ަލަންޑަންގައި ބޭއްވި ބައްދަލުވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި، ޔުނައިޓެޑް އޮޕޮޒިޝަންގެ ތަރުޖަމާން މަހްލޫފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
03 ޖޫން 2016 - 11:27
ސިޔާސީ ހަތުރުންގެ ގޮތުގައި ކުރިން ތިބި ގިނަ ބަޔަކު "މިތުރުންނަށް" ވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ކަމަށާއި އެއީ އިދިކޮޅު އިއްތިހާދުން ކާމިޔާބުކުރާނެ ކަމެއް ކަމަށް އެ އިއްތިހާދުގެ ތަރުޖަމާން އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
"ޔުނައިޓެޑް އޮޕޮޒިޝަން" އެކުލަވާލުމުގެ ބައްދަލުވުމަށް ލަންޑަނަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މަހްލޫފް ވިދާޅުވީ އިއްތިހާދުގެ ބޭފުޅުންގެ މެދުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކެއް ކުރިން ހުއްޓަސް މިހާރު އެކަން ހަނދާން ނައްތާލާފައިވާ ކަމަށެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އެއްގަލަކަށް އެރީ، ރައްޔިތުންނަށް ދިވެހި ގައުމު އަނބުރާ ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ސިޔާސީ އެކި ފިކުރުތަކުގައި މަސައްކަތް ކުރި ބޭފުޅުންތަކެއް އެއް މޭޒެއްގެ ދޮށުގައި އިށީނުމާ މެދު ވިސްނަން ވަގުތުކޮޅެއް ނެގި އެވެ. އެކަމަކު ހިޔާލުތަފާތުވުން އެއްފަރާތްކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އިދިކޮޅު އިއްތިހާދުން ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގެ އެކުލަވާލަން ބޭއްވި ޕްރެސް ކޮންފަރެންސް. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު
"ކޮންމެ މީހަކަށް ދިމާވެފައި ހުރި މައްސަލަތަކަށް ވުރެ މުޅި ރާއްޖޭގެ މައްސަލަ އާއި ދިވެހި ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް މާ މުހިއްމު، އެހެންވެ އަޅުގަނޑުމެން މަސައްކަތް މި ފެށީ،" މަހްލޫފް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން، އަޅުގަނޑުމެން މި މަސައްކަތް މި ކުރާ ސަބަބަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުން. އިރާދަކުރެއްވިއްޔާ އެކަން ވާނެ."
ކޮންމެ މީހަކަށް ދިމާވެފައި ހުރި މައްސަލަތަކަށް ވުރެ މުޅި ރާއްޖޭގެ މައްސަލަ އާއި ދިވެހި ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް މާ މުހިއްމު. --މަހްލޫފް
ކޯލިޝަނުގެ ވިސްނުން ހުރީ، މަހްލޫފް ވިދާޅުވި ގޮތުގައި، ސަރުކާރު ބަދަލުކޮށް އިންތިގާލީ މަރުހަލާ ހިންގަވާ ބޭފުޅަކީ ޑރ. ޖަމީލަށް ހެދުމަށެވެ. އޭގެ ފަހުން، އިއުލާންކުރާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި ހުރިހާ ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ ދެކޮޅަށް ތެދުނުވެއްޖެ ނަމަ ރައްޔިތުންގެ އަތުން ފޭރި، ގެއްލުވާލަމުންދާ ހައްގުތައް އަނބުރާ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ރާއްޖޭގެ ކަންކަން ހިންގާ ގޮތަށް ބަލާއިރު، 2018 ގައި ރިޔާސީ އިންތިހާބެއް އޮންނާނެތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ސުވާލަށް ވެސް ޖަވާބު ހޯދޭނީ މަސައްކަތްތަކެއް ކޮށްގެން ކަމަށް އިދިކޮޅު އިއްތިހާދުން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހްލޫފް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މަހްލޫފް ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރަން ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިން އަމުރު ހޯއްދެވީ ޖަމީލް އަންގަވައިގެން ކަމަށް ކޯޓުގައި ހެކި ދިނުމަކީ ސަރުކާރުން ކުރުވި ކަމެއް ކަމަށެވެ. ބޭނުމަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ފަޟީހަތްކޮށްލުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މިއީ، ޖަމީލްގެ ދުވަސް ދުއްވާލުމަށްޓަކައި ރޭވިގެން ކުރެވިގެންދާ ކަމެއް. މިއީ ސަރުކާރުގެ ތެރެއިން ނެގިގެން އަންނަ ރާޅެއް،" މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅު ހަރަކާތްތަކެއް ހިންގަން ރާވާފައިވާއިރު، އެ ހަރަކާތުގެ އިސް ލީޑަރުން ތިއްބެވީ ލަންޑަންގަ އެވެ. އޭގެ ތެރޭގައި ޖަމީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު އެންމެން ލަންޑަންގައި ތިބެގެން އިދިކޮޅު ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މަހްލޫފް ވިދާޅުވީ ލީޑަރުންގެ ލަފަ އާއި އިރުޝާދުގެ ދަށުން ހަރަކާތްތައް ކުރިއަށް ގެންދާނީ ރާއްޖޭގައި ތިއްބެވި ހިޔަނި ކެބިނެޓްގެ މިނިސްޓަރުން ކަމަށެވެ. ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން މިއަދު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުމޯލު
27 August 2016
ހަތުރުން މިތުރުންނަށް ހެދީ އަމިއްލަ އެދުމަށްޓަކައި.
