް ނޫސްތަކުގައި އެބައޮތް ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ. އެހެން ވިދާޅުވުމުން މުހުތާޒްގެ ޖަވާބަށް ވީ، "ޒުވާބު ނޫންތޯ މި ކުރަނީ" އެވެ.
މިއަދު ހަވީރު ކުރިއަށް ދިޔަ އަޑުއެހުމުގައި މުހުތާޒާއި ބާރީގެ ހޫނު ބަހުސަކަށް ދިޔައީ ކުރިން އެހެން ގާޒީއަކު މުހުތާޒްގެ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް، ކުއްލި ގޮތަކަށް ގާޒީ ބާރީ އެ މައްސަލަ ބެއްލެވުމާ ހަވާލުވުމުންނެވެ.
އާންމު ގޮތެއްގައި ޝަރީއަތުގައި ގާޒީއާ ޒުވާބު ކުރުމަކީ ވަގުތުން އަދަބު ކަނޑައެޅޭ ކަމެއް ނަމަވެސް މުހުތާޒަށް އިންޒާރު ދިނުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޔާސް
04 June 2016
ބާރީގެ ނިމުން ވެސް އަންނާނެ އެހާހިތިވެސް ވާނެހެން ހީވަނީ! ބާރީ ހިތައްއަރާބާ ކޮންމެ ކަމަކީ ނިމުންވާނެ ކަމެއްކަމަށް ދުނިޔެގައި މުދާވެސް ފައިސާވެސް ލިބިދާނެ އެހެން ނަމަވެސް ބާރުކެނޑޭ ދުވަހުން މީހުންގެ ލައުނަތް ލިބި ހާލޚުވާނެ ކަމަށް ގަބޫލުނުކުރަނީބާ!
ޙަފުޞާ/ މާލެ
04 June 2016
ތިމާގެ ކުށް ތިމާ ޤަބޫލުކޮށް އިޢްތިރާފްވަންވީ! މިބުނީ މުހްތާޒްގެ ވާހަކަ! ކޮންމެހެންނަނަކުން ތިމާގެ މައްސަލަބަލާތީ ބާރީ ބިރުގަންނަވަންވީކީ ނޫން!
ރަދީފް
04 June 2016
ބާރީ. ހުރިހާ ރައްޔަތުންގެ ނުރުހުންލިބިގެންވެސް ތިބަލަނީ މަގާމުގަ ހުރެވޭތޯ. ލަދުކޮބާ؟؟
ސަލީފް
04 June 2016
މުހުތާޒަށް ވެސް މިހާރު އިނގޭނެ މިޤައުމުގެ ހާލަތު! މިއެއްނޫންތޯ ރައީސް ނަޝީދު ދެއްކެވި ވާހަކައަކީ؟
އުމަރު
04 June 2016
ތިޔަރައްދު ދެއްވީ ތިމާގެ އަމިއްލަ ނަފްސައް، އެއީ މުހުތާޒު ރައްޔިތުން ބެހެއްޓި މަގާމުގައި ހުންނެވިއިރު އަމަލުކުރެއްވީ ހަމަތިޔަހެން އަދި އެއިރު ދިވެހި ރައްޔިތުން އެކުއެކީގައި ރައްދުކުރަމުން ގެންދިޔައީ ނަފްރަތުގެ ބަސްތަކެއް އެހެންކަމުން ތިޔަހުރިހައި މީހުންވެސް ތިޔަކުރާ ކަމަކީ އެކަކު އަނެކަކަށް ނުހައްގުން އަދަބްދީ ދިވެހި ރައްޔިތުން ދީފައިވާ ބާރުގެ ނާޖައިސް ފައިދާ ވަގުތީބޭނުމަކަށް ނެގުން
ކަޅު މުހައްމަދު
03 June 2016
ބާރު ނުފޮނުވޭ ދުވަހު ބާރީ ހަމަ މުހުތާޒު އިން ގޮޑި އަށް ވެއްޓޭނެ. ބާރީގެ އަގު ވެއްޓުނީ. ބޭރު ދުނިޔޭގައި ގައުމު ފަލީހަތްވީ.
ހަސަންބެ
03 June 2016
މިހާރު މިސޮރަށް އެއްޗެއް ވިސްނިފައި ހުންނާނީ..
ހަސަން.
03 June 2016
އަޖައިބެއް ކަހަލަ ބައެއް މިގައުމުގައި އުޅެނީ. ކަޑަ އެޅިގެން ތި މުހުތާޒު އެބުނާ ރެއެއްގައި މާމިގިޔަށް ގޮސް އެތާ ކޯޓު ހުޅުވައިގެން އެތާ އެތެރޭގައި އުޅުނުކަން އެގޭ ކިތަންމެ މީހުންނެއް މި މާމިގިލީގައި އެބަތިބެ. އަދި މާމިގިއްޔަށް އައި ލޯންޗުގެ ފަޅުވެރިންވެސް އެކަމަށް ހެކިދޭ. އެކަމަކުވެސް ބާރީ ގޯސް އޭނަ އޯކޭ ކޮމެންޓު ތަކަށް ބަލާފައި. މިއުޅޭ އެމްޑީޕީ އާއި އެމީހުންނާއި ގުޅިގެން އުޅޭ މަހުލޫފު ކަހަލަ މީހުންގެ ގޮތް ނިކަން ރަގަޅަށް ތި ހަދައިގެން އުޅޭ އިއްތިހާދުންވެސް އެގޭ. ބުނާބަހެއްގެ އިތުބާރު ހުރި އެކަކުވެސް އަބަހުރިތަ އޭގެތެރޭގައި. ކުރީގައި ބާއީ ނާޒިމް މިހާރު ކާނަލް ނާޒިމް ކުރީގައި ބޮޑިބަތް ޖަމީލު މީހާރު ލީޑާރު. ކަރާ މިހާރު ނައިބު. އެންމެ ފަހުން ބާއީ ވަހީދުވެސް ވާނެ މިމީހުންގެ ޢާޒީ އަކަށް. ކޮންމެ ގޮތެއް ހަދައިގެންވެސް މިބައިގަޑު ބޭނުމީ ވެރިކަން.
ފިރުޝާން
03 June 2016
ގާޒީ ބާރީގެ ހަޤީގަތް މުހުތާޒު އަށް ވަރަށް ރަންގަޅަށް އެނގޭނެ. ވީމާ މީގެ ދެބުޅަލުގެ އަރާރުމުގެ ސަބަބުން ރާމާ މަކުނަށް ލިބުނު ފައިދާ މިފަހަރު އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް ލިބިގެން ދާނެ. އެހެން ނޫނަސް މަމެން މިތިބީ ގާޒީ ބާރީގެ މައްސަލަތައް ރައްޔިތުންނާ ހަމަޔަށް ގެނެސް ދޭވޭނެ ދުވަހަކަށް ކެތްމަދުވެފައި.
ފަޑުއްކަ
03 June 2016
މިފަހަރު ބުޅާ ގޯނިން ބޭރުވާނެ އެވެ. ކޮބާ އުއްޗަމަ ފިނޑިޔާރު؟