އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން 161.8 މިލިއަން ރުފިޔާ އަށް އެލިއާއާ ހަވާލުކޮށްފި

އައްޑޫ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.


ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެލިއާއާ އެކު ސޮއިކުރެއްވުމަށް ފަހު ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ސައުދީ ފަންޑާއި އޯޕެކް ފަންޑުން ފައިސާ ހަޖައްސައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ފުރަތަމަ ހެދީ އިންޖިނިއަރިން އެސެސްމަންޓެއް ކަމަށެވެ. އާއްމުކޮށް ހުޅުވާލައިގެން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި ފަރާތަކާ ހަވާލުކޮށްގެން ހެދި މި އެސެސްމަންޓުން، އީސީސީ އަކީ ހޮސްޕިޓަލެއް ހެދޭނެ ތަނެއްކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ ދެ ފަންޑިން އެޖެންސީން ވެސް ޝަރުތުކޮށްފައިވާ މި އެސެސްމަންޓަށް ފަހު، އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޯދުމަށް ބިޑަށް ހުޅުވާލީ މިދިޔަ އޮގަސްޓް 18 ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ ބިޑުގެ ކަންތައްތަކުގައި، ހަތަރު ފަރާތަކުން ބިޑް ހުށަހެޅިއިރު އެންމެ ކުޑަ އަގެއް ހުށަހެޅީ އެލިއާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ނިންމުމަކީ ކޮންވެންޝަން ސެންޓަރު އަދި އައްޑޫ ސިޓީގެ ބިން އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފޭނެ ގޮތަށް ވިސްނައިގެން ނިންމާފައިވާ ނިންމުމެއް. މުޅިން އާ އިމާރާތެއް ހަދައިގެން މިވަރުގެ ހޮސްޕިޓަލެއް ހަދާ ކަމުގައިވާ ނަމަ ވަރަށް ބޮޑު ހަރަދެއް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު ވިދާޅުވީ އެލިއާއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ހާމައަށް ހުންނަ ދެވަނަ ބުރި ބަދަލުކޮށް، މުޅި ކޮންވެންޝަން ހޯލް ދެ ބުރީގެ އިމާރާތަކަށް ހެދުމެވެ. އޭގެ އިތުރުން، މިހާރު ހުރި ހުރިހާ ކޮޓަރިއެއް ހޮސްޕިޓަލެއްގައި ހުންނާނެ ފަދަ ކޮޓަރިތަކަށް ބަދަލުކޮށް، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި ހުންނާނެ އިންޓީރިއާ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިނިސްޓަރު މުއިއްޒު ވިދާޅުވީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެލިއާއާ މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ނިންމައި އެންމެ ލަސްވެގެން މޭ 8، 2018 ގައި އެ ތަން މިނިސްޓްރީއާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެލިއާ އިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތާ އެކުއެކީގައި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށާއި އަދި އުސޫލުތަކުގެ ތެރެއިން އެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި މުޅިން އާ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ ސަރުކާރުގެ ވައުދެކެވެ. އާ އިމާރާތެއް އެޅުމުގެ ބަދަލުގައި، 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ހެދި އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި ބައެއް ރައްޔިތުން ވެސް ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މުއިއްޒު މިއަދު ވިދާޅުވީ އެ ކަންބޮޑުވުންތައް ހުރި ނަމަވެސް، މި މަސައްކަތުގެ މަގްސަދާއި ފައިދާ އަށް ބެލުން މުހިންމު ކަމަށެވެ. އެގޮތުން، ސަރުކާރުގެ ނިންމުމުގެ ސަބަބުން، ބޭނުމެއް ނުކުރެވި، ބޭކާރު ގޮތެއްގައި ހުރި ކޮންވެންޝަން ސެންޓަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގައި ނަޝީދު ސަރުކާރުން ކޮށްފައިވާ ވަރަށް ބޭކާރު ހަރަދެއް އަދި އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް އަމަލެއް ވެސް ހިމެނޭ ކަމެއް ކަމަށް އޭރުގައި ހެދިފައިވާ އޮޑިޓް ރިޕޯޓުތަކުން ވެސް ފެންނަ ތަނެއް. އެހެންވީމަ، ތަނުގެ ބޭނުން ނުހިފި، ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ހުރި ތަނެއް، އެ ތަން ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ވެސް އައްޑޫ ސިޓީގެ ރައްޔިތުންގެ ހައްގުގައި ވެސް ކުރަންޖެހޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.