އެދުރުބެ
26 August 2016
މަހްލޫފް ގެ ފެންވަރެއް ނޫން.
މައިކަލް
26 August 2016
ހަތުރުން މިތުރުންނަށްވީ މަހްލޫފު ޖަލަށްލާން. އެކަންކޮށްފި. ތިޔަބުނާކަމެއް ތިޔަހަތުރުންނާ މިތުރުންނަކަށް ނުވާނެ. އެހާޗަސްޕެއްނެތް
ހަސަދު
05 June 2016
ވެރިކަން ބަދަލު ކުރަން ޖެހެނީ ރަނގަޅު ކުރަން، އެހެނަސް ވަގުން ކަން ސާބިތު ކޮށްދީފައި ތިބި މީހުންނާ، ކަނޑުކޮހުން ކަންސާބިދު ވެފައިވާ މީހުން ލައިގެން ގެންނަ ބަދަލު ވެސް ވާނީ ހަމަ ފުލޮޕް. މިހާރު ހުރިހާ ދިވެހިން މިކަންކަމަށް ވިސްނަން ވެއްޖެ
ސައިބޯރގް
03 June 2016
މަޚްލޫފު ހިމްސެލްފް އެއީ ޕީޕީއެމްގެ އުފެއްދުމެކެވެ. އެ އުފެއްދުމުގައި ހުރި ހުރިހާ ފަންކްޝަންސް ތަކާއި އަދި އޭގެ މައިކްރޮޕްރޮސެސަރ މަސައްކަތް ކުރާ ގޮތް ޑްރައިވް ކުރާނީ އަބަދުވެސް ޕީޕީއެމް އިންނެވެ. މިހާރު މަޚްލޫފު އަށް ވެގެން އުޅޭ ގޮތަކީ އެއީ މަޚްލޫފުގެ ސޮފްޓްވެއަރ ސްޓަކް ވެގެން އެއުޅެނީ. ސޮފްޓްވެއާރގެ ހުރިހާ ޑްރައިވަރސްތައް ވެސް މަސައްކަތެއް ނުކުރޭ އަދި ރިޕެއަރ ޕެޗްސްތައް ނެތް ހަދާފައި މި 3 އަހަރު ވެސް. ސާރވިސް ޕެކް ވަނީ އަޕްގްރޭޑް ނުކޮށް 4 އަހަރު ދުވަސް ވީއިރު ވެސް. މި ޕްރޮޑަކްޓް އެބަ ޖެހޭ ލެބަށް ވައްްދަން ރިޕެއަރ އެންޑް މެއިންޓަނަންސް އަށް ޓަކައި.
އައްޓަމަސް
03 June 2016
މުޅި ގަވްމުގައި ރައީސްއިން މަހްލޫފްމެން ހޫނުބޮނޑިބަތް ކެވުނުއިރު ކައިފަ، ބޮނޑިބަތްގަނޑު ހިހޫވީމައި ކެވުނު ބޮނޑިބަތްގަނޑު ވެސް ގޯސްވީ!
އަލީ ފާއިޒު
03 June 2016
ހަތުރުން މިތުރުންނަށް ވީ ވެރިކަމުގެ ދަހިވެތި ކަމުގަ، ވަރަށް ސަލާމް، މި ދައުރު ނިމުނީމަމަހުޅުފުމެންވެސް ވާނީ މަގުމަތި، އެހެންވީމަ ކޮންމެ ގޮތަލުންވެސް ވެރިކަން ލިބޭތޯ ބަލަންވާނެތާ...
ކަރަޕްޓްމޭން
03 June 2016
ހަތުރުން މިތުރުންނަށް ވެ ރައީސް ޔާމީން ގެ ވެރިކަން ބަދަލު ކުރަން މަޚްލޫފު ފޫގަޅައިގަތީ މަޚްލޫފުގެ ގެ 10 ބުރި އަށް ހެދުމަށް ޓަކައި ބޭނުންވާ ފަންޑް ޕީޕީއެމް ތެރޭން ނުލިބުމުން ނޫންތޯއެވެ. މަޚްލޫފު ނޫންތޯ ބުނީ ތިމަންނާ މީޑިއާ ތަކަށް ދެން އިންޓަވިއު ދޭނީ ތިމަންނާގެ ގެ 10 ބުރިއަށް ހަދަން ބޭނުންވާ ފަންޑް ހަމަޖެހޭނެ ދުވަހަކާއި އަދި ހަމަޖެހޭނެ އަދަދެއް ތިމަންނާ އަށް އެންގުމުން ކަމަށް. އަދި އެތީނާ ސިނަމާ ކައިރީގައި ހުންނަ ކޮންޑަމީނިއަމް އިން އެޕާރޓްމަންޓް އެއް ޕީޕީއެމް އިން ކުއްޔަށް ހިފާ ތިމަންނާ އެތަނަށް ގެ ހަދާ ނިމެންދެން ބަދަލުކޮށް ދިނުމަށް. މީ ނޫންތޯ މަޚްލޫފު ޕީޕީއެމްގެ ނައިބް ރައީސް ކައިރީގައި ދެއްކި ވާހަކަ ތަކަކީ. މިކަން ނުވުމުން ދެން ކޮންމެހެން ސަރުކާރު ބަދަލު ކުރަން ޖެހޭތޯއެވެ. ބަލަގަ ބީއެމްއެލް އިން ލޯން ނަގައިގެން އެހެން މީހުން ވެސް ގެދޮރު ހަދާ ގޮތަށް ގެ ދޮރު ހެދީމާ ނިމުނީ ނޫންތޯއެވެ.
ކަޅު މުހައްމަދު
03 June 2016
ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ޓަކައި ރާއްޖޭގެ އޭރުގެ ހާލަތު އޮތް ގޮތުން މަޖުބޫރީ ހާލަތުގައިވެސް ނަޝީދު ދެއްކެވިފަދަ ރިވެތި ހިއްތިރި ސިފައެއް މިރައީސް ޔާމިން ކިބަޔަކުން ނުފެނާނެ. ޖައްބާރު ވެރިންގެ ވާހަކަ ނިމޭނީ ވަރަށް ހިތިކޮށް.
ފިނޑި ނަޝީދު
25 August 2016
ބަލަ މީހަކު މަގުމައްޗަށް ނިކުމެލާއިރަށް ނުޖެހެއޭ އިސްތިއުފާ ދޭކަށް. އިސްތިއުފާއަށް ގޮވަން 200 މީހުންވެސް ނުނިކުމޭ. ދެން ކޮން އިސްތިއުފާއެއް.
ކުރަންވީ
03 June 2016
އިދިކޮޅު ފަރާތް ތަކަކީ އެއީ ރާއްޖެ ދެކެ ކުޑަ ވެސް ލޯބިވާ ބަޔެއް ނޫނެވެ. އެމީހުންނަކީ ރާއްޖޭގެ ތަރައްގީ އާއި ވަރަށް ޖެލަސް ވާ ބަޔެކެވެ. އެގޮތުން މަޚްލޫފު އަށް ވެސް އިނގޭ ގަލޮޅު ދެކުނު ދާއިރާ ގެ ރައްޔިތުންނަށް ފްލެޓްސް ތައް ރައީސް ޔާމީން ގެ ވެރިކަމުގައި މާލެ ވިލިގިލީގައި ވިލިގިލިން އެ އެންމެންނަށް ފްލެޓްސް ތައް ދީފިނަމަ ދެން މަޚްލޫފު އަށް ތާއީދު ކުރާނެ ބަޔަކު ގަލޮޅު ދެކުނު ދާއިރާގައި ނުތިބޭނެ ކަމަށް. ކަން މިހެން ހުރުމުން ސަރުކާރުން ހައްދަވަންވީ ގޮތަކީ މުޅި މާލެ އަށް އަމާޒު ކޮށްގެން ފުރަމާލެ މީހުންނަށް އެކަނި ކަމަށް ބަޔާން ކޮށް މާލެ ވިލިގިލީގައި 30 ހާސް ހައުސިންގް ޔުނިޓްސް އެޅުމުގެ މަސައްކަތް ފަށަންވީ އެމްޓީސީސީ އާއި ބީއެމްއެލް ޖޮއިންޓް ވެންޗަރ އެއް ހަދައިގެން. ބީއެމްއެލް އިން ލޯން ނަގައިގެން އެމްޓީސީސީ އަށް މިކަން ވެދާނެއެވެ. މިކަން ކުރަންވީ އަަވަހަށް. ކޮން ހަތުރުން މިތުރުން ކިޔާ ކަށް ތޯއެވެ. މަޚްލޫފު އަށް ދާއިރާގެ ތަރައްގީ އަށް ގަލެއް ވެސް ފުރޮޅާ ނުލެވުނެވެ.
ދޮންދީދީ
25 August 2016
ތަރައްގީވެއްޖެތަ؟ އަންނަ މަހުގެ 18 ގައިވެސް ރައްޔިތުން އަތުން ދައުލަތަށް 300މިލިއަން ރުފިޔާ ނަގަން ފަށާނެ. އެއީ ތަރައްގީދޯ؟
އަލީ
25 August 2016
ނަޝީދު ރައްޔިތުން އަތުން ނެގި ވަރާ ގާތަށްވެސް ނުނެގުނު ދޯ؟ މިހާރު ނރައްޔިތުންއަތުން ނަގާފައި ހިދުމަތް ދެއޭ. އާސަންދައިން ކިޑްނީ ބަދަލު ކުރެވޭ. ކުރިން ލިބެނީ ޕެނެޑޯލްގުޅަ އެކަނި.